ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ގަތް ބީބީސީ ޕްރެޒެންޓަރަކަށް ޖަލު ހުކުމެއް

ކުޑަކުދިންގެ ނޭދެވޭ ފޮޓޯތަކެއް އާންމުކުރި މައްސަލައިގައި ހުކުމް އިއްވި ބީބީސީގެ ފްލެގްޝިޕް ނިއުސް ޕްރޮގްރާމްގައި ދިގު މުއްދަތަކަށް ޚަބަރު ހުށަހަޅައިދިން ކުރީގެ ޕްރެޒެންޓަރު ހޫ އެޑްވާޑްސް. ފޮޓޯ/ރޮއިޓާސް

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަަރު ފެންނަ ފޮޓޯތަކެއް ގަތް މައްސަލައިގައި، ބީބީސީގައި ދިގު މުއްދަތަކަށް ޚަބަރު ހުށަހަޅައިދިން ކުރީގެ ޕްރެޒެންޓަރު ހޫ އެޑްވާޑްސްއަށް ހަ މަހުގެ ޖަލު ހުކުމެއްކޮށްފިއެވެ.

އުމުރުން 63 އަހަރުގެ އެޑްވާޑްސްއަށް އެ މައްސަލައިގައި ކޮށްފައިވަނީ ކުޑަކުރިންގެ އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާއެވެ. އޭނާ ވަނީ އޭނާގެ މައްޗަށް ކުރި ތިން ދައުވާއަށް ވެސް އިއުތިރާފުވެފައެވެ.

އެ މައްސަލައިގައި އެޑްވާޑްސް ކުށަށް އިއުތިރާފުވެފައިވާތީ އާއި އޭނާ ކުށް ތަކުރާރުނުކުރާނެކަން ކަށަވަރު ކުރުމަށް އިތުރު ފިޔަވަޅު އަޅާތީ، އޭނާގެ ހުކުމް ވަނީ ދެ އަހަރަށް ސަސްޕެންޑުކޮށްފައެވެ. އެހެންވެ، އެ މުއްދަތުގައި އޭނާ ކުށެއް ނުކުރާނަމަ ޖަލު ހުކުމް ތަންފީޒު ކުރަން ނުޖެހޭނެއެވެ.

އެ ހުކުމުގައި ވަނީ، ޖިންސީ ކުށްކުރާ މީހުން އިސްލާހު ކުރުމަށް ނަގައިދޭ ފަރުވާ ޕްރޮގްރާމެއްގައި އޭނާ ބައިވެރިވާން ޖެހޭ ކަމަށާއި 25 ރިހެބިލިޓޭޝަން ސެޝަންގައި ބައިވެރިވާން ޖެހޭނެ ކަމަށް އަންގައިފައެވެ. އަދި ޖިންސީ ކުށް ކުރާ މީހުންގެ ދަފުތަރުގައި އޭނާގެ ނަން ހަތް އަހަރު ވަންދެން އޮންނަން ވާނެ ކަމަށާއި އޭނާ 4،128 ޑޮލަރު ދައްކަން ޖެހޭ ކަމަށް ވެސް ހުކުމުގައިވެއެވެ.

އެ މައްސަލައިގެ ޝަރީއަތުގައި ފާހަގަކޮށްފައިވާ ގޮތުގައި އެޑްވާޑްސް ފޮޓޯ އާއި ވީޑިއޯ ގަނެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ރެކޯޑު އޮތް މީހެއްގެ ފަރާތުންނެވެ. އެގޮތުން ޑިސެމްބަރު 2020 އާއި އޮގަސްޓު 2021އާ ދޭތެރޭ އޭނާ، އެލެކްސް ވިލިއަމް ކިޔާ އެ މީހާގެ އަތުން ފޮޓޯ އާއި ވީޑިއޯ ހޯދައި، 2،000 ޑޮލަރު ފޮނުވައިފައިވާ ކަމަށް ޝަރީއަތުގައި ފާހަގަކޮށްފައިވެއެވެ.

އެ މުއްދަތުގައި ތެރޭގައި ވިލިއަމް ވަޓްސްއެޕް މެދުވެރިކޮށް އެޑްވާޑްސްއަށް 41 ފޮޓޯ އާއި ވީޑިއޯ ފޮނުވައިފައިވާއިރު އޭގެ ތެރޭގައި 13، 14 އަދި 15 އަހަރުގެ ކުދިންނާއި ހަތް އަހަރާއި ނުވަ އަހަރުގެ އުމުރުފުރާގެ ތެރޭގައި ހިމެނޭ ކުއްޖެއްގެ ފޮޓޯ ވެސް ހިމެނެއެވެ.

އެ މައްސަލައިގައި އެޑްވާޑްސްގެ ވަކީލު ފިލިޕް އިވާންސް ވިދާޅުވީ އޭނާއަށް ކުށްކުރެވުނީ އެ ދުވަސްވަރު އޭނާގެ ނަފުސާނީ ސިއްހަތު ރަނގަޅު ނުވުމުންނާއި އޭނާގެ ކައިވެނި ރޫޅޭތީ އާއި ބަނގުރާ ބޭނުން ކުރަމުން ދިޔުމުން ކަމަށެވެ.

comment ކޮމެންޓް