އީރާނުން ރަޝިއާއަށް މިސައިލް ފޯރުކޮށްދިނުމަކީ ޔުކްރެއިން ހަނގުރާމަ ދިގުލައިގެންދާނެ ކަމެއް: އެމެރިކާ

ޔުކްރެއިން ހަނގުރާމަ

ވޮޝިންޓަން (7 ސެޕްޓެމްބަރު 2024) : އީރާނުން ރަޝިއާއަށް ޒަމާނީ ބަލިސްޓިކް މިސައިލް ފޯރުކޮށްދިނުމަކީ ޔުކްރެއިން ހަނގުރާމަ ދިގުލައިގެންދާނެކަމެއް ކަމަށް ބުނެ އެ ކަން ނުކުރުމަށް އެމެރިކާއިން އީރާނަށް އިންޒާރު ދީފިއެވެ.

ނަން ހާމަކުރަން ނޭދޭ އެމެރިކާގެ އިސް މަސްއޫލުވެރިއަކާ ހަވާލާދީ "ވޯލް ސްޓްރީޓް ޖާނަލް" ބުނާ ގޮތުން ސެޓަލައިޓް މެދުވެރިކޮށް އަމާޒު ހޯދައިގެން ހަމަލާދޭ ބާވަތުގެ ސްމާޓް ބަލިސްޓިކް މިސައިލްގެ އެތަށް ސަތޭކަ މިސައިލްގެ ޝިޕްމަންޓްތައް އީރާނުން ރަޝިއާއަށް ފޯރުކޮށްދޭކަމުގެ ނޫނީ ފޯރުކޮށްދޭން މަސައްކަތްކުރާ ކަމުގެ މައުލޫމާތު އެމެރިކާއަށްވަނީ ލިބިފައެވެ.

ނަންހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވެފައިވާ ގޮތުން ރަޝިއާއާއި އީރާނުގެ އަސްކަރީ ގުޅުންތައް މިހާރުވަނީ ދުވަހަކު ވެސް ބަދަހިނުވަވަރަށް ބަދަހިކޮށްފައެވެ.

އީރާނުން ރަޝިއާއަށް ޒަމާނީ ބަލިސްޓިކް މިސައިލް ފޯރުކޮށްދޭއިރު އޭގެއަގުގެ ގޮތުގައި ރަޝިއާ ގެންދަނީ ފަޒާގެ ޓެކްނޮލޮޖީއާއި ރާޑަރާ އަދި ވައިގެ ދިފާއީ ނިޒާމުތައް އީރާނަށް ފޯރުކޮށްދެމުންކަމަށް "ވޯލް ސްޓްރީޓް ޖާނަލް" ބުނެއެވެ.

ޔުކްރެއިނުން އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެން ރަޝިއާގެ އެތެރެއަށް ދެމުން ގެންދާ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އެމެރިކާގެ ދަތުވާ ތަނުގައި "ފިސާރި ރަނގަޅަށް" ޖަހާނެކަމަށް ރަޝިއާ ވަނީ ބުނެފައެވެ.

އެމެރިކާގެ ތަދުވާތަނުގައި ޖަހާނެކަމަށް ރަޝިއާ ދޭ އިންޒާރުގެ މާނައަކީ އެމެރިކާގެ ދުޝްމަނުންކަމުގައިވާ އީރާނާއި އުތުުރު ކޮރެއާ ފަދަ ގައުމުތަކަށް އަސްކަރީ ޒަމާނީ ޓެކްނޮލޮޖީ ފޯރުކޮށްދީ އެގައުމުތަކާއެކު ރަޝިއާ އަސްކަރީ ގުޅުންތައް ބަދަހިކުރުންކަމަށް މުހައްލިލުން ދެކެއެވެ.

އެެމެރިކާ ތުހުމަތު ކުރާގޮތުގައި އީރާނުން ރަޝިއާއަށް ފޯރުކޮށްދޭ މިސައިލްތަކުގެ ތެރޭގައި ކުރުރާސްތާއާއި މެދުރާސްތަގެ މިސައިލް ހިމެނޭކަމަށްވެއެވެ. މީގެތެރޭގައި ސެޓަލައިޓް ގައިޑެޑް މިސައިލެއްކަމަށްވާ ފާތިހު-360 މަރުކާގެ މިސައިލް ހިމެނޭކަމަށް "ވޯލް ސްޓްރީޓް ޖާނަލް" ބުނެއެވެ.

އެމެރިކާގެ ގައުމީ ސަލާމަތަބެހޭ ކައުންސިލްގެ ތަރުޖަމާނު ޝުން ސަވިޓް ވިދާޅުވި ގޮތުގައި ރަޝިއާއާއި އީރާނާދެމެދުގައިވާ އަސްކަރީ ގުޅުންތައް ބަދަހިކުރުމާ ދެކޮޅަށް އެ ދެ ގައުމަށް އެތަށްފަހަރަކު އެމެރިކާވާނީ އިންޒާރުދީފައެވެ. މި އިންޒާރުތަކާއެކު ވެސް ރަޝިއާއާއި އީރާނުން އަސްކަރީ ގުޅުންތައް ބަދަހިކޮށް ޓެކްނޮލޮޖީ ބަދަލުކުރަމުން ގެންދާކަމަށާ މިއީ އެމެރިކާ އިންތިހާއަށް ކަންބޮޑުވާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޝުން ވިދާޅުވިގޮތުގައި އީރާނުން ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދިނުމަކީ ޔުކްރެއިން ހަނގުރާމަ ދިގުލައިގެންދާނެ ކަމެކެވެ. އެއީ ރަޝިއާ ޔުކްރެއިންއާ ދެކޮޅަށް ހިންގާ އުދުވާނީ ހަނގުރާމައަށް ވާގިވެރިވުންކަން ވެސް އީރާނަށް އެނގެންވާނެއެވެ.

އެމެރިކާގެ އެހެން މަސްއޫލުވެރިއަކާ ހަވާލާދީ ރޮއިޓާސް ބުނާގޮތުން އީރާނުން ރަޝިއާއަށް ބަލިސްޓިކް މިސައިލް ފޯރުކޮށްދޭކަމަށް ބެލެވޭ މައްސަލައަށް އެމެރިކާ ގެންދަނީ ވަރަށް ގާތުން ފާރަލަމުންނެވެ. މިތަކެތި ފޯރުކޮށްދޭ ކަމަށް ބެލެވެނީ އެމެރިކާގެ ކޮންޓްރޯލް އެއް ވެސް ވަރަކަށް އޮންނަ ސަރަހައްދުތަކަކުން ނޫނެވެ.

އީރާނާއި ރަޝިއާ އާ ދެމެދު ވައިގެ ދަތުރުތައްކުރާ ސަރަހައްދުތަކަކީ އެމެރިކާގެ ކޮންޓްރޯލް އެއް ވެސް ވަރަަށް އޮންނަ ސަރަހައްދުތަކެއް ނޫނެވެ. ކެސްޕިޔަން ކަނޑު ހުރަސްކޮށް އީރާނާއި ރަޝިއާއާ ދެމެދުކުރާ ކަނޑުގެ ދަތުރުތަކަކީ ވެސް އެމެރިކާއަށް އެހިސާބާ ކައިރިއަށް ވެސް އާދެވޭ ހިސާބެއް ނޫނެވެ.

ރަޝިއާގެ ވެސް އަދި އީރާނުގެ ވެސް ވައިގެ އަދި ކަނޑުގެ ބޯޓަކަށް ހުރަސްއެޅުމަކީ ފާޅުގައި އެމެރިކާއަށް ކުރަންކެރޭނެ ކަމެއް ވެސް ނޫނެވެ. އެއީ އޭގެ ރައްދުގައި އެ ދެ ގައުމުން ވެސް އެމެރިކާގެ ބޯޓުތަކަށް ހުރަސްއަޅާނެތީއެވެ. ޚާއްސަކޮށް ގަލްފުގެ ސަރަހައްދުން ނުވަތަ ހުރުމުޒް ކަނޑުއޮޅިން އެމެރިކާގެ ތެޔޮޓޭންކަރުތަކާއި އާގު ބޯޓުތަކަށް ހުރަސްއެޅުމަކީ އީރާނަށް ވަރަށް ފަސޭހައިން ކުރެވިދާނެކަމެއްކަން އެރިކާއަށް އެނގޭތީއެވެ.

2020 ވަނަ އަހަރާއި 2012 ވަނަ އަހަރު އީރާނުގެ ތެޔޮޓޭންކަރުތަކަށް މާކަނޑުތަކުގައި އެމެރިކާ ހުރަސްއެޅުމުން އީރާނުން އެމެރިކާގެ ކުންފުނިތަކުގެ ދެ އާގުބޯޓެއް ހިފަހައްޓާފައިވެއެވެ. އަދި އިނގިރޭސިވިލާތުގެ އާގު ބޯޓެއް ވެސް ހިފަހައްޓާފައިވެއެވެ.

އީރާނުން ރަޝިއާއަށް ބަލިސްޓިކް މިސައިލް ފޯރުކޮށްދިނުމަކީ ޔުކްރެއިން ހަނގުރާމަ ދިގުލައިގެންދާނެކަމެއްކަމަށް ބުނެ އެމެރިކާ ދޭ އިންޒާރުތަކަށް ރައްދު ދެމުން އދ. ގައި ހުންނަ އީރާނުގެ ދާއިމީ މިޝަނުންބުނީ ޔުކްރެއިން ހަނގުރާމަ ދިގުދެންމުމަށް މަސައްކަތްކުރަނީ ސީދާ އެމެރިކާ ކަމުގައެވެ.

"ޔުކްރެއިންއާއި ރަޝިއާއާ ދެމެދު ސުލްހައިގެ ވާހަކަތައް ފެށުމަށް ހުރަސްއެޅުމަށްފަހު އެމެރިކާ ޔުކްރެއިނަށް ހުއްޓުމެއްނެތި ހަތިޔާރު ފޯރުކޮށްދިނުމަކީ ޔުކްރެއިން ހަނގުރާމަ ދިގުލާ މައިގަނޑު ސަބަބުކަމަށް" އދ. ގައި ހުންނަ އީރާނުގެ ދާއިމީ މިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެމެރިކާ ޔުކްރެއިނަށް ހަތިޔާރު ފޯރުކޮށްނުދޭނަމަ ރަޝިއާއާއި ޔުކްރެއިންގެ ހަނގުރާމަ މިހާ ދިގުލައިގެން ނުދިޔައީސްކަމަށް ޔުކްރެއިންގެ މައްސަލާގައި ވަކި ފަރާތަކަށް ނުޖެހޭ އެހެން ބައެއް ގައުމުތަކުން ވެސް ދެކެެއެވެ.

އީރާނުގެ މިޝަންގެ ބަޔާނުގައި އީރާނުގެ ސިޔާސަތަކީ ޔުކްރެއިންއާއި ރަޝިއާއަށް ވެސް ހަތިޔާރު ފޯރުކޮށްދިނުމުގެ ބަދަލުގައި އެދެގައުމު ސުލްހައާ ދިމާއަށް ގެންދިޔުންކަމަށް ބުނެފައިވެއެވެ. ޔުކްރެއިނަށް އެންމެ ބޮޑަށް ހަތިޔާރު ފޯރުކޮށްދޭ ގައުމަކީ އެމެރިކާއެވެ. އެމެރިކާގެ އިތުރުން ދެން ޔުކްރެއިންއަށް ހަތިޔާރު ފޯރުކޮށްދެނީ އެމެރިކާގެ އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވާ ޔޫރަޕްގެ ގައުމުތަކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު