ދިވެހިރާއްޖޭގެ ދަނޑުތަކުގައި އުފައްދާ ތަކެއްޗަކީ ފެންވަރު ރަނގަޅު ތަކެތިތޯ ބެލުމަށްޓަކައި މޯލްޑިވްސް ފުޑް އެގްރިކަލްޗާ ޕްރެކްޓިސް ސެޓްފިކޭޝަން (އެމްގެޕް ސެޓިފިކޭޝަން)ގެ ނަމުގައި ދަނޑުތައް އޮޑިޓްކުރުމުގެ ޚާއްސަ ޕްރޮގްރާމެއް ކުރިއަށްގެންދާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. އާއިޝަތު ރަމީލާ މިރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރަމީލާ ވިދާޅުވީ، އެމްގެޕް ސެޓިފިކޭޝަންއަކީ ދަނޑުތަކުގައި އުފައްދާ ތަކެއްޗަކީ ފެންވަރު ރަނގަޅު އަދި ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ ފެންވަރުގެ ތަކެތިތޯ ބެލުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.
އެގޮތުން ރާއްޖޭގެ ދަނޑުތައް އެމްގެޕް ސެޓިފައި ކުރާނީ ވަކިގޮތަކަށް ކަމަށް ރަމީލާ ވިދާޅުވިއެވެ. އެކަން ކުރުމަށްޓަކައި ބޭރުގެ އޮޑިޓަރުން ގެނެސް ރާއްޖޭގެ ދަނޑުތައް އޮޑިޓް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑުމެން ބޭރުގެ އޮޑިޓް ކުރާ ބަޔަކު ގެނެސްގެން ދަނޑުތައް މި އޮޑިޓްކުރަނީ އިންޓަނޭޝަނަލީ ރިކޮގްނައިޒްޑް ފެންވަރަކަށްތޯ އެބޭފުޅުން ދަނޑުތަކުގައި އެ އެއްޗިސް ހައްދަނީ. މާނައަކީ ބޭސްޖެހި ކަމުގައި ވިޔަސް، ނިއުޓްރިއެންޓްސް ދިން ކަމުގައި ވިޔަސް، ފާޓިލައިޒާސް ދިންކަމުގައި ވިޔަސް، އެ ސްޓޭންޑާޑް މެއިންޓެއިން ކުރޭތޯ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. އާއިޝަތު ރަމީލާ
ރަމީލާ ވިދާޅުވީ އެ ޕްރޮގްރާމްގެ ދަށުން މިދިޔަ މަހު ށ. ގޮއިދޫގެ ދަނޑުތަކެއް އެމްގެޕް ސެޓިފައިކޮށްފައިވާ ކަމަށެވެ.
މި ސެޓްފިކޭޝަން ޕްރޮސެސްއަކީ ގިނަ ދުވަހުން ކުރެވޭ ކަމެއްކަން ފާހަގަކުރައްވައި ރަމީލާ ވިދާޅުވީ ސެޓިފައިކުރާއިރު ބަލާނެ ވަކި މިންގަނޑުތަކެއް ހުންނަ ކަމަށެވެ.
އެގޮތުން ދަނޑުވެރިން ވަކި މިންގަނޑަކަށް ދަނޑުތައް ބަހައްޓައި، ދަނޑުތަކުގައި މަސައްކަތްކުރާ މީހުން ވެސް ވަކި ވަރަކަށް ތަމްރީނުވެފައި ތިބެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު ސެޓިފިކޭޝަން ޕްރޮސެސްއަށް ބޭނުންވާ ބައެއް ކަހަލަ މައުލޫމާތުތައް ވެސް އެ ދަނޑަކުން ލިބެން ހުންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މިގޮތަށް ދަނޑުތައް ސެޓިފައި ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދަނޑުތަކުގައި ހައްދާ ތަކެއްޗަކީ ސިއްހީ ގޮތުން ފައިދާ ހުރި އެއްޗިހީގެ ގޮތުގައި އެކަށައެޅުން ކަމަށް ރަމީލާ ވިދާޅުވިއެވެ. އޭރުން އެ އުފައްދާ ތަކެތި ގަންނަ މީހުންނަށް ވެސް އެއީ ކާން ފައިދާ ހުރި ތަކެތިކަން ޔަގީންކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
އެމްގެޕް ސެޓިފައި ކުރެވުނީމަ އަޅުގަނޑުމެންނަށް އެ ޔަގީންކަން އެބަ އާދޭ ގަސްގަހަށް މި ޖަހާ ބޭސްތައް ނޫނީ ޕެސްޓިސައިޑްސް މަދުން ބޭނުންކުރެވި ނޫނީ އެ އޮންނަ މިންވަރަކުން ބޭނުންކުރެވޭ ދަނޑުތައް ކަމަށް، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. އާއިޝަތު ރަމީލާ
މިހާރު ރާއްޖޭގެ ދަނޑުތަކުގައި އާންމުކޮށް ހައްދާ ބާވަތްތަކާ މެދު ދިވެހީންގެ ޔަގީންކަން ކުޑައެވެ. ސަބަބަކީ ދަނޑުތަކުގައި އުފައްދާ ތަކެއްޗަކީ ބޭސް ޖަހައިގެން ނުވަތަ ޕެންޓިސައިޑްސް ބޭނުންކޮށްގެން އާޓިފިޝަލްކޮށް އުފައްދާ ތަކެއްޗަށްވުމެވެ. އޭގެ ސަބަބުން ކެވެނީ ފައިދާހުރި ކާނާގެ ބަދަލުގައި ކެމިކަލެވެ.
ނަމަވެސް މި އޮޑިޓުގެ ސަބަބުން އެކަަމަށް ހައްލެއް ލިބޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވެސް ރާއްޖޭގެ ދަނޑުވެރިކަން ފުޅާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރުމަށް އެ ވުޒާރާއިން ވަނީ ނިންމާފައެވެ.
އޭގެ ތެރޭގައި ރާއްޖޭގައި މުޅިން އަލަށް "އެގްރިކަލްޗާ ސެންސަސް"ގެ ނަމުގައި ދަނޑުވެރިކަމާ ގުޅުން ހުރި ތަފާސްހިސާބުތައް އެއްކުރުމުގެ މަސައްކަތް މި މަހު ފެށުމަށް ނިންމާފައިވާކަމަށް ރަމީލާ ވިދާޅުވިއެވެ. މިއީ ސްޓެޓިސްޓިކްސް ބިއުރޯއާ ގުޅިގެން އެ ވުޒާރާއިން ފަށާ ހަރަކާތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖޭގެ ދަނޑުވެރިން އުފައްދާ ތަކެއްޗާއި އެތަކެތިން ރާއްޖޭގެ އިގްތިސޯދަށް ކުރާނެ ފައިދާތައް ބެލެހެއްޓިފައި ނުވާއިރު މި ސެންސަސް މެދުވެރިކޮށް އެފަދަ ޑޭޓާބޭސްއެއް ހެދޭނެ ކަމަށް ރަމީލާ ވިދާޅުވިއެވެ.
ހަމައެއާއެކު ޗައިނާ ސަރުކާރާއެކު ރާއްޖޭގެ ރުއްތަކަށް ޖެހޭ ބަލިތައް ދިރާސާކުރުމުގެ އެއްބަސްވުމަކާއި ރާއްޖެއަށް އެތެރެކުރެވޭ ޖަނަވާރާއި ގަސްތައް އެތެރެކުރާއިރު ބަލަންޖެހޭ މިންގަނޑުތައް އެކުލަވާލުމުގެ އެއްބަސްވުމެއް ވެސް ވެފަވާކަމަށް ރަމީލާ ވިދާޅުވިއެވެ.
ދަނޑުވެރިކަން ފުޅާކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށާއި މިފަދަ ބައިވަރު މަސައްކަތްތައް އެ ވުޒާރާއިން ޚާއްސަ އިސްކަމެއް ދީގެން ކުރާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވައިފައެވެ.