މިލާން ބަލިވިއިރު އިންޓާއަށް ފަސޭހަ މޮޅެއް

އިޓާލިއަން ސެރީއާގައި އެންމެ ފަހުގެ ޗެމްޕިއަން އިންޓާ މިލާނުން ލެއްޗެ ބަލިކޮށްފިއެވެ.

އިންޓާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 2-0 އިންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންޓާއިންނެވެ. ލީގުގެ ފުރަތަމަ މެޗު އެއްވަރުވުމުން އިންޓާއިން މެޗު ފަށާފައިވަނީ ވަރަށް ފޯރީގައެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ ފަސްވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ލީޑު ނެގުމެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަޓިއޯ ޑާމިއާންއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔަ ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

އިންޓާއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ ހަކާން ޗަލަނޮގްލޫއެވެ. މެޗުގައި ލެއްޗެއިން އިންޓާގެ ގޯލަށް ނުރައްކާކުރި ނަމަވެސް އިންޓާގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.

މި ކާމިޔާބީއާ އެކު އިންޓާ މި ވަގުތު އުޅެނީ ކުޅުނު ދެ މެޗުން ލިބިފައިވާ ހަތަރު ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައެވެ. ނަމަވެސް، މިއަދު ކުޅޭ މެޗުތަކާ އެކު ތާވަލަށް އަބަދު އައުން ގާތެވެ.

މުބާރާތުގައި ކުޅުނު އެހެން ބައެއް މެޗުތަކަށް ބަލައިލާއިރު އެންމެ ފާހަގަ ވެގެންދިޔައީ ދުވަސް ތަކަކަށްފަހު މި ސީޒަންގައި ސެރީއާއަށް ޕްރޮމޯޓްވި ޕާމާ އަތުން އޭސީ މިލާން ބަލިވުމެވެ. ޕާމާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 2-1 އިންނެެވެ. މެޗުގައި ޕާމާގެ ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޑެނިސް މާންއާއި މަޓިއޯ ކަންސެލޭރީއެވެ. އަދި، މިލާންގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ޕުލިސިޗްއެވެ.

ޖެނޯއާއާއި މޮންޒާ ބައްދަލުކުރި މެޗު 1-0އިން ކާމިޔާބު ކުރީ ޖެނޯއާއެވެ. މި މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހާދީފައިވަނީ އަންޑުރެއާ ޕިނަމޮންޓީއެވެ. އަދި، އުދިނޭސީއާއި ލާޒިއޯ ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކޮށްފާވަނީ އުދިނޭސީއެވެ. މެޗުގައި އުދިނޭސީގެ ދެ ލަނޑު ލޮރެންޒޯ ލޫކާއާއި ފްލޮރިއަން ތައުވިން ކާމިޔާބުކޮށްދިންއިރު ލާޒިއޯގެ ހަމައެކަނި ލަނޑު ޖަހާދިނީ ގުސްޓާވް އިސާކްސެންއެވެ.

comment ކޮމެންޓް