މިދިޔަ މަހު މީރާއިން 1.98 ބިލިއަން ރުފިޔާ ބަލައިގަތް، އޭގެ %53 އަކީ ޖީއެސްޓީ

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިދިޔަ އޮގަސްޓުމަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް 1.98 ބިލިއަން ރުފިޔާ ބަލައިގަތްއިރު، އެންމެ ގިނައިން ބަލައިގަނެފައިވަނީ ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބުނު ފައިސާ ކަމަށް މީރާއިން ބުނެފިއެވެ.

މީރާއިން ބުނި ގޮތުގައި މި އަދަަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 24 އިންސައްތަ އިތުރު އަދަދެކެވެ. އަދި އޮގަސްޓްމަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 34.5 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ އޮގަސްޓު މަހު އާމްދަނީގެ ގޮތުގައި މީރާއަށް ލިބިފައިވަނީ:

  • ޖީއެސްޓީއިން 1.06 ބިލިއަން ރުފިޔާ (53.3 އިންސައްތަ)
  • އާމްދަނީން ނަގާ ޓެކުހުން 472.66 މިލިއަން ރުފިޔާ (23.9 އިންސައްތަ)
  • އެއާޕޯޓު ޑިވަލޮޕްމެންޓް ފީގެ ގޮތުގައި 90.85 މިލިއަން ރުފިޔާ (4.6 އިންސައްތަ)
  • ޑިޕާޗާ ޓެކުހުގެ ގޮތުގައި 89.13 މިލިއަން ރުފިޔާ (4.5 އިންސައްތަ)
  • ގްރީން ޓެކުހުގެ ގޮތުގައި 87.11 މިލިއަން ރުފިޔާ (4.4 އިންސައްތަ)
  • އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 183.29 މިލިއަން ރުފިޔާ (9.3 އިންސައްތަ)

މީރާއިން ބުނީ އޮގަސްޓު މަހުގެ އާމްދަނީގެ ތެރޭގައި 62.82 މިލިއަން އެމެރިކާ ޑޮލަރު އެ އިދާރާއިން ބަލައިގަނެފައިވާ ކަމަށެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި އޮގަސްޓު 2023އާއި އަޅައިބަލާއިރު، އޮގަސްޓު 2024ގެ އާމްދަނީ އިތުރުވެފައިވާ މައިގަނޑު ސަބަބަކީ، ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހާއި، ކުންފުނިތަކުގެ އާމްދަނީން ނަގާ ޓެކުހާއި، ޖީއެސްޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި އާމްދަނީ އިތުރުވެފައިވުން ކަމަށް މީރާއިން ބުނެއެވެ.

މީގެ އިތުރުން 2024ވަނަ އަހަރުގެ އޮގަސްޓުމަހު ލިބިފައިވާ ކެޕިޓަލް ގެއިންސް ވިތްލޯލްޑިން ޓެކުހާއި، ސުންގަޑީގެ ފަހުން ބަލައިގަނެފައިވާ ވިޔަފާރިތަކާއި ފަރުދުން ނޫން ފަރާތްތަކުން ލިބޭ އާމްދަނީން ނަގާ ޓެކުހުގެ އަދަދު އިތުރުވުމުގެ ސަބަބުން މީރާއަށް ބަލައިގަނެފައިވާ ޖުމްލަ އާމްދަނީ އިތުރުވެފައިވާ ކަމަށް ވެސް މީރާއިން މައުލޫމާތުދެއެވެ.

އަދި އޮގަސްޓު 2023އާއި އަޅައިބަލާއިރު، ފަތުރުވެރިކަމުގެ ދާއިރާއިން އޮގަސްޓު 2024ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބަކީ، އޮގަސްޓު 2023އާއި އަޅައިބަލާއިރު އޮގަސްޓް 2024ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދu 15 އިންސައްތަ އިތުރުވުން ކަމަށް ވެސް މީރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، އޮގަސްޓު 2024ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ލިބުނު އާމްދަނީ އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި، ކެޕިޓަލް ގެއިންސް ވިތްހޯލްޑިން ޓެކުހުގެ ފައިސާ މީރާއަށް ބަލައިގަނެފައިވުމާއި، ކުންފުނިތަކާއި ފަރުދުން ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކުހާއި ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ފާއިތުވެފައިވާ ސުންގަޑިތަކަށް ފައިސާ ބަލައިގަނެފައިވުން ހިމެނޭ ކަމަށް ވެސް މީރާއިން ބުނެފައިވެއެވެ.

އަދި މީގެ އިތުރުން، ޖުލައި 2024ގައި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

ރާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި ދެއްކުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު ބޭރު ފައިސާގެ ދަތިކަން ވަނީ ވަރަށް ބޮޑުވެފައެވެ. ދައުލަތަށް ނުލިބި އޮތް ފައިސާގެ އަދަދު 15.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ޖުލައި މަހު ރައީސް ވިދާޅުވެފައިވާއިރު، އެ ފައިސާ ހޯދުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރައީސް ވަނީ އެ ފައިސާއިން ދަރަނީގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް