އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަށް ބޭނުންވާ ބޭހާއި ވެކްސިން ފަދަ ތަކެތި އަގުހެޔޮކޮށް، އަތްފޯރާފަށުގައި ލިބޭނެގޮތް ހެދުމަކީ އަމާޒެއް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. އާއިޝަތު ރަމިލާ މިރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަޒީރު ރަމީލާ ވިދާޅުވީ ވެޓެރިނަރީ ސާވިސް ފުޅާކުރުމަކީ އެ ވުޒާރާއިން ވަރަށް އިސްކަމެއްދީގެން ކުރާ މަސައްކަތެއް ކަމަށެވެ. އެގޮތުން ވެޓެރިނަރީ ކްލިނިކް ހުޅުވުމުގެ މަސައްކަތުގެ ދަށުން ވެޓް ޑޮކްޓަރުންނާއި ނަރުހުން ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މައުލޫމާތުދެއްވިއެވެ.
މިހާރުވެސް ރާއްޖޭގައި ޕްރައިވެޓް ވެޓެރިނަރީ ތަންތަން ހުރިނަމަވެސް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޖަނަވާރުތަކަށް ޖެހޭ ބަލިތައް ދެނެގަނެ، ދޭންޖެހޭ ފަރުވާ ދޭނެ ރަނގަޅު ސިސްޓަމެއް ގާއިމްކުރެވިފައި ނެތުން ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އޮޅުކޮށްގެން 'ޕެޓް'ގެ ގޮތުގައި ގެންގުޅޭ ޖަނަވާރުތަކަށް ބައްޔެއް ޖެހުމުން ދޭންޖެހޭ ބޭސްތައް ރާއްޖެއިން ލިބުން ނެތުން ވެސް އެއީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ރަމީލާ ވިދާޅުވިއެވެ.
އުންމީދަކީ ކުރިއަށް އޮތް މުސްތަގުބަލުގައި އަޅުގަނޑުމެންގެ ރާއްޖޭގައި މި ވެޓެރެނަރީ ކަންތައްތަކަށް މި ބޭނުންވާ ޑްރަގްސް ބާވަތްތައް ނޫނީ ބޭހުގެ ބާވަތްތަކަކީ ހެޔޮ އަގެއްގައި ނޫނީ އަޅުގަނޑުމެންނަށް އަތްފޯރާ އަގެއްގައި ލިބެން ހުންނާނެ ތަކެތި ކަމުގައި ހެދުން، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. އާއިޝަތު ރަމިލާ
ހަމައެއާއެކު ރާއްޖެއަށް އެތެރެކުރާ ޖަނަވާރުތަކުގެ ހަދަންޖެހޭ ޓެސްޓުތައް ހަދާނެ އާލާތްތައް ވެސް މިހާރު ނެތްކަން ރަމީލާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން އެއީ ވަރަށް ބޮޑަށް ރާއްޖޭގައި ތަރައްގީކުރަން ޖެހިފައި އޮތް ދާއިރާއެއްގެ ގޮތުގައި ރަމީލާ ސިފަކުރެއްވިއެވެ. އަދި އެކަންކުރުމަށްޓަކައި އެ ވުޒާރާއިން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
އެތެރެކުރެވޭ ދިރޭތަކެތި އެއީ ދޫނި ކަމުގައި ވިޔަސް ބުޅާ ކަމުގައި ވިޔަސް، އެއާޕޯޓުގައި މިހުންނަ ކަރަންޓީނު ފެސިލިޓީގައި ވެސް ކުރަންޖެހޭ ބައެއް ޓެސްޓުތައް އެބަހުރި. އެ ޓެސްޓުތައް ކުރުމަށްޓަކައި ބޭނުންވާ ބައެއް އާލާތްތަކަކީ ވެސް މިހާރު އެހާ ފަސޭހައިން މިހާރު އަޅުގަނޑުމެންނަށް ލިބެން ހުންނަ އެއްޗިއްސެއް ނޫން، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. އާއިޝަތު ރަމިލާ
ޖަނަވާރުތަކަށް ބޭނުންވާ ބޭހާއި ފަރުވާކުރުމަށް ބޭނުންވާ އެހެނިހެން ތަކެތި ރާއްޖެއަށް އެތެރެކުރުމަށް ކަމާ ގުޅުން ހުރި އިދާރާތަކާއެކު މަޝްވަރާކުރުންތައް ބާއްވާ ކަމަށް ރަމީލާ ވިދާޅުވިއެވެ. އެގޮތުން އާއްމުގޮތެއްގައި ރާއްޖެއަށް ބޭސް އެތެރެކުރާ އެސްޓީއޯ އަދި ރާއްޖެ އެތެރެކުރާ ބޭހުގެ ކޮލިޓީ ބަލާ އިދާރާ ކަމަށްވާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއެކު ވެސް މަޝްވަރާތައް ބާއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެ އެތެރެކުރާ ޖަނަވާރާއި ގެންގުޅޭ ޖަނަވާރުތަކާ ގުޅުން ހުރި ކަންކަން ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމަށްޓަކައި އެ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން ޖަނަވާރާ ބެހޭ ބިލެއް ޑްރާފްޓުކޮށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ހުށަހަޅާފައިވާ ކަމަށް ރަމީލާ ވިދާޅުވިއެވެ.
ހަމައެއާއެކު ޕެޓް ޝޮޕް އިންސްޕެކްޝަންތަކެއް ވެސް މި ސަރުކާރު ހަވާލުވިފަހުން ދެފަހަރަކު ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖަނަވާރުތައް ރަނގަޅަށް ބެލެހެއްޓި، އެއީ ދޭންޖެހޭ ފަރުވާ ދީގެން ގެންގުޅޭ އެއްޗިހީގެ ގޮތުގައި ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. އޭގެ ސަބަބުން ޖަނަވާރުގެ ސަބަބުން ފެތުރޭ އެކި ކަހަލަ ބަލިމަޑުކަމުގެ ބިރު ވެސް ކުޑަވާނެއެވެ.