އެދެނީ މުހައްމަދު ތަކުރުފާނުގެ ފަސްގަނޑުން އެފަދަ އިތުރު ޝަޚްސިއްޔަތުތައް ނެރެދެއްވުން: ޝަހީމް

މިނިސްޓަރު ޝަހީމް: ވިދާޅުވީ އެދެނީ މުހައްމަދު ތަކުރުފާނުގެ ފަސްގަނޑުން އެފަދަ އިތުރު ޝަޚްސިއްޔަތުތައް ނެރެދެއްވުން ކަމަށް: ޝަހީމް -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އެދެނީ ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު ނުވަތަ މުހައްމަދު ތަކުރުފާނުގެ ފަސްގަނޑު، ހއ. އުތީމުން އެފަދަ އިތުރު ޝަޚްސިއްޔަތުތައް ނެރެދެއްވުމަށް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

ހއ. އުތީމުގައި މިރޭ ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަދައްކަވަމުން ވަޒީރު ވިދާޅުވީ، އުތީމުން އެފަދަ ޝަޚްސިއްޔަތުތައް ނެރެނުދެވޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އުތީމަތީ ދިވެހި އުއްމަތަށް ޒައާމަތެއް ގެނެސްދެއްވި ރަށެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އުތީމަތީ މަދަރުސާއެއް ކަމަށެވެ.

ޝަހީމް ވިދާޅުވީ، ގައުމުން ބީވެގެންދާ އިސްލާމީ ސަގާފަތާއި ރިވެތި އާދަކާދައާއި ރިވެތި އަޚުލާގު ދިރުވުމަށް ރައީސް ޑރ،. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅަކީ މި ގައުމު އިންތިހާއަށް ބޭނުން ޖެހިފައިވާ ތަސައްވުރެއް ކަމަށެވެ.

"ކުރިމަގުގެ ޖީލުތަކަށްޓަކާ އަޅުގަނޑުމެން މިއަދު އެ ތަސައްވުރުގެ އަލީގައި މަސައްކަތްތަކެއް ކުރަންޖެހޭ،" އޭނާ ވިދާޅުވިއެވެ.

އެގޮތުން، ކުރިއަށްދާންވީ ގައުމީ ބަހާތައް އިޔާދަކޮށް، ރިވެތި އަޚުލާގުގައި ހިފާ އިސްލަމީ އަގީދާގެ މަތީގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީތު ޝަހީމް ވިދާޅުވީ، މިއަދު އެންމެ އުފާކުރަންޖެހޭނެ ހަގީގަތަކީ ގައުމީ ބަހާތަކާއި، އަގީދާއާ ބެހޭގޮތުން ހަނދާންކޮށްދޭނެ ޒައާމަތެއް ބިނާވެފައި އޮތުން ކަމަށެވެ.

މިރޭގެ ޖަލްސާގައި ވަނީ، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާ ގައުމީ އިނާމު ހާސިލްކުރެއްވި ބޭފުޅުންނަށާއި ސާނަވީ އިމްތިހާނުން ރާއްޖޭގެ ގަދަ 10އަކަށް ހޮވިފައިވާ އުތީމު ޣާޒީ ބަންޑާރަ ސްކޫލުގެ ދަރިވަރުންނަށް އުތީމު ކައުންސިލުން ޝަރަފުވެރިކަމުގެ ހަނދާނީ ފިލާ އަރުވާފައެވެ.

comment ކޮމެންޓް