ސައުތު އިންޑިއަން އިންޓަނޭޝަނަލް މޫވީ އެވޯޑު (ސީމާ)ގެ މި އަހަރުގެ ޝޯގައި އެ އިންޑަސްޓްރީގެ ގިނަ ތަރިން ބައިވެރިވިއިރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނީ، އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަރާދިޔާއަށެވެ.
އަރާދިޔާ މި އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވެފައިވަނީ މަންމަ އައިޝްވާރްޔާ ރާއީއާ އެކުއެވެ. އައިޝްވާރްޔާ މުހިއްމު ރޯލް ކުޅުނު ތަމަޅަ ފިލްމު "ޕޮނިޔިން ސެލްވަން 2"އިން ބަތަލާއަށް ވަނީ ފިލްމު ކްރިޓިކުން ދޭ އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބިފައެވެ.
މި އެވޯޑާ ހަވާލުވުމަށް އައިޝްވާރްޔާ ސްޓޭޖަށް އެރުމާ އެކު ބަތަލާއަށް އެންމެ ހޫނު މަރުހަބާއެއް ކިޔާފައިވަނީ ދަރިފުޅު އަރާދިޔާއެވެ. މި މަންޒަރާ އެކު ސޯޝަލް މީޑިއާގައި ގިނަ މީހުން އަރާދިޔާ ސިފަކޮށްފައިވަނީ އައިޝްވާރްޔާގެ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ވެސް އެންމެ ބޮޑު ތަރުހީބެއްދޭ ބަތަލާގެ އެންމެ ބޮޑު 'ޗިއަލީޑަރު'ގެ ގޮތުގައެވެ.
މި ނޫނަސް އައިޝްވާރްޔާ ބައިވެރިވާ ވަރަށް ގިނަ ހަފުލާތަކުގައި އެންމެ ގާތުގައި އަބަދު ވެސް ފެންނަން ހުންނާނީ ދަރިފުޅު އަރާދިޔާއެވެ. އައިޝްވާރްޔާއާއި ފިރިމީހާ އަބީޝެކް ބައްޗަންގެ ގުޅުން ގޯސްވެ، ބައްޗަން އާއިލާއާ އެކު އޮންނަ ގުޅުން ރަނގަޅު ނޫންކަމަށް މީޑިއާގައި ވާހަކަދެކެވެން ފެށީ ވެސް މި ސަބަބާ ހެދިއެވެ.
މީގެ ކުރިން ބައްޗަން އާއިލާގެ ގިނަ ހަފުލާތަކުން އައިޝްވާރްޔާ ފެނުނު ނަމަވެސް ފަހަކަށް އައިސް އެ އާއިލާއާ އެކު އައިޝްވާރްޔާ އެއްގޮތަކަށް ވެސް ނުފެނެއެވެ. މި ކަމާ ގުޅިގެން ދާދި ފަހުން ނޫސްވެރިޔަކު އަބީޝެކާ ސުވާލުކުރުމުން ބުނެފައިވަނީ މީޑިއާއިން ބޭނުންގޮތަކަށް ޚަބަރުތައް ފެތުރި ނަމަވެސް އެކްޓަރުގެ ކައިވެނީގައި މައްސަލަ ނުޖެހޭ ކަމަށާއި އެއީ އަދިވެސް އައިޝްވާރްޔާގެ ފިރިމީހާ ކަމުގައެވެ.
މި އެވޯޑު ހަފުލާއަށް އައިޝްވާރްޔާގެ ދެމައިންނާ އެކު އަބީޝެކް ދިޔަކަން ހާމަވާ ވީޑިއޯއެއް ވެސް ދާދިފަހުން އިންޓަނެޓުގައި ވަނީ ދައުރުވެފައެވެ. ނަމަވެސް، އެވޯޑު ހަފުލާގައި އަބީޝެކް ބައިވެރިވެފައެއް ނުވެއެވެ.