ކިޔޭވް (27 އޮގަސްޓް 2024): ރަޝިޔާއިން ޔޫކްރެއިންގެ އެތައް ސަރަަހައްދަކަށް ވަރުގަދަ ހަމަލާތަކެއްދީފިއެވެ.
ޔުކްރެއިންގެ ދިފާއީ ވުޒާރާ ބުނާ ގޮތުން މިއީ މި ފަހަކަށް އައިސް ރަޝިއާއިން އެ ގައުމަށް ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ. ރަޝިއާގެ ހަމަލާތައް ޔުކްރެއިންގެ 10 ސަރަހައްދަކަށް އަރާފައިވެއެވެ.
ރަޝިއާއިން މި ހަމަލާތައް ދީފައިވަނީ އިއްޔެއެވެ. މި ހަމަލާތައް ދިނުމުގައި ރަޝިއާއިން 200 އަށް ވުރެ ބަލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްފައިވާ ކަމަށްވެއެވެ. ރަޝިއާގެ ހަމަލާތައް އެރި ސަރަހައްދުތަކުގެ ތެރޭގައި ޔުކްރެއިންގެ ވެރިރަށް ކިޔޭވް ވެސް ހިމެނެއެވެ. ރަޝިއާގެ ހަމަލާތައް އަމާޒުކޮށްފައިވަނީ މައިގަނޑު ގޮތެއްގައި ޔުކްރެއިންގެ އަސްކަރީ އަދި މަދަނީ އިންފްރާސްޓްރަކްޗަރަށެވެ.
ރަޝިއާގެ ހަމަލާތަކުގެ ސަބަބުން ޔުކްރެއިންގެ އެތައް ސަރަހައްދަކުން ފެނާއި ކަރަންޓް ކެނޑިފައިވާ ކަމަށް ޔުކްރެއިން ބުނެއެވެ. ޔުކްރެއިންގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި ރަޝިއާގެ މި ހަމަލާތަކަކީ ޔުކްރެއިނުން ރަޝިއާގެ ކުރްސުކް ސަރަހައްދަށް ދިން ވަރުގަދަ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެކެވެ.
ޔުކްރެއިންގެ 10،000 ސިފައިންގެ ފައުޖެއް މި މަހުގެ ހަވަނަ ދުވަހު ރަޝިއާގެ ކުރްސުކް ސަރަހައްދަށް ހަތިޔާރާ އެކު ވަދެގަނެ ވަރުގަދަ ހަމަލާތަކެއްވަނީ ދީފައެވެ. މި ފައުޖުގެ 4،000 ސިފައިން މަރާލާފައިވާ ކަމަށް ރަޝިއާއިން ބުނެފައިވެއެވެ. ނަމަވެސް، ބާކީ އަދިވެސް 6،000 ސިފައިން ރަޝިއާގެ އެތެރޭގައި ތިބި ކަމަށްވެއެވެ.
ރަޝިއާ ބުނާގޮތުން މި ފައުޖުގައި ގިނަ އަދަދަކަށް ކުލީ ސިފައިންނާއި ނޭޓޯގެ ސިފައިން ވެސް ޔުކްރެއިން ސިފައިންގެ ޔުނިފޯމް އަޅައިގެން އުޅެއެވެ. ރަޝިއާ ބުނެފައިވާ ގޮތުން ޔުކްރެއިންގެ ފައުޖުން ރަޝިއާގެ ކުރްސުކް ސަރަހައްދަށް ވަދެގަތީ އެމެރިކާއާއި ޖަރުމަނުން ދިން އާ ހަތިޔާރުތަކެއް ބޭނުންކޮށްގެންނެވެ. މި ދެ ގައުމުން މިކަން ދޮގެއް ނުކުރެއެވެ.
ރަޝިއާ ޔުކްރެއިނަށް އިއްޔެ ދިން ވަރުގަދަ އަދި ފުޅާ ދާއިރާގެ ހަމަލާތަކުގައި އަޑަށްވުރެ އެތައް ގުނައެއް ބާރަށް ދަތުކުރާ ހައިޕާ ސޮނިކް މިސައިލްގެ ހަމަލާތަކެއް ވެސް ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް، ރަޝިއާ މިކަން ކަށަވަރުކޮށެއް ނުދެއެވެ.