މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހުުޅުމާލޭން ހަތަރު ދިވެހީން ހައްޔަރުކޮށް، އޭގެ ތެރެއިން ދެ މީހަކު ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކުރީ ތިން ފިރިހެނުންނާއި އަންހެނަކު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން، މި ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓު ބަލައިފާސްކުރިިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 76 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވ. ފައިވްފްލާވާ، އުމުރުން 44 އަހަރުގެ އަޙްމަދު އަފްރާޙް އާއި ހުޅުމާލެ، ފްލެޓް ނަންބަރު 04-ޖީ-10، އުމުރުން 48 އަހަރުގެ ޢަލީ ޢަބްދުﷲ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، އަނެއް ދެ މީހުން ޝަރުތުކުރުމަށްފަހު ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ އެއީ 43 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ އަންހެނެކެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ފުލުހުންގެ އެންމެ ފަހުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ 1،156 މައްސަލަ ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.