މާލެ ސަރަހައްދުގައި އުފެދޭ ހުރިހާ ކުންޏެއް ގެންދާ ކ. ތިލަފުށީގައި ކުނިއެޅުމަށް ޚާއްސަކޮށްފައިވާ ސަރަހައްދު ފުރެމުން އަންނާތީ މި އަތޮޅުގެ ނުވަތަ މާލެ އަތޮޅާ ކައިރި އެހެން ރަށެއް އެ ކަމަށް ޚާއްސަ ކުރުމަށް ސަރުކާރާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެމްކޯއިން ބުނެފިއެވެ.
ވެމްކޯގެ ޚިދުމަތް ފުޅާކޮށް، ތަރައްގީ ކުރުމަށް ކުރަމުން އަންނަ މަސައްކަތާ ގުޅުވައި ދައުލަތުގެ މީޑިއާގައި ރޭ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް ވިދާޅުވީ، ކުނި މެނޭޖުކުރަން އުނދަގޫ ވަނީ އެ ތަނަކަށް ކުނި އަޅާ މިންވަރު އިތުރުވާން ފެށުމުން ކަމަށެވެ.
އެގޮތުން، ކުނި މެނޭޖުކުރުމުގައި ބޭނުންކުރުމަށް ލޭންޑިން ކްރާފްޓާއި ޑަމްޕްލޮރީއާއި އެކްސްކެވޭޓާ ފަދަ އުޅަނދު ހުރެއްޖެ ނަމަ އެ މަސައްކަތް ކުރެވޭނެ ކަމަށް މުޖުތަބާ ވިދާޅުވިއެވެ.
ނަމަވެސް، ކުނީގެ މައްސަލައަށް ހައްލެއް ހޯދަންވީ ކުރު މުއްދަތަކަށް ނޫންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ ކަމަށް ހޯދަން ޖެހެނީ ގާތްގަނޑަށް 40 ނުވަތަ 50 އަހަރުގެ ހައްލެއް ކަމަށެވެ.
މާލެ އޭރިއާގެ މި ރީޖަންގެ ކުނި އުފައްދާ މިންވަރު އެންމެ ބޮޑުވާއިރު، މާލެ އަތޮޅުން ނުވަތަ މާލެ އަތޮޅާ ކައިރި އޭރިއާއިން އަޅުގަނޑުމެން މި ސެޓަޕް [ކުނި ބަދަލުކުރަން] ޖަހަން މި ޖެހެނީ
މާލެ އަތޮޅުން ނުވަތަ މާލެ އަތޮޅާ ކައިރި އަތޮޅެއްގައި އެކަން ކުރަންޖެހެނީ މާލެއިން ބޭރަށް ނުވަތަ މާލެއާ ދުރަށް ކުނި ގެންދާ ކަމަށްވާނަމަ ތެލާއި ލޮޖިސްޓިކްގެ ޚަރަދު ވަރަށް ބޮޑަށް އިތުރުވާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ކަމަށް އަތޮޅެއް ހޯދުމަށް އެ ކުންފުންޏާ އެކު ރައީސް އޮފީހުގެ ކޮމިޓީއެއް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ކަމަށް ވަރަށް އަވަހަށް ގޮތްތަކެއް ފަހިވާނެ ކަމަށް މުޖުތަބާ ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ކުނި މެނޭޖުކުރުމަކީ ބޭރުގެ ވަރަށް ގިނަ ފަރާތްތަކާ ގުޅިފައި އޮތް ކަމެއް ކަމަށާއި، މި މަސައްކަތަށް ފައިސާ ހޯދުމަށް އެ ފަރާތްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވެއެވެ.
މުޖުތަބާ އިތުރަށް ވިދާޅުވީ، ހުރިހާ ފަރާތަކުން އެހީތެރިކަން ލިބިއްޖެ ކަމަށްވާނަމަ، ގަވާއިދުން ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.