މާލީ ގޮތުން ދަރިވަރުން ޒިންމާދާރު ކުރުވުމަށް ބެލެނިވެރިން ކަނޑައަޅާ ފައިސާގެ ވަކިވަކި ލިމިޓްތަކެއްގެ ދަށުން ދަރިވަރުންނަށް "އާއިލާ ކާޑު" ދިނުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާ އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި މި ކަމަށް ޚާއްސަކޮށްގެން ބޭއްވި ބައްދަލުވުމެއްގައި މި އެމްއޯޔޫގައި އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ މުފައްދަލް އިދްރީސް ޚުމްރީއެވެ.
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ އެ ސްކޫލްގެ ޕްރިންސިޕަލް ތޯހާ ސަލީމެވެ.
މި ފަހުމުނާމާގެ ދަށުން "އާއިލާ ކާޑު" ދޭއިރު، އިތުރު އެކި ދާއިރާތަކުން ވެސް އެއްބާރުލުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ފަހުމުނާމާގެ ދަށުން ދެވޭ އާއިލާ ކާޑަކީ ބެލެނިވެރިންނަށް ކޮންޓްރޯލް ކުރެވޭ ވަކި ލިމިޓްތަކެއްގެ ދަށުން ބޭނުން ކުރެވޭ ކާޑެކެވެ. އެހެން ކަމުން މި ކާޑުގެ ސަބަބުން ނަގުދު ފައިސާ ބޭނުން ކުރުމުގެ ބަދަލުގައި ދަރިވަރުންނަށް ޒިންމާދާރު ކަމާއެކު ކާޑު ފަދަ ޒަމާނީ އާލާތްތައް ބޭނުންކުރުމަށް އާދަ ކުރެވޭނެ ކަމަށް އެމްއައިބީން ބުނެއެވެ.
މީގެ އިތުރުން މާލީ ޒިންމާދާރުކަން އިތުރުކުރުމަށް ދަރިވަރުން އަހުލުވެރި ކުރުވުމުގެ ގޮތުން އެކި ޕްރޮގްރާމްތައް ހިންގާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އެމްއައިބީން މައުލޫމާތުދޭ ގޮތުގައި އެ ބޭންކުން މިހާރު ދަނީ މި ޚިދުމަތް އިތުރު ސްކޫލްތަކަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިހާރު ވެސް ބައެއް ސްކޫލްތަކުން މި ކަމަށް އެދިފައިވާއިރު، މި ކަމަށް އެދޭ އިތުރު ސްކޫލްތަކަށް ވެސް މި ފުރުސަތުވަނީ ހުޅުވާލައިފައެވެ.
އެމްއައިބީއަކީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ބޭންކިން ޚިދުމަތް ދެމުން އަންނަ ބޭންކެކެވެ. އެ ގޮތުން ބޭންކަށް ނުގޮސް އެކައުންޓް ހުޅުވުމުގެ ޚިދުމަތް މިހާރު އާންމު ފަރުދުންގެ އިތުރުން ވިޔަފާރިތަކަށް ވެސް އެ ބޭންކުން ދެއެވެ. މީގެ އިތުރުން އެ ބޭންކުގެ އިންޓަނެޓް ބޭންކިންއަކީ ބޭނުންކޮށްލަން ފަސޭހަ ރައްކާތެރި ޚިދުމަތެކެވެ.