މި ފަހުން ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރީގެ ފިރިކަލުން ޝެއިހް މަނާ ބިން މުހައްމަދު ބިން ރާޝިދު ބިން މަނާ އަލް މަޚްތޫމާ ދެ މީހުންގެ ކައިވެނި ރޫޅާލިކަން އިއުލާނުކުރި ދުބާއީގެ އަމީރާ "ޑިވޯސް"ގެ ނަމުގައި ސެންޓެއް ތައާރަފުކޮށްފިއެވެ.
އަލަތު ކައިވެނި ރޫޅާލުމާ ގުޅުވައިގެން ނެރުނު މި ސެންޓަކީ އަމީރާ ޝައިހާ މަހްރާގެ އަމިއްލަފުޅު ބްރޭންޑް 'މަހްރާ އެމް1'ގެ ދަށުން އުފެއްދި ސެންޓެކެވެ. އަމީރާ ޝައިހާ މަހްރާ ވަނީ މި ސެންޓު އުފެއްދެވިކަން އިއުލާނުކުރައްވާ މި އުފެއްދުމުގެ ކުޑަކުޑަ ޓީޒާއެއް ވެސް އަމިއްލަފުޅު އިންސްޓަގްރާމްގައި ހިއްސާކުރައްވާފައެވެ.
މި ޕޯސްޓުގައި ފެންނަނީ ކަޅު ކުލައިގެ ފުޅިއެއްގައި ބޮޑު ލަފުޒުން 'ވަރި' މި ބަސް ބޭނުންކޮށްފައިވާ މަންޒަރެވެ. މީގެ އެއް ދުވަސްކުރިން އާއްމުކުރެއްވި މި ވީޑިއޯއިން ފެންނަނީ ބިއްލޫރިގަނޑެއް ތަޅައިގެން ދިއުމާ އެކު ކަޅު ކުލައިގެ ފަތްޕިލާވެލީގެ އިތުރުން ކަޅު ކުލައިގެ ޕެންތާއެކެވެ.

ދުބާއީގެ އަމީރާގެ ފުރަތަމަ ކައިވެނީގެ ހަފުލާގެ ތެރެއިން: ވަރިވިކަން އިއުލާނުކުރީ މި ފަހުން -- ފޮޓޯ/ފޭސްބުކް
ދުބާއީގެ އަމީރާއާ އެމިރޭޓްސްގެ ވިޔަފާރިވެރިއެއް ކަމަށްވާ ޝެއިހް މަނާ ބިން މުހައްމަދު ބިން ރާޝިދު ބިން މަނާ އަލް މަޚްތޫމްގެ ކައިވެނިކުރީ މިދިޔަ އަހަރުގެ މެއި މަހުއެވެ. ސޯޝަލް މީޑިއާގައި އަމީރާ ޝައިހާ މަހްރާގެ ކައިވެނި ރޫޅާލިކަން އިންސްޓަގްރާމް މެދުވެރިކޮށް އިއުލާނުކުރީ ދެމަފިރިންގެ އަލަތު ދަރިފުޅު ލިބުނުތާ ދެ މަހެއްހާ ދުވަސް ފަހުންނެވެ.
އަލަށް ތައާރަފުކުރި "ޑިވޯސް" ސެންޓަކީ އަމީރާ ޝައިހާ މިހާރު ވެސް ހަރަކާތްތެރިވެލައްވާ ގިނަ ވިޔަފާރީގެ މަސައްކަތްތަކުގެ ދަށުން ތައާރަފުކުރެއްވި އާ ބްރޭންޑެކެވެ. މި ސެންޓުގެ އަގާއި ބާޒާރަށް ނެރޭނެ ވަކި ތާރީޚެއް ވަރަށް އަވަހަށް އިއުލާނުކުރައްވާނެ ކަމަށް އަމީރާ ވަނީ ސޯޝަލް މީޑީއާގައި އިއުލާނުކުރައްވާފައެވެ.
ޝައިހާ މަހްރާއަކީ ޔޫއޭއީގެ ނައިބު ރައީސާއި ބޮޑުވަޒީރު އަދި ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާ ޝެއިހް ރާޝިދު އަލް މަޚްތޫމްގެ 26 ދަރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ދުނިޔޭގެ އެންމެ މުއްސަނދި ޝާހީ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަމީރާ ޝައިހާގެ މިލްކިއްޔާތުގެ އަދަދު 14 ބިލިއަން ޑޮލަރާއި 18 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަރައެވެ.