އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއަށް ބޭނުންވާ ޑްރޯނާއި ސިވާ ކެމެރާ ސަޕްލައި ކޮށްދޭނެ ބަޔަކު ހޯދުމަށް އެ މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ.
ގެޒެޓުގައި މިއަދު އެ މިނިސްޓްރީން ކުރި އިއުލާނެއްގައިވަނީ މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ މީހުންނަށް، ބީލަން ހުށަހެޅުމުގެ ދައުވަތު ދީފައެވެ.
މި ބީލަމާ ގުޅޭ މައުލޫމާތު ސެޝަން އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި އެ ވުޒާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ އަށެއްވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ކަމަށް އެ ވުޒާރާއިން ބުންޏެވެ.
ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ ފަދައިން ސިޓީ އުރައިގައި ބަންދުކުރެވިފައި ކަމަށާއި، ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން ނުވަ ދުވަސް އޮންނަންވާނެ ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ.
އަދި ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާޠިލް ކުރެވޭނެ ވާހަކަ ވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ.
އެ ވުޒާރާއިން ވަނީ މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ މީހުން އަންނަ ސެޕްޓެމްބަރު މަހުގެ ދޭއްވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެ ވުޒާރާގެ އީމެއިލް އެޑުރެސް [email protected] މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް އެދިފައެވެ.
އަދި މި މަސައްކަތާ ގުޅޭ މައުލޫމާތު ޝީޓް އެ ވުޒާރާގެ ވެބްސައިޓް www.infrastructure.gov.mv ގެ އިތުރުން ގެޒެޓުގައި ޝާއިޢުކޮށްފައި ވާނެކަމަށް ވެސް އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.