އާސެނަލް އާއެކު ހަދައިފައިވާ އެއްބަސްވުން އާޓޭޓާ އާކޮށްފި

އާސެނަލް އާއެކު ހަދައިފައިވާ އެއްބަސްވުން އާޓޭޓާ އާކޮށްފި --

އިންގްލިޝް ޕްރިމިއާ ލީގުގެ އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާ އެޓީމާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އާޓޭޓާ އެޓީމާއެކު ހެދި އާ އެއްބަސްވުމުގެ ދަށުން އޭނާ 2027ވަނަ އަހަރުގެ ނިޔަލަށް އާސެނަލްގައި ހުންނާނެއެވެ. މިސީޒަން ނިމުމުން އާސެނަލް އާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނަން އޮތް އިރު މިސީޒަންގެ ކުޅުން ފެށުނުއިރު ވެސް އާ އެއްބަސްވުމެއްގައި އާޓޭޓާ ސޮއިކޮށްފައިނުވާތީ އާސެނަލްގެ މެނޭޖްމަންޓާއި ސަޕޯޓަރުންގެ ފަރާތުން ކޮންމެވެސް ވަރެއްގެ ހިތް ނުތަނަވަސް ވުމެއް ފާހަގަވެގެންދިޔައެވެ.

އާސެނަލްގައި އިތުރު ތިން އަހަރު މަޑުކުރަން ނިންމި އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ވާހަކަ ދައްކަމުން އާޓޭޓާ ބުނީ އޭނާއަށް އާސެނަލް އާއެކު އާދެވިފައިވާ ހިސާބާމެދު ފަހުރުވެރިކަމަށާއި އަދި ކުރިއަށް ދެން އަންނަން އޮތް ދުވަސްތައް މަތިން ހަނދާންވުމުން އިތުރު ހިތްހަމަ ޖެހުމެއް ލިބިގެންދާކަމަށެވެ.

އާސެނަލް އިން އެޓީމުގެ ކޯޗުކަމަށް އާޓޭޓާ ހަމަޖައްސާފައިވަނީ 2019ވަނަ އަހަރު ކުރިން އެމަގާމުގައި ކުރި އުނާއި އެމްރީ މަގާމުން ވަކިކުރުމަށްފަހުއެވެ. އޭރު އާޓޭޓާ މަސައްކަތް ކުރަމުންދިޔައީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އެސިސްޓަންޓް ކޯޗެއްގެގޮތުގައި ސިޓީގައެވެ. އަދި އޭނާ ހަވާލުމަށްފަހު 2019 އަދި 2020 ވަނަ ސީޒަންގެ އެފް އޭ ކަޕް އާސެނަލް އަށް ކާމިޔާބު ކޮށްދިނެވެ.

އެއީ އޭނާ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށް ކާމިޔާބުކުރި ފުރަތަމަ ތަށްޓެވެ. އާސެނަލް އިން ވަނީ އާޓޭޓާގެ ކޯޗުކަމުގެ ދަށުން ވޭތުވެދިޔަ ދެ ސީޒަންގައި ވެސް އިންގްލިޝް ޕްރިމިއާ ލީގުގެ ޗެމްޕިއަން ސިޓީގެ ފަހަތުން ދެވަނަ ހޯދާފައެވެ. 2003 އަދި 2004 ވަނަ އަހަރުގެ ސީޒަނަށް ފަހު ފުރަތަމަ ފަހަރަށް ލީގު ކާމިޔާބު ކުރުމަށް އާސެނަލް އިން ކުރަމުންދާ މަސައްކަތް އަދި ކާމިޔާބު ވެފައިނުވި ނަމަވެސް އެންމެ ފަހު ދެ ސީޒަންގައި ވެސް އާސެނަލްއިން ވަނީ ސީޒަން ނިމެންދެން ވެސް ޗެމްޕިއަން ސިޓީ ހާސްކަމުގެ ތެރޭ ހިފައްޓާލައިފައެވެ.

އާސެނަލްގެ ކޯ ޗެއާމަން ޖޯޝް ކުރޮއެންކާ ބުނިގޮތުގައި އާޓޭޓާއަކީ އާސެނަލްގެ އުސޫލްތަކާއި ދުރުވިސްނުން ވަރަށް ރަނގަޅަށް ދަންނަ ކޯޗެކެވެ. އަދި 2019 ގައި އެޓީމާއި ހަވާލުވުމަށްފަހު އާސެނަލް އިތުރު ހަރުފަތަކަށް ގެންގޮސްދީފައި ވާކަމަށް ވެސް އޭނާ ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު