ޕީއެޗްޑީ ގަބޫލުކުރަން އަމުރު ނުދިން، އެކަމަކު އެމްކިއުއޭއިން ގެއްލުމަށް ޒިންމާވާން އަމުރުކޮށްފި

ޖަސްޓިސް ބިލްޑިން --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ސްރީލަންކާގެ ކޮލެޖަކުން ހިންގި ޕީއެޗްޑީ ކޯހެއް ގަބޫލު ނުކުރަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ނިންމި މައްސަލައިގައި، ޕީއެޗްޑީ ސެޓްފިކެޓް ބަލައިގަންނަން އަމުރު ނުކުރެވޭނެ ކަމަށާއި، ނަމަވެސް ދަރިވަރުންނަށް ލިބުނު ގެއްލުމަށް އެއޮތޯރިޓީން ޒިންމާ ވާން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ފިލިޕީންސްގެ ކޮލެޖަކުން ސަނަދު ލިބޭ ގޮތަށް ސްރީލަންކާގެ އެއިމްސް ކޮލެޖުން ހިންގި ޕީއެޗްޑީ ކޯހެއްގެ ކިޔެވުން ދަރިވަރުންތަކެއް ފަށާފައިވަނީ އެކޯސް ގަބޫލުކުރާ ކަމަށް އެމްކިއުއޭއިން 2016 ވަނަ އަހަރު ނިންމުމުންވެ. ނަމަވެސް 2018 ވަނަ އަހަރު އެމްކިއުއޭއިން ވަނީ އެކޯސް ގަބޫލުކުރުން ހުއްޓާލާފައެވެ.

އެމްކިއުއޭއިން އޭރު ބުނީ އެވަގުތު ކިޔަވަމުން ދިޔަ މީހުންގެ ސަނަދު ގަބޫލު ކުރާނެކަމަށެވެ. ނަމަވެސް އެމީހުންގެ ކިޔެވުން ނިންމުމަށްފަހު 2021 ވަނަ އަހަރު އެ ސެޓްފިކެޓް ވެލިޑޭޓް ކުރަން ހުށަހެޅުމުން އެމްކިއުއޭއިން ވަނީ އެކަމާ ދެކޮޅު ހަދާފައެވެ.

ތިން މީހެއްގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު، އެމައްސަލައިގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ ސަނަދުގެ ފެންވަރު ބެލުމުގެ އުސޫލާއި ރާއްޖެއިން ބޭރުގެ ޕީއެޗްޑީ ޕްރޮގްރާމްތައް ގަބޫލު ކުރުމުގެ އުސޫލު އޮންނަ ގޮތުން އެ ކޯހުގެ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރަން އެމްކިއުއޭގެ މައްޗަށް އަމުރު ނުކުރެވޭނެ ކަމަށެވެ.

ނަމަވެސް، 2018 ވަނަ އަހަރުގެ ޖެނުއަރީ އާ ހަމައަށް ކޯހުގައި ކިޔަވަން ކުރި ޚަރަދާއި ގެއްލުމެއް ވެފައިވާނަމަ އެ ގެއްލުމަކަށް އެމްކިއުއޭއިން ޒިންމާވާން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމުގައިވެއެވެ. އެ މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަކުގެ ފަރާތުން 23 މިލިއަން ރުފިޔާ ނަގައިދިނުމަށް އެދިފައިވާއިރު، ބާކީ ތިބި ދެ މީހުން ވަނީ 16 މިލިއަން ރުފިޔާގެ ބަދަލެއް ނަގައިދިނުމަށް އެދިފައެވެ. ނަމަވެސް އެ މިންވަރަށް ގެއްލުން ވެފައިވާކަން ސާބިތުނުވާތީ އެ އަދަދަށް ފައިސާ ނަގައިދެވެން ނެތް ކަމަށް ކޯޓުގެ ހުކުމުގައި ވެއެވެ.

ކޮލިފިކޭޝަން އޮތޯރިޓީން ބުނެފައި ވަނީ އެ ކޯސް ގަބޫލުކުރާކަން 2016 ވަނަ އަހަރު އެ އޮތޯރިޓީން އަންގާފައިވަނީ ބަލަންޖެހޭ މިންވަރަށް ކަންކަން ބެލުމެއް ނެތި ކަމަށާއި، އެތަނަކީ އޭރު ފިލިޕީންސްގެ ސަރުކާރުން ވެސް ގަބޫލު ނުކުރާ ކޯހެއް ކަމަށް އެމްކިއުއޭއިން ބުނެފައިވެއެވެ.

comment ކޮމެންޓް