ވިކީ އާއި ތުރިޕްތީގެ 'ބޭޑް ނިއުސް' އެމޭޒަން ޕްރައިމްއަށް

މިދިޔަ ޖުލައި މަހުގެ 19ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރި ފިލްމު "ބޭޑް ނިއުސް" އެމޭޒަން ޕްރައިމްގައި ސްޓްރީމްކުރަން ފަށައިފިއެވެ.

އާނަންދު ތިވާރީ ޑައިރެކްޓްކޮށް ދަރުމާ ޕްރޮޑަކްޝަންސްއިން ގެނެސްދިން މި ފިލްމުގެ ޕްރޮޑިއުސަރުންގެތެރޭ ކަރަން ޖޯހަރު ވެސް ހިމެނެއެވެ. ހެއްވާ މަޖާ ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމުގެ ލީޑް ރޯލްއިން ފެންނާނީ ފިލްމީ ތަރިން ކަމަށްވާ ވިކީ ކޯޝަލް، ތުރިޕްތީ ދިމްރީ އަދި އެމީ ވާކްއެވެ. މީގެއިތުރުން ބަތަލާ ނެހާ ދޫޕިއާ ފިލްމުގެ ވަރަށް ހާއްސަ ރޯލަކުން ފެންނާނެއެވެ.

ފިލްމުގައި ގެނެސްދޭ ވާހަކަ ކަމުނުގޮސްގެން ބައެއް ފަރާތްތަކުން ފާޑުކިޔާފައިވާއިރު ވެސް ބޮކްސް އޮފީހުގައި ފިލްމު ވަނީ 100 ކްރޯޑު ފަހަނައަޅައި ގޮސްފައެވެ. މި ފިލްމަކީ 80 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ.

ފިލްމު "ބޭޑް ނިއުސް"ގެ މަންޒަރެއްގައި ވިކީ އަދި ތުރިޕްތީ--ފޮޓޯ/ބޮލީވުޑްހަންގާމާ

އެހެންކަމުން ފިލްމުގެ ޑިޖިޓަލް ރައިޓްސް ސްޓީރިމިންގް ޕްލެޓްފޯމްތަކަށް ވިއްކާލުމުން ފިލްމުގެ ޚަރަދު މާބޮޑަށް ވެސް ފޫބެއްދޭނެ ކަމަށް ފިލްމު އެނަލިސްޓުން ބުނެއެވެ. ފިލްމުގެ މިއުޒިކަށް ވެސް އާއްމުންގެ ބޮޑު މަގުބޫލުކަމެއް ވަނީ ލިބިފައެވެ. އެގޮތުން ވިކީ ކޯޝަލްގެ ތަފާތު ނެށުން ދައްކުވައިދިން 'ތައުބާ ތައުބާ' ވަނީ ގިނަ ބައެއްގެ މެދުގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައެވެ.

މީގެކުރިން ނެޝަނަލް އެވޯޑު ހޯދާފައިވާ ވިކީގެ "ބޭޑް ނިއުސް"އަކީ ކެރިއަރުގައި މިހާތަނަށް އެންމެ ރަގަޅު ފެށުމެއް ލިބުނު ފުރަތަމަ ފިލްމު ވެސްމެއެވެ.

މި ފިލްމުގައި ވިކީ ދައްކުވައިދީ ހެއްވާ މަޖާ ކެރެކްޓާގެ ފުރިހަމަކަމުން ކްރިޓިކުން ވެސް ވިކީއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައިވެއެވެ.

ފިލްމު "ބޭޑް ނިއުސް"އަކީ މި އަހަރު މިހާތަނަށް ސިނަމާގައި ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ޑިޖިޓަލް ޕްލެޓްފޯމަށް އަންނާނެ އިރަކަށް ގިނަ ބަޔަކު އިންތިޒާރުކުރި ފިލްމެކެވެ.

comment ކޮމެންޓް