މެލޭޝިއާގެ ޔުނިވާސިޓީތަކަކުން ޑިސްކައުންޓާއެކު ކިޔެވޭނެ ފުރުސަތު ހޯދަން އެއްބަސްވުމެއް

މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އެ ވުޒާރާއިން ވަނީ ޑިސްކައުންޓާއެކު މެލޭޝިއާގެ ޔުނިވާސިޓީއިން ކިޔެވުމުގެ ފުރުސަތު ހުޅުވާލާފަ--- ފޮޓޯ/ ސަރުކާރު

މެލޭޝިއާގެ މަތީ ތައުލީމު ފޯރުކޮށްދޭ ބައެއް މަރުކަޒުތަކުން ކިޔެވުމަށް އެދި ހުށަހަޅާ ދަރިވަރުންނަށް މާލީ އެހީ ނުވަތަ ޑިސްކައުންޓް ފޯރުކޮށްދިނުމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން އެއްބަސްވުމެއް ހަދައިފިއެވެ.

އެ ވުޒާރާއިން އެއްބަސްވުމުގައި ސޮއިކުރީ މެލޭޝިޔާގެ އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސާވިސެސް (އީއެމްޖީއެސް)އާ އެކުގައެވެ.

އެ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ޑރ. މަރްޔަމް މާރިޔާއެވެ. އަދި މެލޭޝިޔާގެ އީއެމްޖީއެސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އިދާރާގެ ސީއީއޯ ނޯވީ ތާޖުއްދީންއެވެ.

އެ ވުޒާރާއިން ބުނީ މި އެއްބަސްވުމުގެ މަގުސަދަކީ ދިވެހިރާއްޖެއާއި މެލޭޝިޔާގެ މަތީ ތައުލީމާއި ތަމްރީނުގެ ފެންވަރު މަތިކޮށް، ދެ ގައުމުގެ އެކި ކަންކޮޅުތަކަށް ފުޅާދާއިރާއެއްގައި މަތީ ތައުލީމު ފޯރުކޮއްދިނުން ކަމަށެވެ. އެގޮތުން، މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގައި ކިޔެވުމަށް އެދި ހުށަހަޅާ ދަރިވަރުންނަށް މާލީ އެހީ ނުވަތަ ޑިސްކައުންޓް ފޯރުކޮއްދިނުމަށް ވެސް މި އެއްބަސްވުމުގައި ވަނީ ކަނޑައަޅާފައެވެ.

އެއީ ކޮން މަރުކަޒުތަކެއް ކަމެއް ސަރުކާރުން ހާމައެއްނުކުރެއެވެ.

އެ އެއްބަސްވުމުގެ ދަށުން، ދިވެހިރާއްޖޭގެ 561 ދަރިވަރުންނަށް ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު، މެލޭޝިޔާގެ ޔުނިވާސިޓީތަކުގައި، އާޓްސް އެންޑް ހިއުމަނިޓީސް، އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ، ލައިފް ސައިންސެސް އެން މެޑިސިން، ނެޗުރަލް ސައިންސެސް، ސޯޝަލް ސައިންސެސް، މެނޭޖްމަންޓް ފަދަ އެތައް ދާއިރާއަކުން ތައުލީމު ހާސިލުކުރުމުގެ ފުރުސަތު އެ ވުޒާރާއިން ވަނީ ހުޅުވާލައިފައެވެ.

މިކަމަށް ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައި ވުޒާރާގެ އިސްވެރިންނާއި، އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސާވިސެސްގެ ބައެއް އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

comment ކޮމެންޓް