އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ޝާމިލްވާ، އެ ފައިސާ ނެގި މީހުންގެ ނަންތައް އިއުލާނު ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ އަމިއްލަފުޅު ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އިން ސިލްސިލާކޮށް ބާއްވާ ޖަލްސާއެއްގައި މިރޭ ޔާމީން ވިދާޅުވީ، ހޯމް މިނިސްޓަރު އަލީ އިހުސާން ފެންނަނީ 'މެގަ' މިނިސްޓަރެއްގެ ގޮތުގައި ކަމަށާއި އާންމުންނަށް ދައްކަވަން ބޭނުންފުޅުވަނީ 'ވަރަށް ގަޓްސީ މާޗޯ' މިނިސްޓަރެއްގެ ގޮތުގައި ކަމަށެވެ.
މިސާލެއްގެ ގޮތުން ޔާމީން ވިދާޅުވީ، ބިދޭސީންގެ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކައިގެން ކޮށްފައި ހުރި ޖޫރިމަނާތައް ނުދައްކާ ކުންފުނިތަކުގެ ނަންތައް އިއުލާނުކުރި ކަމަށާއި ގަވާއިދާ ޚިލާފަށް ފިލައިގެން އުޅޭ ބިދޭސީން އިއުލާނުކުރާ ކަމަށެވެ.
ރައްޔިތުން ބޭނުންވާ ކަންތައްތަކުގެ ތެރެއިން ގެދޮރުވެރިކަން ފިޔަވައި، ރައްޔިތުންގެ 'ހުރިހާ ސަމާލުކަމެއް' އޮތީ ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވި މީހުންގެ މައްސަލަތަކަށް ކަމަށް ޔާމީން ވިދާޅުވިއެވެ.
ޚިޔާނާތުގެ މައްސަލަތައް 'އެންމެނަށް ބޮޑުވެގެން' އުޅޭއިރު، އެމްއެމްޕީއާރުސީން ފައިސާ ނެގި މީހުންގެ ނަންތައް ހޯމް މިނިސްޓްރީން އިއުލާނު ނުކުރަނީ ކީއްވެތޯ ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.
ކޮން ކަހަލަ މައްސަލައެއް އުޅޭތީ ތޯއޭ އަދީބު އަތުން ފައިސާ ނަގާފައި ހުރި ފަރާތްތަކުގެ ނަންތައް އިއުލާންކޮށްލަން ނުކުރިގެން މިއުޅެނީ. އެއީ ދެއްތޯ ރައްޔިތުން މިއަދު ބޭނުންވާ ކަމަކީ
މީގެއިތުރުން، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ނެގި ފަރާތްތަކުގެ ނަންތައް އިއުލާނު ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށާއި އެއީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ޔާމީން ވިދާޅުވެފައިވެއެވެ.
ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި އެކި މަގާމުތަކުގައި ތިބޭ މީހުންގެ މައްޗަށް އެމްއެމްޕީއާރުސީގެ ޚިޔާނާތް ފަދަ ބޮޑު މައްސަލައެއްގެ ތުހުމަތުވެއްޖެނަމަ ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަކަށް ހުންނަ ބޭފުޅަކަށް އެ މައްސަލައެއް ބެލުމަށް ލާޒިމްކަން ޔާމީން ވަނީ ފާހަގަކުރައްވާފައެވެ.
އިތުރަށް ވާހަކަދައްކަވަމުން ޔާމީން ވަނީ، އެމްއެމްޕީއަރުސީގެ ފައިސާ ނެގި ފަރާތްތަކުގެ ސައްހަ ލިސްޓެއް ފުލުހުންގެ އަތުގައި އޮންނާނެ ކަމަށް ވިދާޅުވެފައެވެ.
ކީއްވެގެން ހެއްޔޭ [ހޯމް މިނިސްޓަރު] އިހުސާނަށް ނޫނީ ޕޮލިސް ކޮމިޝަނަރަށް އެމްއެމްޕީއާރުސީ ނުވަތަ އަދީބް އަތުން ލާރި ނެގި މީހުންގެ ލިސްޓެއް އިއުލާނު ކޮށްލަން ނުކެރިގެން މިއުޅެނީ. ކިހާ ވަރެއްގެ ގައުމީ ސަލާމަތެއް އޭގަ އެކުލެވޭތީ ހެއްޔޭ
ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާއި އެހެނިހެން ވައްކަންތަކުން ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ފަސް ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން، ދައުލަތަށް ލިބެންޖެހޭ 13 ބިލިއަން ރުފިޔާ އެބަ ހުރި ކަމަށާއި އެ ފައިސާ ހޯއްދަވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.