އިމިގްރޭޝަނުގެ ޑިޓެންޝަން ސެންޓަރުގައި ތިބޭ ބިދޭސީންގެ ތެރެއިން ސައްހަ ލިޔެކިޔުން ނުގެންގުޅޭ މީހުން އަނބުރައި އެ މީހުންގެ ގައުމަށް ފޮނުވާލުމުގައި ބޮޑެތި ގޮންޖެހުންތަކެއް ދިމާވާކަމަށް އެ އިދާރާއިން ބުނެފިއެވެ.
އެސްއެސްޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ހެޑް އޮފް އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަން، އިސްމާއީލް ޝަރީފް ވިދާޅުވީ އިމިގްރޭޝަނުގެ ޑިޓެންޝަން ސެންޓަރުގައި ތިބި ބިދޭސީން އަނބުރައި އެ މީހުންގެ ގައުމަށް ފޮނުވާލުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން ހިންގާ އޮޕަރޭޝަން 'ކުރަނގި'ގެ އަމަލީ މަސައްކަތް ފެށުން -- ސަން ފޮޓޯ/ މުސާ ނަދީމް
އެ ގޮތުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންނަ ބައެއް ބިދޭސީންގެ ސައްހަ ލިޔެކިޔުން ނޯންނާތީ، އެ މީހުންގެ ޕާސްޕޯޓު ލޮކޭޓު ކުރުމުގައި ވެސް ދަތިތައް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ބިދޭސީން ފުރުވާލުމުގައި އެބަހުރި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އަޅުގަނޑުމެންނަށް. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންވީމާ އެ މީހުންގެ އަތުގައި ސައްހަ ޑޮކިއުމަންޓެއް ނޯވޭ ފުރުވާލަން ބަލާއިރަކު. އެހެންވީމާ އަޅުގަނޑުމެން ޕާސްޕޯޓް ލޮކޭޓުކޮށްގެން ހޯދަން ބަލާއިރު، އެ މީހުންގެ ޕާސްޕޯޓު މި އޮންނަނީ ކޮންމެ ވެސް އޭޖެންޓެއްގެ އަތުގައި. އެހެންވީމާ އެ ޕާސްޕޯޓު ހޯދުމަކީ ވެސް އެހާ ފަސޭހަ ކަމެއް ނޫން" ޝަރީފް ވިދާޅުވިއެވެ.
އެ ގޮތުން ސައްހަ ލިޔެކިޔުން ނެތް ބިދޭސީން ފުރުވާލުމުގައި، އެއީ ކޮން ގައުމެއްގެ މީހެއްކަން ކަށަވަރު ކުރުމުގައި ދަތިތައް ދިމާވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. ޝަރީފް ވިދާޅުވީ، އަނބުރައި ގައުމަށް ފުރުވާލަންޖެހޭ ބިދޭސީ މީހާއަކީ ކޮން ގައުމެއްގެ މީހެއްކަން ކަށަވަރުނުވާތީ، އެ ބިދޭސީ މީހާގެ ލިޔެކިޔުންތައް ހެއްދުމަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެ ބިދޭސީ މީހަކު ނިސްބަތްވާ ގައުމުގެ އެމްބަސީއަށް ވެސް ފޮނުވެން ނޯންނަ ކަމަށެވެ. އެހެން ކަމުން ބައެއް ބިދޭސީން މަސްދުވަސް ވަންދެން ޑިޓެންޝަން ސެންޓަރުގައި ބައިތިއްބަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެން ނަމަވެސް ސައްހަ ލިޔެކިޔުން އޮތް ބިދޭސީން ފުރުވައިލުމުގައި ބޮޑެތި ދަތިތަކެއް ނެތްކަމަށް ޝަރީފް ވިދާޅުވިއެވެ. އެ ގޮތުން ސައްހަ ލިޔެކިޔުން އޮތް ބިދޭސީއަކު ޑިޓެންޝަން ސެންޓަރުގައި ސަބަހައްޓާތާ ހަފްތާއެއްގެ ތެރޭގައި ފުރުވައިލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މައްސަލަ ހައްލު ކުރުމަށް ޓަކައި މި ސަރުކާރުންވަނީ ބޮޑެތި މަސައްކަތްތަކެއް ފަށައިފައެވެ. އިމިގްރޭޝަނުން ބުނީ ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރެވިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.