ދެ ހާހަށްވުރެ ގިނަ މީހުން އިންތިޚާބުކުރާ، ޕީއެންސީގެ އެތެރޭގެ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލައިފި

ޕީއެންސީއަށް ސުޕަމެޖޯރިޓީ ލިބުމުގެ އުފާ ފާޅުކުރުން: ދެ ހާހަށްވުރެ ގިނަ މީހުން އިންތިޚާބުކުރާ، ޕީއެންސީގެ އެތެރޭގެ އިންތިޚާބަށް ކުރިމަތިލާން ވަނީ ހުޅުވާލައިފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ސަރުކާރު ހިންގާ މައިޕާޓީ، ޕީއެންސީގެ އެތެރޭގެ އިންތިޚާބަށް ކުރިމަތިލާން މިއަދު އެޕާޓީން ފުރުސަތު ހުޅުވާލައިފިއެވެ.

އެ އިންތިޚާބާ ގުޅުން ހުރި މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ އިންތިޚާބީ ކޮމިޓީގެ ރައީސް އަދި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ، ޕީއެންސީން ބާއްވާ އެތެރޭގެ އިންތިޚާބުވާނީ ޕާޓީއަކުން ބާއްވާނެ އެންމެ ބޮޑު އިންތިޚާބަށް ކަމަށެވެ.

އެ އިންތިޚާބުގައި 2،095 މަގާމަށް މީހުން އިންތިޚާބު ކުރާނެ ކަމަށާއި ކޮންމެ ރަށެއްގެ ޒުވާނުންގެ ހަރަކާތުގެ ރައީސާއި އަންހެނުންގެ ހަރަކާތުގެ ރައީސުން އިންތިޚާބު ކުރާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ، މި އިންތިޚާބުގައި ދާއިރާތަކުގެ ނައިބު ރައީސުންނާއި ސްޓިއަރިން ކޮމިޓީތަކަށް މެންބަރުން އިންތިޚާބު ކުރުން އޮންނާނެ ކަމަށެވެ.

އެގޮތުން، 3،000އަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ރަށްތަކުގެ ސްޓިއަރިން ކޮމިޓީއަށް ހޮވާނީ ހަތް މެންބަރުން ކަމަށާއި 3،000 އަށް ވުރެ އާބާދީ ބޮޑެތި ރަށްރަށަށް ހޮވާނީ ނުވަ މެންބަރުން ހިމެނޭ ސްޓިއަރިން ކޮމިޓީއެއް ކަމަށް ޚަލީލް ވިދާޅުވިއެވެ.

މަގާމުތަކަށް ހޮވުމުގައި މި ބަލަނީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ދާއިރާއަކަށް ނިސްބަތްވެވަޑައިގަންނަވާނެ އިންތިޚާބީ ދާއިރާގެ ރައީސެއް، ދާއިރާގެ ނައިބު ރައީސެއް، އަދި ހަމައެއާ އެއްކޮށް އަޅުގަނޑު ފާހަގަކޮށްލަން މިހާރު ރައްޔިތުން މަޖިލީހުގައި މެންބަރުން ތިއްބެވި ދާއިރާތަކުގައި ދާއިރާގެ ރައީސުންނަށް ވެވަޑައިގަންނަވާނީ ރައްޔިތުން މަޖިލީހުގެ އިއްޒަތްތެރި މެންބަރުން. މިހާރުވެސް އެ ތިއްބެވި ގޮތަށް އެބޭފުޅުން ތިއްބަވާނީޕާޓީގެ އިންތިޚާބީ ކޮމިޓީގެ ރައީސް އަދި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ދެ ހާހަށްވުރެ ގިނަ މީހުން އިންތިޚާބުކުރާ، ޕީއެންސީގެ އެތެރޭގެ އިންތިޚާބަށް ކުރިމަތިލާން ވަނީ ހުޅުވާލައިފައި ---- ފޮޓޯ/ ޕީއެންސީ

އޭގެއިތުރުން، ދާއިރާތަކުގެ ރައީސުންގެ މަގާމަށް ކުރިމަތިލާ މީހުން ޕާޓީއަށް އަލަށް ވަންނަ 50 މީހުން ފޯމު ހުށަހަޅަން ޖެހޭއިރު، ނައިބު ރައީސުންނަށް ވާދަކުރާ މީހުން 25 މީހުންގެ ފޯމު ހުށަހަޅަން ޖެހޭކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މި އިންތިޚާބުގައި ވާދަކުރުމަށް މި މަހު 30 ކުރިން އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށާއި އިންތިޚާބުގައި ވޯޓުލެވޭނީ ޕީއެންސީގެ ދަފުތަރުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ޕީއެންސީގެ އަމާޒަކީ ނޮވެންބަރު މަހުގެ ނިޔަލަށް އެޕާޓީއަށް 75،000 މެންބަރުން ހަމަކޮށް، އެންމެ މެންބަރުން ގިނަ ޕާޓީއަށް ހެދުމެވެ. އެގޮތުން، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވީ، މިވަގުތު އެޕާޓީގައި 30،000 މެންބަރުން އެބަތިބި ކަމަށާއި އާ ފޯމުތަކާއެކު މެންބަރުންގެ އަދަދު 50،000އަށް އަރާނެ ކަމަށެެވެ.

އެ ޕާޓީގެ އިންތިޚާބު ބާއްވާނީ އަންނަ މަހުގެ 19ވާ ހޮނިހިރު ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި 50،980 މެންބަރުންނާއެކު މިހާރު އެންމެ ބޮޑު ޕާޓީއަކީ އިދިކޮޅު އެމްޑީޕީއެވެ.

comment ކޮމެންޓް