"ކިތަންމެ ކުޑަ ކަމެއް ދިމާވިޔަސް ﷲގެ މަދަދަށް އެދި ދަންނަވާށެވެ."
***
ހުޝަލް އާއި ކެނާންވެސް ގޭގައި ނެތި މިފަދަ ކަމެއް ދިމާވުމުން ނަބީލާ ހިފެއްހެއްޓުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެވަގުތު ގޭގެ ބެލް ރިންގު ވިއެވެ. ނަބީލާ ދުވެފައި ދިޔައީ ބުޅަލެއްފަދައިން ހަތަރެސްފައި ޖަހާފައެވެ. އިސްތަށިގަނޑު ހޭވިގެން މޫނަށް ފައިބާފައިވާއިރު ލޯ ރަތްކަމުން އަނގުރުއަލިފާން ފަދައެވެ. ދޮރު ތަޅުގައި ހިފައިގެން ހުރެ އެނބުރިލާފައި ނާޝިދު އާއި މެހެކް ގެ މޫނަށް ބަލައިލިއެވެ. އަދި މަލާމާތުގެ ހިނިގަނޑެއް ޖަހައިލިއެވެ.
"މާ...ޒި..މް..." ދެލޯ ބޮޑުކޮށްފައި ކިޔައިލީ މާޒިމްގެ ނަމެވެ.
ގޭގެ ބެލް މެދުނުކެނޑި ރިންގުވަމުން ދިޔައެވެ. ނާޝިދުގެ މޫނުން ހާސްކަން ފާޅުވިއެވެ. ނަބީލާ ދޮރު ގެ ތަޅު އަނބުރާލި ބާރު މިނުގައި ދޮރު ހުޅުވުނީ ވައި އެޅިފައެވެ.
ބޯކޮށް ވާރޭ ވެހި ވައި ގަދަ ރެއެއް ކަމުން ގޭތެރެއަށް ވަން ފިނި ގަނޑުން މެހެކް ހީކަރުވާގޮތްވިއެވެ. ބޯ ވާރޭގައި ތެމިފައި ހުރި މާޒިމްގެ އިސްތަށިގަނޑުން ފެން ތިކިތަކަށް ފައިބަމުން މޫނަށް އެޅެމުން ދިޔައެވެ. ލައިގެން ހުރި ހުދު ގަމީސް ހުރީ ގަޔަށް ހިފާފައެވެ. އޭނައަށް މަންމަ ފެނުމުން ހުއްޓުން އެރިއެވެ. އެތެރެއަށް ވަނުމުގެ ހިތްވަރު ގެއްލި ކަކޫ މައްޗަށް ތިރިވެލެވުނެވެ.
"މަންމާ..." މާޒިމް ގެ ދުލުން ބޭރުވީ އެންމެ ލަފުޒެކެވެ. ނަބީލާ އޭނާގެ ދެއަތުން މާޒިމްގެ މޫނުގައި ފިރުމާލީ މަޑުމަޑުންނެވެ. މޫނުމައްޗަށް އެޅިފައި އޮތް އިސްތަށިގަނޑުގައި އަތުން ފުނާ އަޅާލަދިނެވެ. މާޒިމް އަށް އޭނާގެ މަންމަ ގެ އަތުގައި ހިފުނެވެ. ގަނޑުފެން ހާ ފިންޏެވެ. އަތުގައި ހުރި ލަކުނު ތަކުގައި ފިރުމާލެވުނެވެ. އަތު ކުރީގައި ހުރި ނިޝާންތައް ފެނި ހިތަށް އަސަރު ކުރުވިއެވެ. ލޮލުގައި ހުރި ކަރުނަތައް ފޮރުވުމުގައި ވާރޭގެ ތިކިތައް އެހީތެރިވެދިނެވެ. އޭނައަށް ވާހަކަ ދައްކަން ފަށަންވީ ކިހިނެއް ކަމެއް ނޭނގިފައި ހުރެވުނެވެ.
"މަންމަ...މަންމަ..މާޒް މި އައީ...މަންމަ ގާތަށް..." އާގަންނަމުން މާޒިމް އަށް ބުނެލެވުނެވެ. އޭނާގެ މަންމަ އަތުގައި ހިފައި ބިންމަތިން ތެދުވުނެވެ. އަދި މަންމަގެ އަތަށް ފިތާލެވުނީ ހަމަ ހަގީގަތުގައިވެސް އެއީ އަސްލުކަން ޔަގީންނުވާތީއެވެ. ނަބީލާ ބޯ ޖަހައިލަމުން މާޒް ގެނެސް މޭގައި ޖައްސާ ބާރުކޮށްލިއެވެ. ބައްދާލިއެވެ. މާޒިމް އޭނާގެ މަންމަ ގެ ކޮނޑުމަތީގައި ބޯ އަޅައިލުމާއެކު ކަރުނަތައް އޮހިގަތީ އެއްވެސް ހިފެހެއްޓުމެއްނެތިއެވެ. އެންމެެންވެސް އެމަންޒަރު ދެކެން ތިބީ އަސަރުކޮށްފައެވެ.
ނަބީލާ ކަޅި އަޅައިލީ ނާޝިދު އަށެވެ.
" މަންމަ އަށް މިހެން ހެދީ އެހެރަ ނާޝިދު...ހަތަރެސްފައިގައި ޗޭނު އަޅުވައި އަނިޔާ ކޮށް ހެދި..." ނަބީލާ ވޭނީ އަޑެއްގައި ބުނި އިރު އެ ތުންފަތަށް ވެރިވި ނުލަފާ ހިނިތުންވުން ނާޝިދުއަށް ފެނުނެވެ. ނާޝިދު އައީ މާޒިމް އާއި ދިމާއަށެވެ. ނަބިލާ އިހުނަށްވުރެ ބާރަށް މާޒިމް ގައިގާ ހިފައި ބާރުކުރީ ބިރުން އުޅޭ ފަދައިންނެވެ.
"މާޒް...އަހަރެން ސަލާމަތްކުރޭ....މަންމަ ސަލާމަތްކުރޭ...." ރޮމުން އާދޭހާއެކު ނަބީލާ ތެޅިގަތް ގޮތުން މާޒިމް ގެ ލޭކެކުނެވެ. ނާޝިދު އަށް މޫނު އަނބުރާލެވުނެވެ.
"ދަރިފުޅާ....މަންމަ އެއް ނޫން އެ ވާހަކަ ދައްކަނީ...." ނާޝިދު މާޒިމް އަށް ތެދު ހާމަކުރުމަށް ބޭނުންވިއެވެ. ނަމަވެސް މާޒިމްގެ މޫނުމަތީން ފެންނަމުން ދިޔަ ކުލަވަރުން އޭނާގެ ވާހަކަ އަށް އިތުބާރު ނުކުރާނެ ކަން އެނގެއެވެ. ހަގީގަތް ގަބޫލުކުރަން ފަސޭހަ ނުވާނެ ކަން އޭނާއަށް އެނގެއެވެ. ނަބިލާގެ ވާހަކަ ގަބޫލުކޮށް މާޒިމް ގޯހެއް ހަދާފާނެ ކަމުގެ ބިރު އޭނާގެ ހިތުގައި ބޮޑުވިއެވެ. މެހެކް އަވަސްވެގަތީ ހުޝަލް އާއި ކެނާން އަށް ފޯނު ކޮށް ގޭގެ ހާލަތު ކިޔާދިނުމަށެވެ. އެރުވެސް ނަބީލާ އާދޭހާއެކު ރޮމުން އެދެމުން ދިޔައީ ނާޝިދު ފަރާތުން އޭނާ ސަލާމަތްކޮށް ދިނުމަށެވެ. ގައިގެ އެތަން މިތަނުގައި ހުރި ލަކުނު ތައް ދައްކަމުން ދިޔައެވެ. މާޒިމްގެ އަތުގެ މުލައްދަނޑީގައި ހިފާ ބާރުކޮށްލައިގެން ހުރެ ފަހަތަށް ވަދެ ފިލަން މަސައްކަތްކުރިއެވެ. އަދި ކުޑަކޮށް ބަލައިލަމުން ނާޝިދުއަށް ޖެއްސުން ކުރާފަދަ ގޮތަކަށް ހީލިއެވެ.
"ދަރިފުޅާ .މަންމަ އެވާހަކަ ދައްކަނީ ހަގީތަކަށް ނޫން...........މަންމަ...."ނާޝިދު މާޒިމްއަށް ވިސްނާދޭން މަސައްކަތްކުރިއެވެ. އޭނާގެ ޖުމްލަ ފުރިހަމަ ނުވަނީސް މާޒިމް އަތް ހޫރައިލިވަގުތު އެއަތުގައި ކޮންމެވެސް މީހަކު ހިފެހެއްޓިއެވެ. ކުރިމައްޗަށް އެރީ ޚުޝަލްއެވެ.
" މާޒް.... މޮޔަވީތަ؟" ހުޝަލް އެހިއެވެ. އަދި މާޒިމް ގެ އަތަށް ފިތައި ބާރުކޮށްލިއެވެ. ކެނާން ވެސް ހުއްޓުނީ ނާޝިދު ގެ ކުރިމަތީގައެވެ. މާޒިމްގެ ރުޅިގަނޑުން ބައްޕަ ސަލާމަތްކުރަންް ހަށިފާރަވެރިއަކަށް ވީފަދައެވެ. ނަބީލާ ގެ މޫނު މާޒިމްގެ ގެ ބުރަކަށީގައި ޖައްސައިލަމުން އެންމެނަށް ފޮރުވިއެވެ. ކެނާން އާއި ހުޝަލްދެކެ ނަބީލާ ބިރުގަނެއެވެ. އެ ދެމިހުން ފެނިއްޖެއްޔާ ވަގުތުން މައިތިރިވެއެވެ. ބިރުގަންނަނީ ރުޤްޔާގެ އާޔަތްތައް ކިޔަވަފާނެކަމަށްޓަކައެވެ.
"މޮޔަވީހޭ؟.އާ ޔޫ އޯލް ސީރިޔަސް.....އަހަރެންތަ އަދިވެސް މޮޔައީ...." މާޒިމް އޭނާގެ މޭ ފުއްޕާފައި ވާހަކަ ދެއްކިއިރު ހީވީ ހުޝަލް ގެ ގައިގައިވެސް ޖަހާފާނެހެންނެވެ.
ދޫ ބަންދުވެ ހުޝަލް އަށް ވެސް ދޭނެ ޖަވާބެއް ނޭނގިފައި ހުރެވުނެވެ.
" ކަމުގެ ހަގީގަތް އެނގޭނީވެސް މާޒިމް ގެ ތި ރުޅިގަނޑު މަތަ ވެގެން..." ނަބީލާ ކޮޓަރިއަށް ގެންދަން ކެނާން އޭނާގެ އަތުގައި ހިފިއެވެ. މާޒިމް ރުޅިވެރިކަމާއެކު ކެނާންގެ އަތް ފޮޅުވައިލަން މަސައްކަތް ކުރިއެވެ. ނަމަވެސް ކެނާންއަށް ލިބިފައިވި ބާރުން މާޒިމް ދުރުކޮށްފައި މަންމަ ގޮވައިގެން ދާން ހިނގައިގަތީ ކޮޓަރިޔާއި ދިމާއަށެވެ. މާޒިމް ފަހަތުން ގޮސް ނަބީލާގެ އަތުގައި ހިފާ ކައިރިކޮށްލަމުން އޭނާގެ ގާތަށް ގެނައެވެ. ނާޝިދު އަތުގެ އިޝާރާތުން ކެނާން އަށް އެންގީ ހިމޭނުން ހުރުމަށެވެ. ނަބީލާ މާޒިމްގެ ފަހަތަށް ވަދެ އަނެއްކާ ފިލަން މަސައްކަތްކުރިއެވެ. ބިރުންހުރިކަން އެނގެނީ ދެ އަތުން ކަންފަތް މަތީ އަތް އަޅައި ބަންދުކުރުމުންނެވެ. އޭނާގެ މަގްސަދަކީ މާޒިމް އެހެން އެންމެންނާއި ދުރުކުރުވުމެވެ. ރުޅިވެރިކަން ބޭއްވުމެވެ.
" ނާޝިދު...އަހަރެންގެ މަންމަ އަށް މިފަދަ އަނިޔާއެއް ދެނީ ކީއްވެ؟ވައި އާ ޔޫ އޯލް ނޮޓް ސެއިންގް އެނީތިނގް...ވައި..." މާޒިމްގެ ހަޅޭކުގެ އަޑު މުޅިތާ ހަރުލިއެވެ. އެއީ މަދީނާ ގޮވައިގެން މިކާއިލް ވެސް އެގެއަށް އައި ވަގުތެވެ.
"މެންޓަލީ އިލް ޕޭޝަންޓުން ގެންގުޅޭ ގޮތް މާޒިމް ޑޮކްޓަރަކަށް ވެ ހުރެ އެންމެ ރަނގަޅަށް އެނގޭނެ...މަންމަގެ ބަލީގެ ގޮތުން އެ ފަދަ ވާހަކަ ދައްކައި އުޅެނީ...މަންމަ އަށް ދޭންވާ ފަރުވާތައް އެންމެ ފުރިހަމަ އަށް ދެން....މާޒިމް ކޮންމެ ގޮތަކަށް ވިސްނި ކަމުގައި ވިޔަސް އަހަރެން ނަބީލާ އަށް ވި އެންމެ ރަނގަޅަށް ކަންތައް ކުރެވޭ ގޮތް ހޯދައި ބެލީ.....މާޒިމް އަށް މަންމަ ކިޔުމުގެ ކުރީން އެއީ އަހަރެންގެ އަނބިމީހާ އޭ..." ނާޝިދު އޭނާގެ ހިތުގައިވި އުދާސް ބޭރުކޮށްލި ވަގުތު މެޔަށް ވެސް ތަދު އެރިއެވެ. ނަމަވެސް ހިތްވަރު ކުރީ އެ ވޭން އެހެން މީހެއްގެ ލޮލަށް ނުދެއްކުމަށެވެ.
" ނޫން...އަހަރެން ގަބޫލެއް ނުކުރާނަން...ތިއިން އެއްވެސް ވާހަކަ އެއް.....ޕޮލިހަށް ރިޕޯޓު ކޮށްގެން ވެސް މައްސަލަ ބަލާނަން...ކީއްވެ މަންމަ އެހާ ބަލިއިރު ގޭގަ މިހެން ބަނދެފަ ބަހައްޓަން ވީ....ހޮސްޕިޓަލަށް ނުގެންދިޔައީ ކީއްވެ....މިއޮށް ބޮޑު ލަންޑަން ގަ މަންމަ އަށް ބޭސްފަރުވާ ކުރާނެ ފެންވަރު ރަގަޅު ހޮސްޕިޓަލްތައް ހުރި އިރު ކީއްވެ މިހާލުގަ ގޭގަ މަންމަ އަށް އަނިޔާ މިދެނީ...." މާޒިމް ގެ އަތް މުށްކަވާލާފައި ރުޅިގަނޑު ބޭލީ ބިއްލޫރި މާ ވަށިގަނޑަށެވެ. އެ ތެޅިގެން ދިޔަ އަޑު ތަނުގައި ހަރުލާފައި އިރުކޮޅެއްވާންދެން ހުއްޓެވެ. މާޒިމް ގެ އެ ރުޅި ފެނި މަދީނާ އަށް ރޮވޭގޮތްވިއެވެ. ހުޝަލް މާޒިމް ގެ ކޮނޑުގައި ހިފަހައްޓާފައި ތަޅުވައިލީ މައިތިރުވުމަށް އެދިއެވެ. އޭނާ އަށް ހަގީގަތް އެނގުނު ދުވަހުން ފެށިގެން ކަން ހިނގައި ދިޔަ ގޮތުގެ ތަފްސީލު ކިޔައިދިނީ މާޒިމް އަށް ވިސްނައިދިނުމަށެވެ. ނަމަވެސް މާޒިމް އިސްކުރީ އޭނާގެ ރުޅިއެވެ. އަދި ނަބީލާ ދައްކާ ވާހަކައެވެ.
"މާޒް...ދަރިފުޅު...ހުސް ދޮގު...އެނެމންވެސް ދޮގު...ރާޤީ...އޭނަ ތަޅާ އަނިޔާ ކުރޭ...." ނަބީލާ ބޯ ދެކޮޅަށް ހޫރުވަމުން ހިތާމަ ވެރި ރާގުގައި ތަކުރާރުކޮށް އެކައްޗެއް ކިޔަމުން ދިޔައެވެ.
" މަންމަ އަށް ކުރެވުނުހާ އަނިޔާ އަދިވެސް މަދީތަ؟.....އައި ސްވެއަ އައި ވޯންޓު ކިލް ޔޫ..." މާޒިމްގެ އަލިފާނުގެ ބެލުން އަމާޒުވީ އޭނަގެ ބައްޕައަށެވެ. އޭނާގެ އަނގައިން ކިޔޭ ނުކިޔޭ ނޭގޭ ހާލަތަށް ދިޔައެވެ. މިކާއިލް އޭނާގެ ފޯނުން މާޒިމް އަށް ވީޑިއޯއެއް ދެއްކިއެވެ. ނަމަވެސް އެކަން ގަބޫލުކުރަން ބޭނުންނުވެ އެ ފޯނުވެސް އަތުކޮޅަށް ހޫރުވައިލިއެވެ. މާޒިމް ގަބޫލުކުރަން ބޭނުންވީ އޭނާގެ މަންމަ އަށް ބޭސް ފަރުވާ ނުދީ ރުޤްޔާގެ ނަމުގައި އަނިޔާ ދެނީކަމަށެވެ. އެވަގުތު އެގޭގެ ބެލް ރިންގުވިއެވެ.
"ރާޤީ.....ސޭކު މީހާ...." ނަބިލާ ހަޅޭއްލަވައިގަތީ ދޮރާއި ދިމާއަށް އިނގިލި ދިއްކުރަމުންނެވެ.
"އެއީތަ؟އެ ބުނާ ރާޤީ؟އައީތަ؟މަންމަ އަށް އަނިޔާ ކުރަން....ހައު ސިކް އާ ޔޫ ޕީޕަލް..." މާޒިމް މަލާމާތުގެ ހުނުމުގައި ވާހަކަ ދެއްކީ މޮޔައެއް ހެންނެވެ. ބިންމަތިން ބިއްލޫރި ގަނޑެއް ނަގައި އަތަށް ލައިގެން ދޮރު ހުޅުވީ އެއީ ރާޤީ ކަމަށް ހިތާއެވެ. ދޮރު ހުޅުވުމާއެކު އޭނަ މައިތިރިވިއެވެ. ނޭވާ ހަމަޔަކަށް އެޅޭހެން ހީވިއެވެ. ދޮރުމަތީގައި ހުރީ އުރުޖުވާން އެވެ.
"ޔޫ...ޓޫ....ކީއްވެ؟" މާޒިމް ގެ ލޮލުގައިވި އަސަރު ފެނި އުރުޖުވާން ގެ މެޔަށް ހެރުނީ ހަންޖަރެއް ފަދައިންނެވެ. އުރުޖުވާން އިސްޖަހާލައިގެން ހުރެ ވަނުމުން އެންމެންނަށްވެސް ސިހުމެއް ލިބުނެވެ. މާޒިމްގެ އަތުތެރޭގައިވި ބިއްލޫރިގަނޑަށް ބާރުކޮށްލެވުނެވެ. އުރުޖުވާން އަށް އެ މަންޒަރު ފެނި މާޒިމް ގެ އަތުގައި ހިފުނެވެ. އާދޭހާއެކު އަމިއްލަ ނަފްސަށް އަނިޔާވެރި ނުވުމަށް އެދުނެވެ. ނަބީލާ އަށް އުރުޖުވާން ފެނުމާއެކު ކަޅި އެޅީ ރުޅިވެރިކަމާއެކުއެވެ. އަދި ފުންމައިގެން އައިގޮތަށް ހިފެހެއްޓީ އުރުޖުވާންގެ ކަނދުރާގައެވެ.
"ނާވިޔާ...ކަލޭ.....މަރާލީމަވެސް އަނެއްކާވެސް އައީތަ....އަހަރެންގެ ދިރިއުޅުން ހަލާކު ކުރަން ތިއައީ ކީއްވެ..." ނަބީލާ ގެ އަޑު ބަރުވިއެވެ. އޭނަގެ ނިޔަފަތި މަސްގަނޑުތެރެޔަށް ވައްދާފައި ވާންކޮށްލި އިރު އުރުޖުވާންގެ ކަޅި މައްޗަށް އެރިއެވެ. ނަބީލާ ދުރުކުރުމަށް މާޒިމް ތެޅިގަތީ އޭނާގެ ޒަޚަމްވެފައި އަތުންނެވެ. ކައިރީގައި ހުރި ކެނާން ޤުރުއާނުގެ އާޔަތެއް ކިޔަވަން ފެށުމާއެކު ނަބީލާގެ އަތަށް ކޮންމެވެސް ވަރަކަށް ދޫ ދޭންފެށުނެވެ. ދަނޑިވަޅު ބަލާފައި މިކާއިލް އުރުޖުވާން ސަލާމަތްކުރީ ހުޝިޔާރުކަމާއެކުއެވެ. ނަބިލާ ޚަބަރު ހުސްވެގެން ވެއްޓެން ދިޔައިރު ހިފަހައްޓައިލެވުނީ މާޒިމްއަށެވެ.
"މަންމާ...." މާޒިމް އަށް ގޮވައިލެވުނެވެ. އުރުޖުވާން އަށް އޭނާގެ ނޭވާ ހަމަޔަކަށް އަޅުވަން މަސައްކަތް ކުރިއެވެ. އެންމެންވެސް އެއްވެ ތިބީ އުރުޖުވާންގެ ކައިރީގައެވެ.
"މާޒް...." އުރުޖުވާން ކެއްސާލަމުން ގޮވާލީ މާޒިމް އަށެވެ. ކަރަށް ވާން ކުރިވަރުން އޭނާއަށް އެހާ ފަސޭހައިން ވާހަކަ އެއް ނުދެއްކެއެވެ. ކެނާން އެނބުރި ބަލައިލިއިރު ފެނުނީ މާޒިމް މަންމަ އަތް ދަނޑިމައްޗަށް ލައިގެން ނިކުތްތަނެވެ. އޭނަ ފަހަތުން ދުވެފައި ދިޔަނަމަވެސް ކާރަށް އަރައި ދުއްވާލުމުން ހިފަހައްޓައެއް ނުލެވުނެވެ. ކެނާންވެސް ކާރަށް އަރައިގެން ދުއްވާލީ މާޒިމް ގެ ކާރުގެ ފަހަތުންނެވެ. ނާޝިދު އޭނާގެ މޭމައްޗަށް އެރި ތަދު ބޮޑުވިއެވެ. މެޔަށް ފިތައި ބާރު ކޮށްލެވުނެވެ.
"ސުބްޙާނައްﷲ....." ހުޝަލް ހާސްވިއެވެ. ހަދާނެގޮތް ހުސްވިއެވެ. ހުރިހާ ކަމެއް މިދިމާވީ އެއްފަހަރާއެވެ.
***
ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން ފަރަހް ހުރީ މާޒިމްގެ އިންތިޒާރުގައެވެ. ހާސްކަން ފިލުވަން އޭނާއަށް މިހާރު ދެ ޕެކް ސިގިރޭޓުވެސް ވެސް ހުސްކޮށްލެވިއްޖެއެވެ. ލޯ ދިއްލުނީ ގޭޓުން ވަދެގެން އައި ކާރު ފެނިފައެވެ. ކާރު އައި ސްޕީޑުން ހީވީ ކާރު ގޭތެރެއަށް ވައްދާލަފާނެހެންނެވެ. ލޯ ހިމަކޮށްލައި ބަލައިލެވުނީ ކާރުން ފައިބަނީ ކާކު އަތް ދަނޑިމައްޗަށް ލައިގެންތޯއެވެ. އޭނާ އާއި އެކު ހުރި ޖައިލްމަ ގެ ލޯ ވެސް ބޮޑުވިއެވެ.
"ނަބީލާ..." ޖައިލަމް އަވަހަށް ދޮރާއި ދިމާއަށް ދުވެފައި ދިޔައެވެ. ފަރަހް ވެސް އަވަހަށް އަނގަޔަށް މިންޓު ސްޕްރޭއި ކޮށްލައި ގައިގައި ހުރި ސިގްރެޓްގެ ވަސް ފިލުވަން އަވަސްވެގަތެވެ. އަތު ޖެހުނީ އެވަގުތު ކޮޓަރިއަށް ޖަހާ ސްޕްރޭއި ކަމުން އެވެސް ގަޔަށް ޖަހައިލީ އަވަސް ވެފައި ހުރެއެވެ.
ނުނިމޭ