ޖަހައިި އެ ވައްޓާލީ ކުއްޖާގެ އެއް "ހިއްސު"، މަންމަކުރީ އާދޭހާއެކު އިލްތިމާސެއް!

ހާދިސާ ދިމާވި ކުއްޖާގެ ހިއަރިން ޑިވައިސް: ކުއްޖެއްގެ ހިއަރިން ޑިވައިސެއްގައި ޖެހުމުން، އެފަދަ މައްސަލަތަކަށް ކުދިން ހޭލުންތެރިކުރަން އިލްތިމާސެއް ---- ފޮޓޯ/ ފާތިމަތު ނީމާ

ދަރިވަރަކު އަޑުއެހުމަށް ބޭނުންކުރާ ހިއަރިން ޑިވައިސްއެއްގައި ޖެހި މައްސަލައެއް ފެންމަތިވުމުން، ނުކުޅެދުންތެރިކަމަށް ކުދިން ހޭލުންތެރި ކުރުވުމަށް ބެލެނިވެރިޔާ އިލްތިމާސްކޮށްފިއެވެ.

ބެލެނިވެރިއަކު ވަނީ، ހިޔަރިން ޑިވައިސް ބޭނުންކުރާ އޭނާގެ ދަރިވަރަށް މިއަދު ސްކޫލުން ދިމާވި ހާދިސާއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި، ކުއްޖާއަށް ހާދިސާ ދިމާވީ މިއަދު ސުކޫލަށް ގޮސް އުޅުމުގެ ތެރޭގައެވެ.

އެގޮތުން، އިންޓަވަލް ގަޑީ ކެންޓީނުން އިންޓަވަލް ހިފައިގެން އެކުއްޖާ ކުލާހަށް ދިޔަ މަގުމަތީ، ސިޑިއާ ހިސާބުން އެހެން ކުއްޖަކު އެކުއްޖާގެ ހިއަރިން ޑިވައިސްގެ މަތީ، ބޮލުގައި ވަރަށް ބާރަށް ޖެހިކަމަށް ކުއްޖާގެ މަންމަ ލިޔެފައިވެއެވެ.

ކުއްޖާގެ ބޮލުގައި ޖެހިތަނާ ޑިވައިސް ވެއްޓުނު ކަމަށް އޭނާ ލިޔެފައި ވެއެވެ. އަދި ބޮލުގަ ޖެހިލެއް ބާރުކަމުން ކުއްޖާއަށް ވީ ތަދުންނާއި ޑިވައިސްގެ މުހިންމުކަން އިހުސާސްކުރެވޭތީ ކުއްޖާއަށް ރޮވުނު ކަމަށް ޕޯސްޓުގައި ލިޔެފައި ވެއެވެ.

އިތުރަށް ކުއްޖާގެ މަންމަ ބުނީ، ހަމަ އެވަގުތު ކުއްޖާއާ އެންމެ ކައިރީގައި ހުރި އެހެން ކުއްޖެއް ގައިގައި އޭނާގެ ދަރިފުޅު ޖެހިކަމަށެވެ. އެހެންކަމުން، އެކުއްޖާ އަނެއްކާ ވެސް ދަރިފުޅު ކޮށްޕާލި ކަމަށެވެ.

ދަރިފުޅު ކުލާހަށް ދިޔައިރު ހުރީ ރޮވިފައި. ދަރިފުޅު ޖެހި ކުއްޖާ ބުނީ އޭނާ ނޫން ކަމަށް ދަރިފުޅުގެ ބޮލުގައި ޖެހީ

މި ހާދިސާއާ ގުޅިގެން ކުލާހުގެ އެހެން ކުދިންނާ ޓީޗަރު ސުވާލުކުރުމުން އެކަން ކުރިކަމަށް އެއްވެސް ކުއްޖަކު އެއްބަސް ނުވިއިރު، ހާދިސާ ހިނގަނިކޮށް ފެނުނު ކަމަށް ވެސް ކުއްޖަކު އެއްބަސްވެފައި ނުވާކަމަށް، ކުއްޖާގެ މަންމަ ލިޔެފައިވެއެވެ.

ހާދިސާ ދިމާވި ކުއްޖާގެ ބޮލުގައި ހަރުކޮށްފައި އިން ޑިވައިސްއަކީ އޮޕަރޭޝަނަކަށް ފަހު އެކުއްޖާގެ ބޮލުގައި ޖަހާފައިވާ ޑިވައިސެކެވެ. އެކަން ފާހަގަކޮށް، ކުއްޖާގެ މަންމަ އަސަރާއެކު ލިޔެފައި ވަނީ، އެ ޑިވައިސްއަކީ ދަރިފުޅުގެ އަޑުއިވުމުގެ ހިއްސު ކަމަށެވެ. އެހެންކަމުން، އެއީ ކޮން އެއްޗެއް ކަން ސްކޫލުގެ ހުރިހާ ދަރިވަރުންނަށް ވެސް އިނގުން މުހިންމު ކަމަށް އޭނާ ލިޔެފައި ވެއެވެ.

އެގޮތަށް ބޮލުގައި ޖަހައި އޮޕަރޭޝަނެއް ކޮށްފައި ހުރި ތަނަކަށް ގެއްލުންވެއްޖެއްޔާ އެއީ ކިހާބޮޑު ދެރައެއްތޯ؟ އަދި، އެޑިވައިސް ހަލާކުވެއްޖިއްޔާ އަހަރެމެން ކަހަލަ އާދައިގެ މީހުންނަށް 10،000 ޔޫއެސް ޑޮލަރަކީ ވަރަށް ބޮޑު އެއްޗެއް އިނގޭތޯ. އާސައިންދައިން އެއަށް ލިބެނީ އެއްބައި،

މިހާދިސާ ދިމާވިކަން ކުއްޖާގެ މަންމައަށް އެނގުނީ ސެޝަން ނިމުނު ގަޑީގައި ސުކޫލުން ގުޅައިގެން ބޭއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި އެކަން ކުރި ކަމަށް ދަރިފުޅު ބުނާ ކުއްޖާއާއި އެކުއްޖާގެ ބެލެނިވެރިޔާ ވެސް ހުރި ކަމަށް ކުއްޖާގެ މަންމަ ބުނެއެވެ.

މިހާދިސާއާ ގުޅުވައި، ކުއްޖާގެ މަންމަ އެހެން ބެލެނިވެރިންނަށް ވަނީ ނުކުޅެދުންތެރިކަމަށް ކުދިން ހޭލުންތެރިކުރުމަށް އިލްތިމާސްކޮށްފައެވެ.

މި މައްސަލަ ފެންމަތިވުމުން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މި ދަރިވަރުގެ ބޮލުގައި ހަރުކޮށްފައިވާ ޑިވަސްއަކީ ކުޑަ އިލެކްޓްރޯނިކް ޑިވައިސްއެކެވެ. މި ޑިވައިސްގެ ސަބަބުން އަޑުއެހުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޑުތައް އިވުމަށް މަގުފަހިކޮށްދެއެވެ.

comment ކޮމެންޓް