ދިވެހި އަންހެނުން ބިދޭސީންނާ ކައިވެނިކުރަން ހުށަހަޅާ ނިސްބަތް ކުއްލިއަކަށް އިތުރުވެއްޖެ

އޮގަސްޓު 23، 2020: މާލޭ ހީނާމާގެ ޕާކިން ކައިރީ ބިދޭސީންތަކެއް -- ސަން ފޮޓޯ -- ފަޔާޒު މޫސާ

ބިދޭސީ ފިރިހެނުންނާ ދިވެހި އަންހެނުން ކައިވެނިކުރާ ނިސްބަތް ކުއްލިއަކަށް އިތުރުވެފައިވާކަން ފާހަގަކުރެވިފައި ވާކަމަށް ފެމެލީ ކޯޓުން މިއަދު ބުނެފިއެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ފެމެލީކޯޓުގެ އޮފިޝަލަކު ވިދާޅުވީ ބިދޭސީ ފިރިހެނުންނާ ރާއްޖޭ އަންހެނުން ކައިވެނިކުރާ ނިސްބަތް މިހާރު އިތުރުވެފައިވާ ކަމަށެވެ.

މިކަން ފާހަގަވީ އެ ކޯޓުގެ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ކައިވެނިކުރަން އެދި ހުށަހަޅާ ފޯމާއެކު, ބިދޭސީން ސައްޚަ ވިސާ ހުށަހަޅަން އެ ކޯޓުން ގެނައި ބަދަލާ އެކުގައި ކަމަށް އެ ކޯޓުގެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

"އިތުރުވެއްޖެ. ސީދާ އިތުރުވި ވަރެއް ބުނާކަށް ނޭނގެ. މިހާރު ކައިވެނިކުރަން ހުށަހަޅާ ޕޯމާއެކު ސައްޚަ ވިސާ ހުށަހަޅާ ގޮތަށް އިނީމަ ފޯމްތައް ކަލެކްޓް ކުރާއިރު އެނގޭ ކުރިއަށްވުރެ އިތުރުވާކަން،" ފެމެލީ ކޯޓުގެ އޮފިަޝަލު ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ބިދޭސީން ރާއްޖޭގެ އަންހެނުންނާ ކައިވެނިކުރާ ނިސްބަތް ކުއްލިއަކަށް އިތުރުވެފައިވީ ނަމަވެސް އިތުވީ ވަކި ކޮން ސަބަބަކާ ހުރެކަން އަދި އެނގިފައިނުވާ ކަމަށެވެ. އަދި ހޯދުމަށް މިހާތަަނަށް އެއްވެސް ދިރާސާއެއް ވެސް ކުރެވިފައި ނުވާކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ގާނޫނު ބުނާގޮތުން ބިދޭސީއަކާއި ދިވެއްސެއްގެ ކައިވެނި ކުރެވޭނީ، ކައިވެނި ކުރަން އެދޭ ފިރިހެނާއާއި އަންހެނާގެ ކިބައިގައި، ޝަރުއީ ގޮތުން ކައިވެނި ސައްހަވުމަށް ޓަކައި ހުރުން ލާޒިމުވާ ކަންކަން ފުރިހަމަވާ ނަމައެވެ.

އަދި ބިދޭސީ ފިރިހެނަކު، ދިވެހި އަންހެނަކާ ކައިވެނިކުރާނަމަ، އޭނާއަކީ ރާއްޖޭގެ ކޯޓުން ބަލާ ހަމަތަކުގެ މަތިން، އާއިލާގެ ޚަރަދު ބެލެހެއްޓޭ ވަރުގެ މީހަކަށް ވެސް ވާން ޖެހޭނެއެވެ.

comment ކޮމެންޓް