ޔުނިވާސިޓީއަށް ދިއުން މަނާކޮށްފައިވާ އަފްޣާނިސްތާނުގެ 19 އަންހެނުން ސޮކްޓްލޭންޑުގައި ކިޔަވަނީ

ލިންޑާ ނޯގްރޯވް ފައުންޑޭޝަންގެ ވެރިޔާ ލޯނާ ނޯގްރޯވް އާއި އެކު އަފްޣާން ދަރިވަރެއް. ފޮޓޯ/ބީބީސީ

އަފްޣާނިސްތާނުގައި ޔުނިވާސިޓީއަށް ދިއުން މަނާކޮށްފައިވާ 19 އަންހެން މެޑިކަލް ދަރިވަރުން ސްކޮޓްލޭންޑްގައި ކިޔެވުން ފުރިހަމަ ކުރަން ނިންމައިފިއެވެ.

މީގެ ތިން އަހަރު ކުރިން އަފްޣާނިސްތާނުގެ ވެރިކަމަށް ތާލިބާން އައުމާއެކު، އަންހެނުން ތައުލީމު ހާސިލުކުރުމާއި، އަންހެނުންގެ ހައްގުތަކާގުޅޭ އެކި ކަންތައްތައް މަނާކުރުމާ ގުޅިގެން، މެޑިކަލް ދާއިރާއިން ކިޔެވުން ހުއްޓައިލަން އެމީހުންނަށް ވަނީ މަޖުބޫރުވެފައެވެ.

ސްކޮޓްލޭންޑުގައި ކިޔެވުން ފުރިހަމަ ކުރުމަށް އެމީހުންނަށް އެހީތެރިވެދެނީ ވޮޝިންޓަން ސްޓޭޓްގެ ލޫއެސްގައި ހުންނަ ޗެރިޓީއެއް ކަމަށްވާ ލިންޑާ ނޯގްރޯވް ފައުންޑޭޝަނުންނެވެ.

"މި ހިސާބަށް ދިއުމަށްޓަކައި ހާސް ދުވަހުގެ ތަކުލީފު ތަހައްމަލު ކުރިން. އެއްހާސް ދުވަހު ގޭގައި ބަންދުވެފައި ތިބުމާއި، ކަރުނައާއި ހިތާމަ ނޫން އެހެން އެއްޗެއް ނެތި، ދިރިއުޅުން ބޭކާރުވެގެން ދިޔަ." ސްކޮޓްލޭންޑުގައި ކިޔެވުން ފުރިހަމަ ކުރަން ނިންމާފައިވާ ދަރިވަރެއްކަމަށްވާ އޮމުލްބަނިން ސުލްތާނީ ބުންޏެވެ.

އެ ދަރިވަރުން ސޮކޮޓްލޭންޑަށް ގެނައުމުގެ މަސައްކަތް ލިންޑާ ނޯގްރޯވް ފައުންޑޭޝަނުން ވަނީ މިދިޔަ އަހަރު ފަށައިފައެވެ. ނަމަވެސް އެކަން ލަސްވީ ބިއުރޯކްރެސީ އާއި ގަވާއިދުތަކުގެ ސަބަބުން ކަމަށް އެ ފައުންޑޭޝަނުން ބުނެފައިވެއެވެ.

ނަވާރަ ދަރިވަރުން އިނގިރޭސިވިލާތަށް ގެންގޮސް ސްކޮޓްލޭންޑްގައި ބޭތިއްބުމަށް ދާނެ ޚަރަދު ފޫބެއްދުމަށް މިހާތަނަށް 60،000 ޕައުންޑް އެ ފައުންޑޭޝަނުން ވަނީ ހޯދައިފައެވެ.

ދަރިވަރުން އިނގިރޭސިވިލާތަށް ގެންދިއުމަށް އަފްޣާން ސިޓިޒަންސް ރީސެޓްލްމަންޓް ސްކީމްގެ ބަދަލެއްގެ ގޮތުގައި ބޭނުންކުރީ ސްޓޫޑެންޓް ވިސާއެވެ. އެ ކުދިން ސޮކްޓެލޭންޑަށް ދިޔައީ މިހަފުތާގެ ކުރީކޮޅުއެވެ.

ވޭތުވެދިޔަ 14 އަހަރު ތެރޭގައި އެ ފައުންޑޭޝަނުން ވަނީ އަފްޣާނިސްތާނުގެ އަންހެނުންނާއި އަންހެން ކުދިންނަށް ހިންގާ މަޝްރޫއުތަކަށް ތިން މިލިއަން ޕައުންޑަށް ވުރެ ގިނަ ފައިސާ ހޯދާފައެވެ.

އަދި ހުޅަނގު އައިލްސް ހިމެނޭ ގޮތަށް ސްކޮޓްލޭންޑްގައި ރެފިއުޖީން އަލުން ވަޒަންވެރިވުމަށް ވެސް އެ ފައުންޑޭޝަނުން ވަނީ އެހީތެރިވެދީފައެވެ.

ލިންޑާ ނޯގްރޯވް އަކީ 2010ވަނަ އަހަރު ތާލިބާނުން ރަހީނުކޮށް، އެމެރިކާ އަސްކަރިއްޔާއިން އޭނާ ސަލާމަތް ކުރަން ކުރި މަސައްކަތުގައި މަރުވި މީހެކެވެ.

އޭނާގެ މައިންބަފައިން ކަމަށްވާ ޖޯން އާއި ލޯރްނާ ވަނީ ހަމަ އެ އަހަރުގެ ފަހުކޮޅު ލިންޑާގެ ހަނދާނުގައި އެ ޗެރިޓީ ފައުންޑޭޝަން ގާއިމްކޮށްފައެވެ.

ވިހި އަހަރު ވަންދެން އަފްޣާނިސްތާނު އަޅުވެތިކޮށްގެން ތިބުމަށް ފަހު، އެމެރިކާ އާއި އިނގިރޭސި ވިލާތާއި ނޭޓޯގެ ސިފައިން، އޮގަސްޓް 2021 ގައި އެ ގައުމުން ފޭބުމާ އެކު، އެ ގައުމުގައި ވެރިކަން ކުރަމުން އަންނަނީ ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިންނެވެ. އޭގެފަހުން އެ ގައުމުގެ އަންހެނުންނާ މެދު ތާލިބާން ސަރުކާރުން އަމަލުކުރަމުން އަންނަނީ ވަރަށް އިހާނެތި ގޮތަކަށެވެ.

އަފްޣާން އަންހެން ކުދިން ސްކޫލްތަކަށާއި ކޮލެޖްތަކަށް ދިއުން މަނާކޮށް ތައުލީމު ހާސިލްކުރުން ވެސްވަނީ މަނާކޮށްފައެވެ. އަދި އަފްޣާން އަންހެނުންވަނީ ވަޒީފާގެ ފުރުސަތުތަކުންންވެސް މަހުރޫމްކޮށްފައެވެ.

comment ކޮމެންޓް