"މި ދުނިޔެއަކީ ވަގުތީ މަންޒިލެކެވެ. ފައިސާއާއި ރީތިކަމާއި ތައުލީމާއި މަޝްހޫރުކަން ލިބުނަސް އަދި ދާއިމީ އުފަލެއް ނުހޯދޭނެއެވެ. އެހުރިހާ ކަމެއް ނިމި ދާދިއަވަހަށް ވެލީގެ ދާނުގައި ނިދަން ޖެހިދާނެއެވެ. ވީއިރު ދުނިޔެއަށް އައި މަގުސަދު ހަނދާން ނައްތާނުލާށެވެ. ދުނިޔެއަށް ފޮނުއްވީ ﷲއަށް އަޅުކަން ކުޅައުމަށެވެ. ދުނިޔެ ހޯދުމަށްވުރެ އާޚިރަތަށް ކުރާ މަސައްކަތް އިތުރުކުރުމަށް އަބަދުވެސް ވިސްނަންވާނެއެވެ. ނޫނީ ހުސްއަތާ ފުރަން ޖެހިދާނެއެވެ.ތިބާގެ ނަފުސް އިސްލާހު ކުރަން ނިޔަތް ގަނެ އަވަހަށް މަސައްކަތް ކުރުމުން އުފާވެރިކަމާއި ބާއްޖަވެރިކަން ލިބިދާނެއެވެ. "

***

"އުރޫޖް އަޑުއަހާބަލަ.....ޔޫ ހޭވް ޓު ނޯ ދަ ފުލް ސްޓޯރީ....ތި އެނގުނީ އެއިން އެންމެ ޖުމްލަ އެއް..." ކެނާންގެ އޭނާ އޯޑަރު ކުރި އެއްޗެހި ލާފައިހުރި ތަބައް ހިފައިގެން މޭޒެއް ދޮށަށް އައީ އުރުޖުވާން ވެސް އިށީންނަން އެދެމުންނެވެ. އުރުޖުވާން ފުން ނޭވާ އެއް ދޫކޮށްލަމުން އައިސް އިށީނީ ކެނާން ދުލެއް ނުދޭނެ ކަން އެނގޭތީއެވެ. އޭނަ ބުމަ އަރުވާލައި ފުން ނޭވާ އެއް ދޫކޮށްލިއެވެ. ކެނާން ގެ ވާހަކަ އަޑުއަހަން ފުރުސަތުދިން ފަދަ އިޝާރާތެކެވެ ކެނާން ހުރިހާ ވާހަކަ އެއް ކިޔައދީ ނިމުނު އިރު އޭނާގެ ހިތުގައި ކެނާން އާއި މަދީނާ އަށް ހަމްދަރުދީ ވިއެވެ.

"ދެން ބުނެބަލަ.....ޑޫ ޔޫ ތިންކް ވީ ވޯންޓެޑް ޓު ކީޕް ޔޫ އެންޑް މާޒް އިން ދަ ޑާކް..." އުރުޖުވާން އިނީ އިސްޖެހިފައެވެ. އުރުޖުވާން އަށް ވާހަކަ ދައްކަން އުނދަގޫ ވެފައި ހުރުމުން ބޯ ދެކޮޅަށް ހުރައިލިއެވެ. ކެނާން މޭޒުމަތީގައި ހުރި ޓިޝޫ ފޮށިން ޓިޝޫއެއް ދިއްކޮށްލީ ލުއި ހިނިތުންވުމަކާއި އެކުއެވެ. އުރުޖުވާން ނޭފަތް ދަމާލަމުން ޓިޝޫއިން މޫނު ސާފު ކޮށްލިއެވެ. އަދ އޭނާއަށް އޯޑަރު ކޮށްފައި ހުރި މިލްކްޝޭކް އިން ކޯވަރެއް ބޯލިއެވެ. ކެނާން ޖީބުން ނަގައި މޭޒުމަތީގައި ބޭއްވީ ފޯނެކެވެ. އެއީ އޭނާ އުރުޖުވާން އަށް ގެނެސްދިން ފޯނެކެވެ.

" ޕްލީޒް ނޫނެކޭ ނުބުނައްޗޭ....އެޓްލީސްޓް މަދީނާ އާއި ވާހަކަ ދައްކާލަން ނަމަވެސް....މަދީނާ މިކޮޅަށް އައިސް ވަރަށް ދުވަހު ރުޤުޔާ ކަންތަކުގަ ބަލިވެ އުޅުނު އެކަމަކުވެސް އުރުޖުވާން ގެ ޒިކުރު ކޮށްނުލާނެ ދުވަހެއް ނުދާނެ....އެތައް ދުވަހެއްގެ އާދޭހަކަށް ފަހު ދިމާވާން ފުރުސަތުވެސް މިލިބުނީ..." ކެނާން ބޭނުންވީ އުރުޖުވާން އޭނާ ދޭ ހަދިޔާ ގަބޫލުކުރުމަށެވެ.

އުރުޖުވާން އެ ހޯދަން ބޭނުންނުވާކަން އޭނާގެ މޫނުމަތީން ސާފުވާއިރުވެސްމެއެވެ. ނަމަވެސް ވިސްނާލާފައި އޭނަ ފޯނު ނަގާފައި ބަލައިލިއެވެ. އޭނަގެ ހިތް އެދުނީ މާޒިމް އަށް ގުޅުމަށެވެ. ފޯނު ގެންގުޅޭ ބޭނުންނުވާ ސަބަބަކީވެސް އޭނާގެ ހިތް ބަލިކަށިވެ މާޒިމް އަށް ގުޅިދާނެ ކަމަށްޓަކައެވެ. ކެނާން އަށް އަމިއްލަ އަތަށް ފިތާލެވުނީ ވީ އުފާ ހިފަހައްޓާލުމަށެވެ. އޭނާ ދިން ފޯނު އުރުޖުވާން ބަލަގަތީ ކަމަށް ހިތާއެވެ. ނަމަވެސް އުރުޖުވާން އެ ފޯނު ކެނާން ކުރިމަތީ ބާއްވާލީ ބޯ ހޫރާލަމުންނެވެ.

" އެނގޭ ހެޔޮ ހިތުންކަން ތި ދިނީ.....އެކަމަކު....އިޓްސް ނޮޓް އީޒީ ފޯ މީ....ނޭނގޭ ކީއްވެ ކަމެއް ކެނާން ކައިރީ މިވާހަކަ މި ހިއްސާރކުރެވެނީވެސް...ފަހަރެއްގަ ފަހުން އައި މައިޓް ރިގްރެޓް މި ވާހަކަ ހިއްސާކުރެވޭތީވެސް....ފޯނެއް ފެންނަ އިރަށް ގުޅަން ބޭނުންވަނީ މާޒިމް އަށް...އިޓް މޭކްސް މީ ވީކް....އައި ޑޯންޓް ވޯންޓް ދެޓް..." އުރުޖުވާން އޭނާގެ ލޮލުގައިވި ހިތާމަ ފޮރުވާލުމަށް މޫނު އަނބުރާލީ ކުޑަދޮރާއި ދިމާލަށެވެ. ވެހޭ ވާރެއަށެވެ. އެ އިހުސާސްތަކުގެ ފުން މިން ކެނާން ދަނެގަތެވެ. އުރުޖުވާން އަށް ބެލޭ ވަރުން އޭނާއަށް އަމިއްލަ ނަފުސް ކުށްވެރިކުރެވުނެވެ.

" ހްމްމްމް...." ކެނާން އޭނާގެ ކޮފީ ތަށިން ކޯވަރެއް ދަމާލީ ބޭރަށް ބަލައިލަމުންނެވެ. ބޯކޮށް ވެހޭ ވާރޭ އެހާ އަވަހަށް ހުއްޓިދާނެ ކަމުގައި ނުދައްކައެވެ. ނަމަވެސް ލަންޑަނުގެ މޫސުމް ދެނެގަންނާކަށް ނޭގޭނެއެވެ. ހަމަ ކުއްލިއަކަށް ވާރ ވެހިގަންނަ ގޮތަށް ހުއްޓާލަފާނެއެވެ. އޭނާގެ ހިތް އެދުނީ އަބަދަށް ވާރޭ ވެހިވެހި އޮތުމަށެވެ. އުރުޖުވާންގެ ހިތުގައި ހުރި އުދާސްތއް ބޭރުކުރަން އިތުރު ވަގުތު ލިބެން ހިތް އެދުނެވެ. ބޭނުންވީ އެ ހިތަށް ކޮންމެވެސް ލުޔެއް ކެނާންގެ ފަރާތުން ލިބިދިނުމަށެވެ.

" މާޒިމް އަށް އަދިވެސް ނާންގާނަންތަ؟" އުރުޖުވާން ދުރަށް ބަލަން އިނދެ ކުރި ސުވާލުގެ ޖަވާބު ދިނުމަށް ކެނާން އަށް އުނދަގޫވިއެވެ. ނަމަވެސް އުރުޖުވާން ތަކުރާރުކޮށް އެސުވާލުކޮށްލީ ކެނާންގެ މޫނަށް ނަޒަރު ހުއްޓައިލަމުންނެވެ.

" އުރޫޖް ބޭނުންތަ ބުނަން؟." ކެނާން ޖަވާބުގައި ކޮށްލީ އިތުރު ސުވާލެކެވެ. އުރުޖުވާން އަނެއްކާވެސް އޭނާގެ މޫނު އަނބުރާލީ ބޭރުގެ މަންޒަރަށެވެ. ވާރޭގެ ފޮނިކަމުގައި ފެންވަރަމުންދާ ބަހާރުގެ ފެހިކަމަށެވެ. އުރުޖުވާން އޭނާގެ ތުން ފަތް ފިތައިލީ އޭގެެ ޖަވާބު ދޭން ފަސްޖެހިފައެވެ.

" ނޭނގޭ....އެނގޭހާވެސް އެއްޗަކީ މާޒިމް އަށް ވެސް އެނގުމުގެ ހައްގު އޮންނާނެކަން....މަންމަ ވީމަ..." އުރުޖުވާން ބުނެލި ވަގުތު ބަނޑުގައި އަތް އެޅުނީ ކުޑަ އަޑެއް ލައްވާލަމުންނެވެ. އެވަގުތު ކެނާން އަށް ގޮނޑިން ތެދުވެވުނީ ހާސްކަމާއެކުއެވެ. އުރުޖުވާން ވެސް ހައިރާންކަމާއެކު ކެނާންއަށް ބަލަިއލީ އުފާވެރިކަމާއެކުއެވެ.

"ފަސްޓް ކިކް..." އުރުޖުވާންގެ ހިތް އުފަލުން ފުމުނެވެ. ދަރިފުޅުގެ ފުރަތަމަ ބީހިލުން އިހުސާސްކުރެވުނު ކަމުގެ އުފަލެވެ. ވަގުތުން ހަމްދު ކުރެވުނީ ހެއްދެވި ފަރާތަށެވެ. ކެނާން އިނީ ވާނުވާ ނޭނގި ހާސްވެފައި ހުރި ނަމަވެސް އުރުޖުވާން އުފަލުން ހުރުމުން އެއީ ރަނގަޅު ކަމެއްގެ އިޝާރާތެއްކަމުގައި ދެކުނެވެ.

" އެއި ރަނގަޅު ކަމެއްތަ؟އެންބިއުލާންސް އަށް ގުޅަން؟" ކެނާން އޭނާގެ ފޯނު ނެގީ ހިތް އަވަސްވިއެވެ. ކެނާންގެ ސިހުމާއި ހާސްކަން ފެނި އޭނައަށް އިތުރަށް ހެވުނެވެ. އަދި ބަނޑުގައި އަތް ޖައްސާލާފައި މަޑުމަޑުން ފިރުމައިލެވުނެވެ.

" އެއީ ހައިފައިވް އެކޭ ދޯ....އަންކަލް ވެސް ބިރުގަންނަވާލި ނު ތި..." އުރުޖުވާން ސަމާސާ ކޮށްލިއެވެ. އުފާވެރި ވަގުތުކޮޅެއްގައި އުރުޖުވާން އާއި އެކު ހުރެވުމުގެ ނަސީބު ލިބުނީތީ އުފާވިއެވެ. މާޒިމް އާއި އެކު އުރުޖުވާން މި ވަގުތު ހުރި ނަމައޭވެސް ހިތް ބުނަމުންދިޔައެވެ. އުރުޖުވާންގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އުފަލާއި ހިތާމައިގެ ކަރުނެވެ.

" ޑޫ ޔޫ ތިންކް އައި ޝުޑް ޓެލް މާޒް....ހީ އިޒް ހޭވިން އަ ގާލް...." އުރުޖުވާން އަށް އޭނގެ ހިތް އެދޭ ގޮތް އެނގުނު ނަމަވެސް ކެނާން ކުރެން އަހައިލެވުނެވެ. ކެނާންގެ ލޮލުގެ ވިދުންގަދަވިއެވެ. ޝުކުރުގެ ހަމްދުވެސް ކުރެވުނެވެ.

" މާޒް އަންނަކަން އެނގޭތަ؟މިއަދު...ހުޝަލް ބުނީ..." ކެނާން ދިން ޚަބަރުން އުރުޖުވާން ސިއްސުވާލިއެވެ. އެކަން އުރުޖުވާން އަށް ނޭންގުމަށް މިކާއިލް ބުނެފައިވާ ކަން އެނގިހުރެމެއެވެ. އުރުޖުވާން އަށް އެއްވެސް ކަމެއް ފޮރުވުމަށް ބޭނުންނުވީއެވެ. އުރުޖުވާން އިނީ ލޯ ބޮޑުވެފައި ނޭވާ ވެސް ހިފަހައްޓާލައިގެންނެވެ.

" ފޯ ދަ ވެޑިން ރިސެޕްޝަން؟" އުރުޖުވާން ކަރުނަތައް ހިފަހައްޓަން މަސައްކަތްކުރިއެވެ. މުޅި ދުނިޔެ ވެސް އެނބުރެނީ ހެންހީވިއެވެ. މިއީ ކޮންފަދަ އިމްތިހާނެއްހެއްޔެވެ؟ އޭނަ ﷲއަށް ހިތާހިތުން ދުޢާކުރިއެވެ. ކެތްތެރިކަން ދެއްވުމަށެވެ. މިފަަދަ ހިތްދަތި ހާލަތާއި ކުރިމަތިލުމުގެ ބާރުދެއްވުމަށެވެ.

" ވަޓް؟" ކެނާން ހައިރާންކަމާއެކު ސުވާލުކުރިއެވެ. އުރުޖުވާންގެ މޫނުން އެ ފެންނަ ހިތްދަތިކަން އޭނާގެ ހިތަށްވެސް އުދަގޫކުރުވިއެވެ. އަރު ބެދޭގޮތްވިއެވެ.

އުރުޖުވާން ތަންކޮޅެއް ކުރިން ވަނީ އަހްމަދުގެ ފޯނަށް އައި މެސެޖެއް ކިޔާލާފައެވެ. ޕާޓީއަށް ދައުވަތު އަރުވާނެ ކަމުގެ މެސެޖެކެވެ. އެކަން ފޮރުވުމަށް އަހުމަދު އުޅުނު ގޮތާއި އެ ވާހަކަ އޮޅުވާލަން އުޅުނު ގޮތް ސިފަ ވެ އުރުޖުވާން އަށް އޭނާގެ ހިތުގައި އޭރު އޮތް ޝައްކު ޔަގީނަށް ބަދަލުވީއެވެ. އުރުޖުވާން ހިފަހައްޓާލައިގެން ހުރި ހުރިހާ ކަރުނައެއް ހޯސް ލާފައި އޮހިގަތެވެ. އެކަރުނަތަކުން ކޯތާފަތް ތެންމައިލަން ހިނދުކޮޅެއްވެސް ނުނެގިއެވެ. ތިމާއަށް ހުރެވުނު ތަން ވެސް ހަނދާން ނެތުނެވެ. މީހުންގެ ލޯތައް ހުއްޓި ހުރީ އުރުޖުވާން އަށެވެ. ކެނާން އަށް އޭނާގެ އަތް މުށްކަވާލެވި ބާރުކޮށްލެވުނީ މާޒިމް ދެކެ އައި ރުޅީންނެވެ.

"ލެޓްސް ގޯ...." ކެނާން ގެ އަޑު ހަރުކަށިވިއެވެ. އޭނަ ކޮށްލީ އަމުރެކެވެ. އޭނާއަށް އުރުޖުވާން އާއި ދިމާއަށް ދެވުނީ އެ އަތުގައި ހިފުމަށް ނަމަވެސް ފަހަތަށް ފިޔަވަޅު އެޅިއެވެ. އަދި ދާން އެދުނެވެ. އުރުޖުވާން އިސް އުފުލައިލިއެވެ. ކެނާން އަށް ބަލައިލެވުނުއިރު އެ ލޮލުގެ ބޮޑުކަން އިތުރަށް ފާޅުވިއެވެ. ކަޅީގެ ވިދުން ގަދަވިއެވެ. ކަރުނުން ލޯ ފުސްވެފައި ހުރުމުން ކެނާން ގެ މޫނުން ވެސް މާޒިމް ސިފަވިއެވެ.

" އައި ސެޑް ލެޓްސް ގޯ..." ކެނާން އަނެއްކާ ވެސް ބާރަށް ބުނެލިއެވެ. އުރުޖުވާން ލޯ ފޮހެލިއެވެ. ކައިރީ ތިބި މީހުންގެ ނަޒަރު އެމީހުންނަށް ހުއްޓިފައިވި ކަން އެނގުނެވެ. ކެނާންގެ ލޮލުގައި ވީ ރުޅިވެރިކަން ފެނި ބިރުވެސްގަތެވެ. އުރުޖުވާން ތެދުވާން އުޅުމުން ފައި ކައްސާލިއެވެ. ކެނާންއަށް އެ އަތުގައި ހިފުނީ ކިރިޔާއެވެ.

"އުރުޖުވާން..." ކެނާން އަށް އުރުޖުވާން އާއި ހަތަރުކަޅި ހަމަކުރެވުނެވެ. ގޮވާލެވުނީ ތަންކޮޅެއް ބާރަށެވެ. އުރުޖުވާން ގެ ލޮލުގެ ހިމަކޮޅުން ފޭދި ކަރުނަ ތިކި ކެނާންގެ އަތުގައި ޖެހުނެވެ. ހޫނުކަން އިހުސާސްވިއެވެ. ކެނާން އަށް އޭނަގެ ހައިސިއްޔަތު ހަނދާންވީ އެވަގުތެވެ. އުރުޖުވާން އަކީ އޭނާ ގެ ބޭބެގެ އަނބިމީހާއެވެ. އުރުޖުވާން ތެދު ކޮށްލައި އަތުގައި ހިފަމުން ކެފޭ އިން ނިކުމެ ކާރުގެ ދޮރު ހުޅުވިއެވެ. އަދި އަތުން ދޫކޮށްލިއެވެ. އުރުޖުވާން ހިތާމައާއި މޮޅިވެރިކަމުގެ ތެރެއަށް ޣަރަގުވެފައި ހުރުމުން ކެނާން އަށް ކިޔަމަންތެރިވީ އެވެސް ހިޔާލެއް ފިކުރެ ނެތިއެވެ. ކެނާންވެސް ހުރީ އުރުޖުވާންއާއި ދިމާލަށް ބަލަންވެސް ޖެހިލުންވެފައެވެ. ކާރަށް އަރާފައި ސީޓު ބެލްޓް އެޅުމަށް ބުނެލީވެސް އެ މޫނަށް ބަލައިނުލައެވެ. އަދި ފޯނުން ގުޅާލީ މީކާއިލް އަށެވެ. ކާރުގެ ސްޕީކަރު ޖައްސައިލަމުންނެވެ.

" ލޮކޭޝަން ޖައްސަބަލަ.... ބަލާ މިދަނީ...ވަރަށް އަވަސް..." މީކާއިލް ގެ ޖަވާބަކަށް ނުބަލައި ކެނާން ފޯނު ކަނޑާލިއެވެ. އުރުޖުވާން އާއި އެކަހެރިވެ ހުރުމަށް އޭނާގެ ނަފްސު ދެކޮޅުވެރިވިއެވެ. ދީނުގެ ރިވެތި ގަވާއިދު ދަމަހައްޓަން ޟަމީރު އެންގިއެވެ. އުރުޖުވާން ހީކުރީ އޭނާ ގެޔަށް ލައިދިނުމަށް ދަނީ ކަމަށެވެ.

މިކާއިލް ބަލައި ދިޔައީ ޕާކު ކައިރިއަށެވެ. މަދީނާ އާއި ދެމީހުންވެސް ތިބީ ކޮންމެވެސް ވަރަކަށް ވާރެޔާ ތެމިފައެވެ. މީކާއިލްގެ ކާރު ޕާކު ކޮށްފައި އޮތީ ތަންކޮޅެއް ދުރުގައެވެ. ވާރެޔާ ހެދި އެހިސާބަށް ނުދެވިފައިކަން އެނގުނީ ޕާކު ކައިރީގައި ހުރި ފިހާރައެއްގެ އަސްކަނީގެ ހިޔަލުގައި އެ ދެމީހުން ތިބުމުންނެވެ. ބަރުގޮނު އެޅުމާއެކު މަދީނާ ވިދުވަރެއްހާ ހަލުވިކަމާއެކު އައިސް ކާރާއި އަރާ ހަމަކުރިއެވެ. މިކާއިލް ކާރުގެ ދޮރު ހުޅުވާދިނުމުން ލޯ ހިމަކޮށްލައި ތުން ދަމާލީއެވެ. މީކާއިލް ކުދި ކިޔަމުން އެރީ މަދީނާ އެކު ފަހަތު ސީޓަށެވެ. ސީޓު ބެލްޓް ރަގަޅަށް ނޭޅެނީސް ކެނާން ކާރުގެ މިސްރާބު ޖެހީ ހައިވޭއަށެވެ.

"ކުޑަބެ.....ބެލްޓް ވެސް ނޭޅެނީސް..." ކުއްލިއަކަށް ކާރު ދުއްވާލުމުން މަދީނާގެ ބޯ ޖެހުނީ މިކާއިލްގެ ކޮނޑުގައެވެ. އުރުޖުވާން ކުރީ ސީޓުގައި އިންކަން އެނގުނީވެސް މާ ލަހުންނެވެ. އުރުޖުވާން އިނީ ވަރުބަލިވެފައިކަމުން އެމަދީނާ ގޮވުމުންވެސް އެހާ ސަމާލުކަމެއް ނުދިނެވެ. ވަރުބަލިވެފައި ކަމުގެ އުޒުރު ދެއްކުމަށްފަހު ނަޒަރު ހުއްޓާލައިގެން އިނީ ކާރުގެ ބިއްލޫރިގަނޑަށެވެ. އެއިރުވެސް އެ ލޮލުން އޮހެމުންދިޔަ ކަރުނަ ނުހިފެހެއްޓެއެވެ.

"ދަގަނޑު ބޮލެއްތަ؟....ކެނާން ކޮންތަނަކަށް ތިދަނީ....ތި ދުވެލި މަޑުކޮށްބަލަ..." މީކާއިލް އިނީ ދާ މަންޒިލް ނޭނގިފައެވެ.

"އެއަޕޯޓަށް.....މާޒިމް އަށް އޭނާގެ އަންބަކާއި ދަރިއެއް ވާކަން އަންގައިދިނުމަށް..." ކެނާންގެ އަޑުގައިވީ ޔަގީންކަމެކެވެ. އުރުޖުވާން އެވަގުތު ކެނާން އަށް އެނބުރުނެވެ.

"ނޫން.....ކެނާން..ޕްލީޒް..ނޯ..." އުރުޖުވާން އާދޭސްކުރިއެވެ. ކެނާން ދިނީ ބީރު ކަންފަތެކެވެ.

"ކެނާން މޮޔަވީތަ؟" މީކާއިލް އިނީ ގަބޫލުނުކުރެވިފައެވެ. މަދީނާ އިނީ މުޅިން ވާނުވާގައެވެ. އޭނާ ހީކުރީ މިދަނީ މާލެ ދާން ކަމަށް ކަމަށެވެ. މާޒިމް ލަންޑަނަށް އަންނަ ކަމެއް އަދި މަދީނާ އަށް އެނގިފައިނެތެވެ. ކެނާން ކާރުގައި ހުރި ޕްލޭއިލިސްޓް ޖައްސާލިއެވެ. ސޫރަތް މަރިޔަމް އެންމެ އަޑުހަރުކޮށްފައި ޖައްސައިލުމުން އެންމެން ހިމޭންވިއެވެ. ޓްރެފިކްގައި މަޑުކުރި ވަގުތު އުރުޖުވާން ކާރުން ފައިބަން އުޅުމުން ކާރުގެ ދޮރު ތަޅުލިއެވެ.

އެއަޕޯޓަށް ކާރު މަޑުކުރުމާއެކު އުރުޖުވާން އަވަސްވެލާފައި ކާރުން ފޭބިއެވެ. މިކާއިލް ވެސް ފަހަތުން ދުވެފައި ދިޔައީ އުރުޖުވާން ހުއްޓުވުމަށެވެ. ހާލަތު ހުރިގޮތުން ބާރަށް ހިނގުންވެސް އެހާ ފަސޭހައެއް ނޫނެވެ. ކުއްލިއަކަށް އޭނަގެ އަތުގައި މީހަކު ބާރަށް ހިފާލިއެވެ. ފަސް އެނބުރުނީ އެއީ ކެނާން ކަމަށް ހިތާއެވެ.

" ޖަސްޓް ސްޓޮޕް އިޓް...." އުރުޖުވާން ގެ އަޑުބާރުވިއެވެ. އެއާއެކު ކާކުކަން ޔަގީންކުރަން ފަހަތަށް އެނބުރި ބަލައިލުމާއެކު ހުއްޓުން އެރިއެވެ. އަތުގައި ހިފީ މާޒިމް އެވެ. އޭނަގެ ހިތުގެ ހިނގުން އަވަސްވިއެވެ. ބޮލަށް އެނބުރުން އަރައި ލޯ ފުސްވާންފެށިއެވެ. މާޒިމްގެ އަތު ތެރޭގެ ހިމާޔަތަށް ދިޔަ ކަން އިހުސާސްކުރެވުނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު