މިފްކޯއިން މާދަމާގެ ނިޔަލަށް ކޮންމެ ދޯންޏަަކަށް 3 ޓަނު އައިސް ދެނީ

މަސްމާރުކޭޓު ސަރަހައްދުގައި ދޯނިން މަސް ބޭލުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ހުރިހާ ސެންޓަރުތަކުންނާއި ތިނަދޫ އައިސް ޕްލާންޓުން މާދަމާގެ ނިޔަލަށް ކޮންމެ ދޯންޏަކަށް ތިން ޓަނު އައިސް ހިލޭ ދިނުމަށް ނިންމައިފިއެވެ.

މިފްކޯއިން ބުނީ މަސްވެރިން މަހަށް ފުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ސްޓޮކް ހުސްވަންދެން މާދަމާގެ ނިޔަލަށް ކޮންމެ ދޯންޏަކަށް ވެސް ހިލޭ ތިން ޓަނުގެ އައިސް ދޫކުރާނެ ކަމަށެވެ.

މި ކަމާ ގުޅިގެން މިފްކޯގެ އޮފިޝަލަކު "ސަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރާއްޖެއަށް ކުރި ވިއްސާރައާ ގުޅިގެން މަސްވެރިންގެ ކޭޝް ފްލޯއަށް ބުރޫއަރާފައިވާ ކަމަށެވެ. އެ ގޮތުން މަސް އޮޑިތަކަށް ބޭނުންވާ އައިސް އަދި ތެޔޮ މިފްކޯގެ ފަރާތުން ހަމަޖައްސައިދިނުމަށް މަސްވެރިން އެދިފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި މާދަމާގެ ނިޔަލަށް ކޮންމެ މަސް ދޯންޏަކަށް ވެސް ތިން ޓަނު އައިސް ހިލޭ ދިނުމަށް ނިންމީ، މިފްކޯގައި ގިނަ އަދަދެއްގެ އައިސް ރައްކާ ކުރެވިފައިވާތީ، އެ ކަމާމެދު ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ވެސް ކުރުމަށް ފަހުގައި ކަމަށެވެ.

ކޮންމެ ދޯންޏަކަށް މިފްކޯއިން ތިން ޓަނު އައިސް މާދަމާގެ ނިޔަލަށް ހިލޭ ދިނުމަށް ނިންމާފައި ވިޔަސް، އެ މުހުލަތު އިތުރު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އާންމު ގޮތެއްގައި ވެސް ވިއްސާރަ ދުވަސްވަރަކީ މަސްވެރިކަން ދަށް ދުވަސްވަރެކެވެ. މިފްކޯއިން މަސްވެރިންނަށް ހިލޭ އައިސް ދޭން ނިންމީ، މަސްވެރިން މަހަށް ނިކުތުމަށް ބާރު އަޅައި، ހިތްވަރު ދިނުމުގެ ގޮތުންނެވެ.

މީގެ ކުރިން މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ލަސްވުމުގެ ސަބަބުން މަސްވެރިން އެ ކަމާ އިހުތިޖާޖު ވެސް ކުރިއެވެ. އެހެން ނަމަވެސް މިފްކޯއިންވަނީ މަސްވެރިންނަށް ނުދީ ހުރި ފައިސާގެ ބެކްލޮގު ކްލިއާކޮށްފައެވެ.

އަދި މި އަހަރު ނިމޭއިރު ހަފުތާއަކު އެއް ފަހަރާ މަސްވެރިންނަށް ފައިސާ ދޫކުރަން ފެށުމަށް އެ ކުންފުނިންވަނީ އަމާޒު ހިފައިފައެވެ.

comment ކޮމެންޓް