އާ އަހަރު ފާހަގަކުރަން ބޭއްވި ޑްރޯން ޝޯއަށް 1.5 މިލިއަން ރުފިޔާ ޚަރަދުކުރި

އައު އަހަރު ފެށުމަށް ބޭއްވި ޑްރޯން ޝޯގެ ތެރެއިން: ޑްރޯން ޝޯއަށް 1.5 މިލިއަން ރުފިޔާ ޚަރަދުކުރި -- ސަން ފޮޓޯ/ މޫސާ ނަދީމް

އާ އަހަރު ފާހަގަކުރަން ބޭއްވި ޑްރޯން ޝޯއަށް 1.5 މިލިއަން ދިވެހި ރުފިޔާ ޚަރަދުކުރި ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނެފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'ސަން'އިން ވަނީ އައު އަހަރު ފެށުމަށް މިފަހަރު ބޭއްވި ޑްރޯން ޝޯ އެރުވުމަށް ހިނގި ޚަރަދުގެ ތަފްސީލު ހޯދުމަށް އެދިފައެވެ.

އެގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނީ ޑިފެންސް މިނިސްޓްރީގެ ހުއްދައާއެކު ޑްރޯން ޝޯ ބޭއްވިއިރު، އެ ހަރަކާތަށް 100،000 ޑޮލަރު ޚަރަދުވި ކަމަށެވެ. އެއީ ދިވެހި ރުފިޔާއިން 1،542،000 ރުފިޔާއެވެ.

އައު އަހަރު ފާހަގަކުރުމަށް ހަވާގެ އިތުރުން އެރޭ އެރުވި 'ޕައިރޯ ޑްރޯން' ޝޯ އަށް ބޮޑު ތަރުހީބެއް ލިބުނެވެ. މި ޑްރޯން ޝޯ ކުރިއަށް ގެންގޮސްފައި ވަނީ ކުޑަ ކުއްޖަކު ކިޔައިދިން ވާހަކައެއްގެ ގޮތުގައެވެ. މުޅި ޑްރޯން ޝޯ އެންމެނަށް ވެސް އެންމެ ކަމުދިޔައީ އެހެންވެއެވެ.

މި ޑްރޯން ޝޯގައި 600 އަށްވުރެ ގިނަ ޑްރޯން އަރުވާފައިވެއެވެ.

https://sun.mv/210821

ފާހަގަކޮށްލެވޭ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެރުވި ޑްރޯން ޝޯއަށް ވެސް ބޮޑު ސަމާލުކަމެއް ލިބުނެވެ. އޭގެ އިތުރަށް އެ ރަސްމިއްޔާތުގައި 19 ސަރަހައްދަކުން ހަވާ އަރުވާފައިވެއެވެ. އެއީ، މާލެ ވަށައިގެން ކަނޑުގެ 16 ސަރަހައްދަކާއި އެއާޕޯޓު ސަރަހައްދުގައި ތިން ތަނެއްގައެވެ. އެރޭގެ ބައެއް ޚަރަދުތައް ސިއްރުކުރިއިރު، އެއްބައި ޚަރަދުދަތަކަށް 18.9 މިލިއަން ރުފިޔާ ޚަރަދުކުރިއެވެ.

މި ސަރުކާރުން ބޮޑު އަގުގައި ޑްރޯން ޝޯ ބާއްވާތީ، އިދިކޮޅު ފަރާތްތަކުން ދަނީ ނުރުހުން ފާޅުކޮށްފައެވެ.

އެގޮތުން ރާއްޖޭގެ ދަރަނީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ, ޚަރަދުތައް ކުޑަކުރަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އެތައް ލަފައެއް ވެސް ދީފައިވަނިކޮށް, މިލިއަނުން ރުފިޔާ ޚަރަދުކޮށްގެން ޑްރޯން ޝޯތައް ބާއްވާތީ ސަރުކާރަށް ދަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް