މެސެޖް ހުޅުވާލުމާއެކު، ފެނުނު އެއްޗެއްގެ ސަބަބުން ލިބުނު ޝޮކާއެކު، މަދީހާގެ އަތުން ފޯނު ވެސް ދޫނުވީ ކިރިޔާއެވެ.
ހިތުގެ ހިންގުން ވެސް ހިނދުކޮޅަކަށް މަޑުޖެހިގެން ދިޔައެވެ. ވާނީވެސް އެހެން ތާއެވެ. ޒުހުރާ އެ ފޮނުވީ އޭނާގެ ފިރިމީހާގެ ފޮޓޯތަކެކެވެ. އަދި އެވެސް އެހެން އަންހެނަކާ އެކީގައެވެ. ތުރުތުރު އަޅަމުން ދިޔަ އަތަކުން ފަހަރަކު ފޮޓޯއެއް ލޯޑުކޮށްލުމަށްފަހު ބަލަން ފެށި މަދީހާ ވަކި ހިސާބަކުން މަޑުޖެހުނެވެ. ރާއްޖޭން ބޭރުގެ އެކި އެކި މޯލްތަކާއި ރެސްޓޯރެންޓްތަކުގެ އިތުރުން، ޕާކުތަކުގައި ފަތުޙީ އެހެން އަންހެނެއް އޭނާގެ އަތުތެރޭގައި ބަހައްޓައިގެން ނަގާފައި ހުރި ބައިވަރު ފޮޓޯ ހުއްޓެވެ. އޭގެ އިތުރުން ހޮޓެލެއްގެ ކޮޓަރިއެއް ތެރޭގައި ނަގާފައިހުރި އެދެމީހުންގެ ފޮޓޯތަކެއްވެސް ހުއްޓެވެ. އެ ފޮޓޯތަކާއެކު، ޒުހުރާ މެސެޖެއްވެސް ފޮނުވާފައި އޮތެވެ. އެއީ ފަތުޙީގެ ލޯބިވެރިޔާ ކަމާއި، މަދީހާއަށް ނޭނގި ފަރުދާގެ ފުރަގަހުގައި އެކަންތައް ހިނގާތާ އެތަކެއް ދުވަހެއް ވެއްޖެކަމުގައި އޭނާ ބުނެފައިވެއެވެ. ހަމައެއާއެކު އެއީ ފަތުޙީ ގުޅުން ބޭއްވި ހަމަ އެކަނި މީހާއަށް ނުވާނެކަމުގައިވެސް ޒުހުރާ ބުންޏެވެ.
އިތުރަށް ބަލަން ކެތް ނުކުރެވުމުން މަދީހާ، ފޯނު ސޯފާގެ އެއްފަރާތުގައި ބާއްވާލިއެވެ. އަމިއްލަ މީހާގެ އިޙްސާސްތައް ކޮންޓްރޯލްކުރަން ކުރި މަސައްކަތް ބޭކާރުވެ އެންމެ ފަހުން، އޭނާގެ ދެލޮލުގެ ތެރެއަށް ޖަމާވެފައި ހުރި ކަރުނަތައްވެސް އޭގެ މަޤާމު ދޫކޮށް ފައިބައިގެން ހިނގައްޖެއެވެ. ފަތުޙީ އޭނާއަށް ބޭވަފާތެރިވީ ހެއްޔެވެ؟ އޭނާގެ ކެތްތެރިކަމުގެ ފައިދާ އެފަދަ ގޮތަކަށް ނަގާފާނެ ކަމަށް ދުވަހަކުވެސް އޭނާއަށް އުންމީދުކުރެވިފައެއް ނުވެއެވެ. ފަތުޙީ ހެދިހާ ގޮތެއް ހެދިގެން ދެބަސް ނުވެ ކިޔަމަންތެރިކަމާއެކު ހުރުމުގެ ސަބަބުން މި ލިބުނީ ކޮންކަހަލަ އިނާމެއް ހެއްޔެވެ؟ އިނދެގެން މިހާ ދުވަސްވީ އިރުވެސް، ފަތުޙީގެ އެ ނޭދެވޭ އަމަލު އޭނާއަށް ފޮރުވިފައިވީ ކީއްވެ ހެއްޔެވެ؟ އޭނާގެ ވަފާތެރިކަމުގެ ފައިދާ އެފަދަ ގޮތަކަށް ފަތުޙީއަށް ނަގަން ކެރޭނީ ހާދަ ގޮތެއް ނެތީމައެވެ.
މަދީހާއަށް ރޮވެން ފެށުނީ އެއްވެސް އިޚްތިޔާރެއް ނެތިއެވެ. ކަރުނަތައް ފުހެމުން ދިޔަ ނަމަވެސް، ކަރުނަތަކަކަށް ހުއްޓުމެއް ނައެވެ. ހީވަނީ ހިތުގައި އުފެދިފައިވާ ގިލަންވެރިކަމުގެ ޖަޒުބާތުތައް ކަރުނައިގެ ސިފައިގައި ބޭރުކުރަން އޭނާގެ ޒަމީރުވެސް މަޖުބޫރު ކުރަމުންދާ ހެންނެވެ. އެކަމުގެ ސަބަބުން މަދީހާއަށް ލިބެމުންދިޔަ ވޭނާ ކެކުޅުންތައް އިތުރުވުން ނޫންކަމެއް ނުވިއެވެ. އެންމެފަހުން ކެތްތެރިކަން ކޮޅުންލީ މަދީހާއަށް ގިސްލެވެން ފެށުނެވެ. މި ހުރިހާ ދުވަހު އޭނާ އެ އުޅުނީ ހާދަ ބޮޑު އޮޅުމެއްގެ ތެރޭގައެވެ. ފަތުޙީއަކީ އެއް އިރެއްގައިވެސް އާއިލާއަށް މާ ގިނަ ވަގުތުތަކެއް ދިން މީހެއް ނޫނެވެ. އެކަމާ ވެސް އެއްޗެއް ނުބުނެވޭތޯ މި ވީ ހާ ދުވަހަކު މަދީހާ މަސައްކަތް ކޮށްފައި ވާނެއެެވެ. އޭނާ ހީކުރީ އުޅެން ޖެހޭލެއް ބުރަކަމުން ވީ ކަމެއް ކަމަށެވެ. އެހެންނަމަވެސް، އެ ފޮޓޯތަށް ބަލާލުމުން އެއީ ކުރެވުނު ކުށްހީއެއްކަން މަދީހާއަށް ޔަޤީންވިއެވެ. ފަތުޙީ ވަގުތު ނުދިނީ ހަމަ އެކަނި އޭނާއާ އާއިލާއަށެވެ. އެހެން މީހުންނަށް ދޭން އޭނާގެ އަތުގައި ވަގުތުތައް ގިނަވެފައިވާ މިންވަރު އެ ފޮޓޯތަކުން އެކަނިވެސް ދޭހަވެއެވެ. މީހުން ބުނަނީ ހަމަ ރަނގަޅަށެވެ. އެއްވެސް މީހަކު އަނެކަކަށް ވަގުތު ނުދެވޭ ވަރަށް ބުރައެއް ނުވާނެއެވެ. ލޯބިވާނަމަ، އަދި އެކުގައި ވަގުތު ހޭދަކުރަން ބޭނުން ވާނަމަ ވަގުތު ހޯދައިގެން ވެސް އެކަން ކުރާނެއެވެ. ހުރިހާވެސް ކަމަކީ އަނެކަކަށްޓަކައި ހިތުގައިވާ މަޤާމާ ޙަޔާތުން ދެވިފައިވާ އަހަންމިއްޔަތު ކަމެވެ.
ކޮޓަރީގައި ހުރި ފެންފުޅި ހުސްވެފައި ހުރުމުން، ޒައިނާ ފުޅިއަށް ފެން އެޅުމުގެ ނިޔަތުގައި ސިޓިން ރޫމަށް ނުކުތުމާއެކު، އޭނާގެ ކަންފަތުގައި މަދީހާގެ ގިސްލުމުގެ އަޑު ޖެހުނެވެ. އެއާއެކު އޭނާއަށް އެ ދިމާލަށް ބަލާލެވުނެވެ. ރޮމުން ދިޔަ މަދީހާ އޭނާގެ ކަރުނަތައް ކޮންޓްރޯލް ކުރަން މަސައްކަތްކުރަމުން ދިޔައިރު، ހަށިގަނޑުގައި ވި މަޑުމަޑު ތުރުތުރު އެޅުން ޒައިނާއަށް ވެސް ފާހަގަކުރެވުނެވެ. ހަދަންވީ ގޮތެއް ނޭނގި އިރުކޮޅަކު ހުރިތާ ހުރެވުނު ޒައިނާއަށް ފެންފުޅިއަށް ބާރުކޮށްލެވުނެވެ. އެހެންނަމަވެސް، މަދީހާގެ ރުއިން ނުހުއްޓުމުން އޭނާ މަޑުމަޑުން އެ ދިމާލަށް ހިނގައިގަތެވެ.
"އިޝްފާން މަންމާ…" މަދީހާއަށް ގޮވާލަމުން ޒައިނާ އަތުގައި އޮތް ފެންފުޅި މޭޒުމަތީގައި ބަހައްޓާލިއެވެ.
ކިހިނެއްވީ؟ ކަމެއްވީތަ؟ އަހަ… އަހަރެން ކޮން ކަމެއް ކޮށްދޭންވީ؟" ކުއްލިއަކަށް އެފަދަ ބަދަލެއް މަދީހާއަށް އަންނަން ޖެހުނު ސަބަބެއް ނުވިސްނުނު ޒައިނާއަށް އެއްފަހަރާ އެތަކެއް ސުވާލެއްކޮށްލެވުނުއިރު، އޭނާގެ އަޑުގައިވަނީ ހާސްކަމެވެ. މަދީހާ ދެފަރާތަށް ބޯ ހޫރާލާފައިވެސް ރުއިން ހުއްޓައެއް ނުލިއެވެ. އެންމެފަހުން ގޮތް ހުސްވެ ޒައިނާ ސަވާއަށް ގުޅަން ނިންމިއެވެ.
*****
އިޝްފާން ކައި ނިމުމުން ސަވާ ތަށިތައް ނަގާ ކޮތަޅަށް ލިޔެވެ. އެއަށްފަހު އޭނާ ކަބަޑުމަތީގައި ކޮތަޅު ބަހައްޓާލިއެވެ.
"ރީހާން ކިހިނެއް؟" ސަވާ ސިހުނީ އިޝްފާންގެ ސުވާލުންނެވެ. އޭނާ ހިނިތުންވެލި ގޮތުން ސަވާ އެ އުޅެނީ ވަރަށް އުފަލުގައި ކަން އިޝްފާންއަށް ވެސް ޔަޤީން ކުރެވުނެވެ. ދޮންތަގެ އެ އުފާވެރިކަން އަބަދަށްވެސް އެގޮތުގައި ދެމިހުރުން އެއީ އޭނާގެ ހިތުގެ އެދުމެވެ. މިހާރު އޭނާ އެންމެ ބޭނުންވަނީ ސަވާއާއި، ރީހާން ކައިވެނި ކުރާ ދުވަސް ދެކޭށެވެ. އޭނާ ދުނިޔޭގައި ނެތްނަމަވެސް، ސަވާއަށް ހިމާޔަތް ދޭނެ މީހަކު ސަވާގެ ކައިރީގައި ހުންނަން އިޝްފާން ބޭނުންވެއެވެ. އަދި ރީހާން އަކީ އެކަމަށް އެންމެ އެކަށީގެންވާ ޒުވާނާކަންވެސް އިޝްފާންއަށް އެނގެއެވެ. އެކަން ރީހާން ވަނީ މީގެ ކުރިން ވެސް ސާބިތު ކޮށްދީފައެވެ. ދޮންތަގެ ހޮވުން ފުރިހަމައެވެ. ކޮންމެ ޙާލެއްގައި ވެސް ރީއާން ދޮންތައާއެކު ވާނެކަން އިޝްފާންއަށް ޔަޤީނެވެ. އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް ސަވާގެ ފޯނު ރިންގްވިއެވެ.
" އެގުޅަނީ ކަންނޭނގެ!" ބުމަ އަރުވާލާފައި ލާނެތް ގޮތަކަށް އިޝްފާން އެހެން ބުނެލުމުން ލުއި ހިނިގަނޑެއް ޖަހާލާފައި ސަވާ ފޯނު ނަގާ ބަލާލިއެވެ.
"ސާބަސް. ޒައިނާ އޭ ގުޅަނީ…" ސަވާ ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.
"ހަލޯ… ގެއަށް އާދެވޭނެތަ؟" ހާސްކަމާއެކު ޒައިނާ އެހެން ބުނެލި އަޑާއެކު ސަވާގެ ކަންފަތުގައި ދެން ޖެހުނީ މަދީހާގެ ގިސްލުމުގެ އަޑެވެ.
"މަންމަ.. މަންމަ ރޮނީތަ؟" ކަންބޮޑުވެފައިވާ ސަވާ ފޯނުން ޒައިނާއާ ސުވާލުކޮށްލަމުން އިޝްފާންއަށް ބަލާލިއެވެ. އިޝްފާން ބުމަ އަރުވާލަމުން ހަށިގަނޑު ސީދާކޮށްލީ ވެގެން އުޅޭ ގޮތެއް ސާފުކޮށްލަން ބޭނުންވެފައިވާ ފަދައަކުންނެވެ.
"ކިހިނެއްވީ؟ މަންމައަތަށް ދީބަލަ ފޯނު." ސަވާގެ އެދުމަށް ޒައިނާ މަދީހާ އަތަށް ފޯނު ދިނެއްކަމަކު މަދީހާއަށް ވާހަކައެއް ނުދެއްކުނެވެ.
"ދޮންތަ ދޭބަލަ." ވެގެން އުޅޭ ގޮތެއް ނޭނގުނު ނަމަވެސް، އިޝްފާން ބުނެލިއެވެ. ބޮޑުކަމެއް ވެގެން ނޫނީ މަދީހާ ނުރޯނެކަން އެނގޭތީއާވެސް އެކުގައެވެ.
"އައިލް ބީ ފައިން. ބޮޑުކަމެއް ނުވަނީސް މަންމަ ނުރޯނެ." އިޝްފާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"އަހަރެން މިދަނީ… ބޭއްވީ އިނގޭ…" ފޯނުގައި ހުރި ޒައިނާއަށް އެހެން ބުނެލާފައި އިޝްފާންއަށް ބަލާލުމަށްފަހު، ސަވާ ގޮނޑިން ތެދުވިއެވެ. އޭނާ ބާރު ފިޔަވަޅުތަކެއްގައި ގޮސް ވޯރޑުން ނުކުތެވެ. ސިއްޚީ މަރުކަޒުން ނުކުމެ ދުވަމުން ކަހަލަ ގޮތަކަށް ސަވާ ގެއާ ހިސާބަށް ދިޔައެވެ. ދޮރު ހުޅުވާލާގައި ވަތްއިރުވެސް މަދީހާ ރޮމުން ދިޔައެވެ. އޭނާ ގޮސް ވީ ގޮތް އޮޅުން ފިލުވާލަން އަވަސްވެގަތް ނަމަވެސް ރޮވޭވަރުން މަދީހާއަށް ވާހަކައެއް ނުދެއްކުނެވެ.
ސަވާ ޒައިނާއަށް ބަލާލުމަށްފަހު ވާހަކަ ދެއްކީ އޭގެ އިރުކޮޅެއް ފަހުންނެވެ.
"ކޭން ޔޫ ގޯ އިޝްފާން ކައިރިއަށް؟" ހަޤީގަތުގައި ސަވާ ބޭނުންވީ ޒައިނާ އެތަނުން ފޮނުވާލާށެވެ. މަދީހާއަށް ވާހަކަ ދައްކަން ފަސޭހަ ވާނީ އެގޮތަކަށްކަމަށް އޭނާއަށް ހީވީމައެވެ.
"އޯކޭ…" އިތުރު އެއްޗެއް ނުބުނެ ޒައިނާ ގޮސް ގެއިން ނުކުމެ ދޮރު ލައްޕާލުމާއެކު، ސަވާ ވާހަކަ ދެއްކިއެވެ.
"މަންމާ… ކިހިނެއްވީ؟ އަހަރެން ހާސްވޭ އެބަ؟ ވީ ގޮތެއް ބުނެބަލަ." ސަވާ އެހެން ބުނުމުންވެސް ދެފަރާތަށް ބޯ ހޫރާލުން ފިޔަވާ އިތުރު އެއްޗެއް މަދީހާއަކަށް ނުބުނެވުނެވެ. ހަޤީގަތުގައި ބުނާނީ ކީކޭކަންވެސް އޭނާއަށް ނޭނގުނީއެވެ. ބައްޕަގެ ވިޔާނުދާ ވާހަކަތައް އޭނާ ދަރިންގެ ކައިރީގައި ބުނާނީވެސް ކިހިނަކުން ހެއްޔެވެ؟ އެފަދަ ހިތްވަރެއް އޭނާގެ ނެތެވެ.
"އެބަ އަންނަން ފެން ތައްޓެއް ހިފައިގެން." އެހެން ބުނެލާފައި ސަވާ ބަދިގެއަށް ގޮސް ފިނި ފެން ތައްޓެއް މަދީހާއަށް ގެނެސްދިނެވެ. ނޫނެކޭ ބުނެ ދެކޮޅު ހެދި މަދީހާ ފެންތަށި ދުރުކޮށްލިއެވެ. އެއަށްފަހު ސަވާއަށް ބަލާލީ ކަރުނުން ފުރިގެންވީ ދެލޮލުންނެވެ. ވީގޮތް ނޭނގުނެ އްކަމަކު މަދީހާއަށް ލިބިފައިވާ ވޭން ސަވާއަށް އެ ދެލޮލުން އެކަނިވެސް ފަހުމްވެއްޖެއެވެ. ވުމާއެކު ދެން އޭނާ އަވަސްވެގަތީ، މަދީހާ ހަމައަކަށް އެޅުވުމަށެވެ. މަދީހާ ގެނެސް މޭގައި ޖައްސާލައިގެން ސަވާ އެތަކެއް ވާހަކައެއް ދެއްކިއެވެ.
ސިއްޚީ މަރުކަޒަށް ދިޔަ މަގު މަތީގައިވެސް ޒައިނާއަށް ވިސްނެމުންދިޔައީ މަދީހާއާ މެދުގައެވެ. ވިސްނަ ވިސްނާވެސް އެ ބަދަލު އަންނަން ޖެހުނު ސަބަބެއް އޭނާއަކަށް ނޭނގުނެވެ. އެފަދަ ވިސްނުންތަކުގައި ހުރެގޮސް އޭނާ ސިއްޙީ މަރުކަޒަށް ވަދެ ވޯރޑަށް ދިޔައެވެ.
އެތެރެއަށް ވަދެގެން އައި ޒައިނާ ފެނުމާއެކު އިޝްފާން ތެދުވެ ހަށިގަނޑު ސީދާކޮށްލިއެވެ.
"ދޮންތަ ގޮސްފި ދޯ؟" އިޝްފާން ސުވާލުކޮށްލުމުން ޒައިނާ ބޯ ޖަހާލިއެވެ. އޭނާ ފޯނު ނަގާފައި ސަވާއަށް ގުޅަން އުޅެފައި މަޑުޖެހިލުމަށްފަހު ޒައިނާއަށް ބަލާލިއެވެ. އިޝްފާންގެ އެ ތޫނު ނަޒަރުން ޒައިނާގެ ފައިން ވާގި ދޫވެގެން ދިޔައެވެ.
"އިޝްފާން ދޮންތަ ބުނެގެން އަހަރެން މިއައީ…" ހަމަޖެހެން މަސައްކަތް ކުރަމުން ޒައިނާ އެހެން ބުނެލީ ދުރު ބަލާލަމުންނެވެ. އިޝްފާންގެ ކަނޑެއްފަދަ ފުން ދެލޮލުގެ ތެރެއަށް ބަލަން އޭނާއަށް ކުލަދާނައެއް ނުވިއެވެ.
"އައި ނޯ…" އެެހެން ބުނެލާފައި އިޝްފާން ފޯނަށް ބަލާލީ މެސެޖެއް އައުމުންނެވެ. މޭލޭގައި، މަސްތުވާތަކެތި ބޭނުން ކުރިއިރުގެ އެކުވެރިއަކަށް ވުމާއެކު، އޭނާ ޓެލެގްރާމުން އެ މެސަޖް ހުޅުވާލިއެވެ. އެއާއެކު ފެނުނު ފޮޓޯތަކެއްގެ ސަބަބުން މީހާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ފޮޓޯތަކަށް ބަލަން ނުކެރުމާއެކު. ވަގުތުން މޫނު އަނބުރާލެވުނެވެ. އިރުކޮޅަކުން އައީ ފޯނެކެވެ. އިޝްފާން ފޯނު ނަގާ ކަންފަތުގައި ޖައްސާލީ ޒައިނާއަށް ވެސް ބަލާލުމަށް ފަހުއެވެ. އޭރު ވެސް ހުރި ގޮތަށް ޒައިނާ ހުރިއެވެ. އިޝްފާންގެ ތަބީޢަތަށް އައި ބަދަލު މާނަ ކުރާނެގޮތެއް އޭނާއަކަށް ނޭނގުނެވެ.
"އޭތް. މައެ ބުނީ ކައެ ބައްޕަ އެ ކޮންކަހަލަ މީހެއް؟" އެކޮޅުން ވާހަކަ ދެއްކި މީހާ ބުނެލި އެވެ.
"ކޮންތާކުން ކަލޭ އެ ހޯދީ؟" އިޝްފާންއަށް އެ ސުވާލަށް ޖަވާބު ދިނުން މުހިންމެއް ނުވިއެވެ.
"ކައެ އަކަށް ނޭނގޭތަ؟ ތި ފޮޓޯތައް ލީކް ވެގެން އެބަ އުޅެޔޭ…" އެކޮޅުން ބުނެލި ވާހަކައިން އިޝްފާންއަށް ފޯނު ކަނޑާލެވުނެވެ. ބޮލުގައި ދެ އަތުން ހިފައްޓާލުމާއެކު، ފުންނޭވާތަކެއް ލާން ފެށުނެވެ. ރުޅިއާ ލަދު އެކުވެގެން އޭނާ ހީވަނީ މަރު ވެދާނެހެންނެވެ. މަންމަ އެވަރަށް އެ ރޮނީ އެކަންތައް އެނގުމުންކަން އިޝްފާންއަށް ޔަޤީންވުމާއެކު ލަސްނުކޮށް އޭނާ އެނދުން ފޭބިއެވެ. އެއަށްފަހު ބޭރު ކައުންޓަރާ ދިމާލަށް ހިނގައިގަތެވެ.
"އިޝްފާން…" އިޝްފާންއަށް ވީގޮތެއް ނޭނގި ހުރެ ޒައިނާ އޭނާގެ ފަހަތުން ހިނގައިގަތެވެ.
"އައި ވޯންޓު ގެޓް ޑިސްޗާރޖްޑް." ބޭރަށް ނުކުމެ ކައުންޓަރު ދޮށުގައި އިން ނަރުސްކުއްޖާއާ ދިމާލަށް އިޝްފާންއަށް އެހެން ބުނެވުނީ ވެސް ތަންކޮޅެއް ބާރަށެވެ.
"ޑޮކްޓަރު އަދި ހުއްދައެއް ނުދެއްވާ…" ނަރުސްކުއްޖާ އިޝްފާންއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.
"އައި ޑޯންޓް ކެއަރ. ޑިސްޗާރޖް ނުކުރަންޏާ އަހަރެން މިދަނީ…" ރުޅި އައިސް ހުރި އިޝްފާން ހިނގައިގަތުމުން ޒައިނާ އައިސް އިޝްފާންގެ އަތުގައި ހިފެއްޓިއެވެ.
"އިޝްފާން! ކިހިނެއްވީތަ؟ އަތުގައި ތި އޮއް ކެނިއުލާ ވެސް ނަައްޓަން ޖެހޭނެއެއްނު." ޒައިނާ އިޝްފާންގެ އަތަށް އިޝާރާތްކޮށްލަމުން ބުނެލިއެވެ. ޒައިނާއަށް ބަލާލި އިޝްފާންއަށް އޭނާގެ އަތުގައި ހިފައްޓާފައިވާ ޒައިނާގެ އަތަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. އެއާއެކު، ޒައިނާ ވަގުތުން އިޝްފާންގެ އަތުން ދޫކޮށްލިއެވެ.
"ސޮރީ…" ޒައިނާ މާފަށް އެދުނެވެ.
އެކްސް ކިއުޒް މީ. ވެއިޓް. ޑޮކްޓަރާ އެބަ ވާހަކަ ދައްކާލަން." ކަރުސްކުއްޖާ އެހެން ބުނެލުމާއެކު، އިޝްފާން ފުންނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު، ގޮސް ގޮނޑީގައި އިށީނެވެ. ޒައިނާ އިޝްފާންއަށް ބަލަހައްޓައިގެން ކޮޅަށް ހުއްޓާ ގާތްގަނޑަކަށް ފަސް ވަރަކަށް މިނެޓް ފަހުން ނަރުސްކުއްޖާ އައިސް ގެއަށް ދިޔަަޔަސް އެންމެ ރަނގަޅުކަމުގައި ބުނެލިއެވެ. އަދި އޭނާ އިޝްފާންގެ ކެނިއުލާ ވެސް ނައްޓާލިއެވެ.
އިތުރަށް އެންމެ ސިކުންތެއްވެސް ލަސްކުރުމެއްނެތި އިޝްފާން ނުކުމެ ގެއާ ދިމާލަށް ހިނގައިގަތެވެ. އޭނާ ހިނގާފައި ދިޔަލެއް ބާރުކަމުން، ގިނަ ފަހަރު ޒައިނާއަށް ޖެހެނީ ދުވާށެވެ.
އެ ދިޔަ ގޮތަށް ގޮސް ގެއަށް ވަތް އިޝްފާންގެ ލޮލުގައި ސޯފާގައި ތިބި މަދީހާއާ ސަވާ އަޅައިގަތެވެ. އޭރުވެސް ކޮންމެވެސް ވަރަކަށް މަދީހާ ރޮމުން ދިޔަކަން އޭނާއަށް އެނގުނީ އިރުއިރުކޮޅަކާ ނޭފަތް އެތެރެއަށް ދަމާލާ ގޮތުންނެވެ.
"އިޝްފާން! ދޫކޮށްލީތަ؟" އިޝްފާން ފެނުމާއެކު، ސަވާއަށް ސުވާލުކޮށްލެވުނެވެ. އެއާއެކު މަދީހާވެސް ފަސް އެނބުރި ބަލާލިއެވެ. މަދީހާގެ ރަތްވެފައިވާ ދެލޯ ފެނުމާއެކު އިޝްފާންގެ ހިތުގައި ރިއްސާލިއެވެ. އޭނާ މަޑުމަޑުން ގޮސް މަދީހާގެ ކައިރީގައި ކާޕެޓު މަތީގައި އިށީނެވެ.
"މަންމާ… ހުއްޓާލާ!" އިޝްފާން ބުނެލިއެވެ. ވެގެން އުޅޭ ގޮތް އޭނާއަށް އެނގުނެއްކަމަކު ޔަޤީންކޮށްލުމުގެ ގޮތުން މަދީހާއާ ކުރާނެ ސުވާލެއް ވެސް އޭނާއަކަށް ނޭނގުނެވެ.
"އިޝްފާން. ދޫކޮށްލީހޭ؟" އޭނާގެ ސުވާލަށް ޖަވާބު ނުލިބޭތީ ސަވާ އިޝްފާންއާ ސުވާލު ތަކުރާރުކޮށްލުމުން އިޝްފާން އާއެކޭ ބުނެލުމަށްފަހު، އިތުރު ތަފްސީލަކަށް ނުދިޔައެވެ.
ސަވާއާއި އިޝްފާންގެ މަސައްކަތުން މަދީހާ ހަމައަކަށް އެޅުނީ އެތަކެއް އިރެއް ވީފަހުންނެވެ.
ކޮޓަރިއަށް ގެންގޮސް އެނދުގައި މަދީހާ ބާއްވާފައި، ނިދުމުން ސަވާއާއި އިޝްފާންއާ ދެމީހުން ސިޓިން ރޫމަށް ނުކުމެލިއެވެ. އޭރު ޒައިނާވެސް ވީ ކޮޓަރީގައެވެެ.
ސޯފާގައި އިށީނުމަށްފަހު، އިޝްފާން އިސްޖަހާލިއެވެ.
"މިއަދު ނޫނީ މާދަން ވިޔަސް މަންމައަށް އެނގެން ޖެހޭކަމެއް ކަންނޭނގެ އެ އެނގުނީ." މަޑުމަޑުން އިޝްފާން އެހެން ބުނެލިއަޑު ސަވާއަށް އިވުނެވެ.
"އިޝްފާން. މަންމައަށް ކޮން ކަމެއް އެނގުނީ؟ ؟" ސަވާއަށް ވާނުވާ ނޭނގޭ ޙާލު ސުވާލުކޮށްލެވުނެވެ.
"ފަތުޙީ އެހެން މީހުންނާ ގުޅުން ބާއްވާކަން" ސަވާއަށް ހުރިހާ ވާހަކައެއް ކިިޔައިދޭނެ ގޮތަކާ މެދު ވިސްނަމުން ދިޔަ އިޝްފާން އޭރުވެސް އިނީ އިސްޖަހާލައިގެންނެވެ.
"އޭތް. ކީކޭ ތި ކިޔަނީ؟ ސާފުކޮށް ބުނެބަލަ!" ކެތްތެރިކަން ކުޑަވެފައިވާ ފަދަ ގޮތަކަށް ސަވާ ސުވާލުކޮށްލިއެވެ.
"މަންމައަށް ފަތުޙީގެ ފޮޓޯތައް ފެނުނީކަން އަހަންނަށްހަމަ ޔަޤީން. " އިޝްފާން އެހެން ބުނިއިރުވެސް އިނީ ސަވާއާ ނަޒަރު ވަކިކޮށްލައިގެންނެވެ.
"ފޮޓޯ؟" ސުވާލުގެ ނަޒަރަކުން އިޝްފާންއަށް ބަލަހައްޓައިގެން އިން ސަވާއަށް އަނެއްކާވެސް އަހާލެވުނެވެ.
"ހޫމް.." ފުންނޭވާއަކާއެކު އިޝްފާން ބުނެލިއެވެ. "އެހެން އަންހެނަކާއެކީ…"
އިޝްފާން ހީވަނީ ސަވާއާ ހަތަރު ކަޅި ހަަމަކުރަން ނުކެރިފައި އިންހެންނެވެ. އެކަން ސަވާއަށް ވެސް ނަގައިގަނެވުނެވެ. ހަމައެއާއެކު އިޝްފާން އެހެންބުނެލި ގޮތުން އެއީ ކީއްވެކަންވެސް ވެސް ސަވާގެ ސިކުނޑިއަށް ނަގައިގަންނާކަށް އުނދަގުލެއް ނުވިއެވެ. އެއާއެކު އޭނާއަށް ވެސް ލިބުނީ ޝޮކެކެވެ. އެހެންނަމަވެސް އިތުރު ސުވާލެއް އޭނާ އިޝްފާންއަކާ ނުކުރެއެވެ. އިޝްފާން އެހާ ވަރަށް ވެސް އެބުނީ ވަރަށް ހިތްވަރުކޮށްފައިކަން އެނގޭތީއާވެސް އެކުގައެވެ.
(ނުނިމޭ)