100 ޕަސަންޓު ނިއުޒީލެންޑުގެ އުފެއްދުމެއްގައި އިންޑިއާ ބަޓަރު

ޑެއިރީ ފާމް މިލްކިއޯ ފުޑްސް ލިމިޓެޑްގެ ބައެއް އުފެއްދުންތައް. ފޮޓޯ/އެމްއެސް ނިއުސް

ކިރުގެ ބާވަތްތައް އުފައްދާ ނިއުޒީލެންޑުގެ ކުންފުންޏަކުން އެ މީހުންގެ އުފެއްދުންތަކަކީ އެ ގައުމުގެ 100 ޕަސަންޓު އުފެއްދުންތަކެއް ކަމަށްބުނެ، އިންޑިއާއިން އިމްޕޯޓުކޮށްފައިވާ ބަޓަރު ބޭނުންކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެ މައްސަލައިގައި އެ ކުންފުނި ވަނީ 261،452 ޑޮލަރުން ޖޫރިމަނާކޮށްފައެވެ.

ނިއުޒީލެންޑްގެ ކޮމާސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ބުނީ ނިއު ޒީލެންޑުގެ މިލްކިއޯ ފުޑްސް ލިމިޓެޑުން ގިތެލުގެ އުފެއްދުންތަކުގެ އަސްލު އޮޅުވަލައި އެއީ އެ ކުންފުނީގެ "100 ޕަސެންޓް ޕިއޯ ނިއުޒީލެންޑް" ގެ އުފެއްދުންތަކެއް ކަމަށް ބުނި ނަމަވެސް އޭގައި ބޭނުންކުރާ ބަޓަރަކީ އިންޑިއާއިން އިމްޕޯޓުކޮށްގެން ގެންނަ ބަޓަރެއް ކަމަށެވެ.

މިލްކިއޯ އިން ވަނީ ނިއު ޒީލެންޑުގެ ފެއާ ޓްރޭޑިން ގާނޫނާ ޚިލާފުވި 15 ކުށަށް އިއުތިރާފްވެ، ނިއު ޒީލެންޑުގައި އުފައްދާ އުފެއްދުންތައް ދެނެގަތުމަށް ބޭނުންކުރާ ފާންމާކް ލޯގޯވެސް ހުއްދަ ނެތި ބޭނުންކުރި ކަމަށް އެއްބަސްވެފައެވެ.

ފާންމާކް ލޯގޯ ބޭނުންކުރުމުގެ ހުއްދަ ހޯދަންވެސް މިލްކިއޯ އިން ހުށަހަޅައިފައި ވަނީ ސައްހަ ނޫން މައުލޫމާތެވެ.

ކޮމާސް ކޮމިޝަންގެ ތަރުޖަމާނު ވެނެސާ ހޯން ވިދާޅުވި ގޮތުގައި މިލްކިއޯ އިން ވަނީ އެ ގައުމަށް ލިބިފައިވާ ކިރުގެ ބާވަތްތައް ފެންވަރު ރަގަޅު ގޮތުގައި އުފެއްދުމުގެ ޝަރަފުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި އަމިއްލަ އުފެއްދުންތައް އިޝްތިހާރުކޮށްފައެވެ.

ނިއު ޒިލެންޑަކީ ކިރުގެ ބާވަތްތައް ފެންވަރު ރަނގަޅުކޮށް އުފެއްދުމުގައި ދުނިޔެއަށް މަޝްހޫރު ގައުމެކެވެ. އެ އިންޑަސްޓްރީއަކީ އެ ގައުމަށް ބޮޑު އާމްދަނީއެއް ލިބޭ އިންޑަސްޓްރީއެކެވެ.

comment ކޮމެންޓް