ހަގު އުމުރުގައި އެތުލީޓުން އުފެއްދުމަށް "ސްކޫލް ސްޕޯޓްސް ސިސްޓަމް" ގާއިމުކުރަނީ

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ: ވިދާޅުވީ ހަގު އުމުރުގައި އެތުލީޓުން އުފެއްދުމަށް "ސްކޫލް ސްޕޯޓްސް ސިސްޓަމް" ގާއިމުކުރާނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ހަގު އުމުރުގައި ކުޅިވަރުގެ ދާއިރާއިން އެތުލީޓުން އުފެއްދުމަށާއި ކުޑަކުދިންގެ ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި "ސްކޫލް ސްޕޯޓްސް ސިސްޓަމް" ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ، މިއަހަރުގެ ކުރީކޮޅު ބޭރުގެ މާހިރުން ގެނެސް ސްޓޭކްހޯލްޑަރުންނާއި، ކުޅިވަރުގެ ދާއިރާއިން އެކި މުއައްސަސާތަކާއި އެސޯސިއޭޝަންތަކުގެ އިތުރުން މިނިސްޓްރީތަކާ ބައްދަލުކޮށް މައުލޫމާތު ހިއްސާކޮށް ދިރާސާތާކޮށްފައިވާ ކަމަށެވެ.

އެ މަސައްކަތުން އެނގުނީ ކުދިން ހެލިފެލިވެ އުޅުމާއި، ކުޅިވަރު ކުޅުމަށްޓަކައި އެޑިއުކޭޝަން ސިސްޓަމެއް ގާއިމުކުރުމުގެ މުހިންމުކަން ކަމަށް ރާފިއު ވިދާޅުވިއެވެ. އެކަން ކުރުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީއާއި ސްޕޯޓްސް މިނިސްޓްރީއާ ދެމެދު ވެސް ވާހަކަތަކެއް ދެކެވުނު ކަމަށް ރާފިއު ވިދާޅުވިއެވެ.

ރާފިއު ވިދާޅުވީ އެޓާނީ ޖެނެރަލް (އޭޖީ) އަށް މިހާރު ހުށަހަޅާފައިވާ ކުޅިވަރުގެ ގާނޫނު އިސްލާހު ކުރުމުގެ ބިލް ތަންފީޒު ކުރަން ފެށުމުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި މި ސިސްޓަމް ގާއިމްކުރެވޭނެ ކަމަށެވެ.

އެކަމުގެ ނަތީޖާއަކަށް ވެގެންދިޔައީ މިހާރު އަޅުގަނޑުމެން އޭޖީއަށް ހުށަހަޅާފައި އޮތް ގާނޫނު އިސްލާހު ކުރުމުގެ ތެރޭގައި ސްކޫލް ސްޕޯޓްސް ސިސްޓަމް ގާއިމްކުރުން. އޭގެ ތެރޭގައި ކުދިންނަށް ސްކޫލް ތެރޭގައި ކުދިންގެ ފިޓްނަސް ބެލެހެއްޓޭނެ ގޮތާއި މެޝާކުރެވޭނެ ގޮތް އިމްޕްލިމެންޓް ވެގެންދާނެ ގާނޫނު ފާސްވެގެންދިޔުމުން، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު

ހަމައެއާއެކު ސްކޫލްތަކުގެ ޕްރެކްޓިކަލް އެކްސަސައިޒް (ޕީއީ) ޓީޗަރުންނާއި ސްޕޯޓްސް ކައުންސިލަރުން ވެސް ތަމްރީނުކުރަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސަރުކާރުން ވަނީ އެކަމަށް އެފަރާތްތައް ތަމްރީނު ކުރާނެ ބަޖެޓު ވެސް ހަމަޖައްސާފައިކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ކުޅިވަރު ކޮމްޕްލެކްސް އެޅުމަށްޓަކައި މާލެ ސަރަހައްދުން ވެސް ބިން ލިބިފައިވާ ކަމަށާއި ހުޅުމާލެއިން ވެސް 52،000 އަކަފޫޓުގެ ދެ ބިން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާފިއު ވިދާޅުވީ މި އަހަރުތެރޭގައި އެ މަޝްރޫއު ވެސް ކުރިއަށްދާނެ ކަމަށާއި ޕީއީ ޓީޗަރުންނާއި ސްޕޯޓްސް ކައުންސިލަރުން ތަމްރީނުކުރަން ފަށާނެ ކަމަށެވެ.

comment ކޮމެންޓް