ނެޝެނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު އެންސީޓީސީއާ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އާ ދެމެދު އިލްމީ ދިރާސާއެއް ކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ މި ކަމަށް ޚާއްސަކޮށްގެން ގައުމީ ޔުނިވާސިޓީން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ މި ފަހުމްނާމާގެ މަގްސަދުތަކުގެ ތެރޭގައި ސައިންސާއި އިޖްތިމާއީ ސްޓްރެޓެޖިކް ސްޓަޑީޒްއާ ސުލްހައާ ސަލާމަތީ ކަންކަމާ ގުޅޭ ދިރާސާތައް ހެދުން ހިމެނޭ ކަމަށެވެ.

ނެޝެނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު އެންސީޓީސީއާ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އެމްއެންޔޫއާ ދެމެދު އިލްމީ ދިރާސާއެއް ކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި--- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް
ދިރާސާގެ ދާއިރާގައި ހުރި މައްސަލަތައް ދެނެގަނެ ހައްލު ހޯދާދޭނެ ޖޮއިންޓް ކޮންފަރެންސްތަކާ ސެމިނާތަކާ މަހާސިންތާތައް ބޭއްވުމަށް ދެފަރާތް ގުޅިގެން މަސައްކަތް ކުރުމާއި މި ދާއިރާތަކާ ގުޅޭ މޮޑިއުލްތައް މި ފަހުމުނާމާގެ ދަށުން ކިޔަވައިދެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އިންފޮމޭޝަން އެންޑް ޑާޓާ ޕްރިންޓް ރިފަރެންސް ވަސީލަތްތައް ވެސް ދެ ފަރާތް ގުޅިގެން ހިއްސާ ކުރުން މި ފަހުމްނާމާގެ ތެރެއިން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ނެޝެނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު އެންސީޓީސީއާ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އެމްއެންޔޫއާ ދެމެދު އިލްމީ ދިރާސާއެއް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ވައިސް ޗާންސިލަރު ޝެހެނާޒް ވާހަކަދައްކަވަނީ--- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް
ޝެހެނާޒް ވިދާޅުވީ އުންމީދަކީ މި ފަހުމްނާމާގެ ދަށުން ކުރިއަށްގެންދެވޭ ތަމްރީންތަކާއި، ހެދޭ ދިރާސާތަކުގެ އަލީގައި އިޖްތިމާއީ އަދި ސުލްހައާއި ސަލާމަތީ ކަންތައްތަކާ ގުޅޭ އިލްމު އިތުރަށް ފުރިިހަމަވެ ކުރިއަރައިގެން ދިއުން ކަމަށެވެ.
"އެންސީޓީސީ އިން އިސްނަންގަވައިގެން ދެފަރާތް ގުޅިގެން އިލްމީ ދިރާސާތައް ހެދުމާއި މަތީ ތައުލީމު ހޯދޭނެ މަގުފަހިކުރުމާއި އެމްއެންޔޫއަށް އިތުބާރުކޮށް ފަހުމުނާމާގައި ސޮއި ކުރަން ނިންމުމުން އެކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ޝެހެނާޒް ވިދާޅުވިއެވެ.

ނެޝެނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު އެންސީޓީސީއާ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އެމްއެންޔޫއާ ދެމެދު އިލްމީ ދިރާސާއެއް ކުރުމަށް އެމްއޯޔޫއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް
އިލްމީ ދިރާސާތައް ކުރުމަށް ދެފަރާތުން ވެވުނު އެއްބަސްވުމުގައި އެންސީޓީސީގެ ފަރާތުން ފަހުމުނާމާގައި ސޮއި ކުރެއްވީ ސެންޓަރުގެ ޑިރެކްޓާ ޖެނެރަލް މޭޖާ ޖެނެރަލް ރިޓަޔާޑް ވައިސް ވަހީދެވެ. ގައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ.
އެމްއެންޔޫއިން ވަނީ ކަރަންޓުބިލު ބިލު ބޮޑުވާ މައްސަލައިގައި އިލްމީ ދިރާސާތަކެއް ކުރުމަށް ސްޓެލްކޯއާއެކު ވެސް މި މަހުގެ ކުރީކޮޅު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.