ކައުންސިލްތަކުގައި ގާނޫނީ އަދި މާލީ މައްސަލަތައް ބެލުމަށް ޚާއްސަ ޓީމުތައް އޮންނަން ޖެހޭ ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ލާމަރުކަޒީ ކޮމިޓީއަށް ހާޒިރުވެޑައިގެން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ސިވިލް ސާވިސްގެ ނިޒާމު ތަރުތީބު ކުރެވިފައި އޮތީ މައްސަލަތަކުގައި ރަށްރަށުގެ ކައުންސިލްތަކަށް އެންމެ ގާބިލް މީހުން ހޯދުމަށް ދަތިވާ ގޮތަށް ކަމަށެވެ.
އެކަން އެހެން އޮތްއިރު، ބައެއް ކަހަލަ ކަންކަމުގައި ކައުންސިލްތަކަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށް މިނިސްޓްރީއަށް ގަބޫލުކުރެވޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މިސާލަކަށް ދަންނަވާ ކަމަށް ވަންޏާ ގާނޫނީ ބައެއް މައްސަލަތަކުގައި އެންމެ ރަނގަޅު ހައްލެއް، އެންމެ ރަނގަޅު ރައުޔެއް ހޯދުމަށްޓަކައި ކައުންސިލްތަކުން މިހާރު ކުރަން ޖެހޭ ކަމަކީ ކޮންމެވެސް ގާނޫނީ ލަފާދޭ ފާމެއް ކުއްޔަށް ނަގައިގެން ނުވަތަ މީހަކު އައްޔަންކޮށްގެން މަސައްކަތް ކުރުން
އެގޮތަށް ކައުންސިލްތަކަށް މަސައްކަތްކުރަންޖެހޭއިރު، ރާއްޖޭގެ ގިނަ ކައުންސިލްތަކަށް ބިމާއި ރުއްގަހުގެ މައްސަލަތަކުގެ އިތުރުން އެފަދަ އެހެން މައްސަލަތަކުގައި ގާނޫނީ ލަފާ ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި އެ މައްސަލަތަކުގައި ޑޮކިއުމަންޓުތައް ތައްޔާރު ކުރުމަށް ވެސް ގާނޫނީ ލަފާ ބޭނުންވާ ހާލަތްތައް އަންނަކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މިކަމާ ގުޅުވައި އިތުރަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، އެފަދަ މައްސަލަތަކުގައި ކައުންސިލްތަކުން ފާމެއް ނުވަތަ ގާނޫނީ ވަކީލުން ކުއްޔަށް ނަގައިގެން ކުރާ މަސައްކަތްތަކީ ވަރަށް ޚަރަދު ބޮޑު ކަމެއް ކަމަށެވެ.
މީގެއިތުރުން، މިއަދުވެސް ކައުންސިލްތަކަށް އެންމެ ބޮޑަށް 'އިނގިލި ދިއްކުރާ' އެއް ކަމަކީ އެ ކައުންސިލްތަކުން ކުރާ ޚަރަދުގައި ދެފުށްފެންނަ ގޮތަށް ބައެއް ކައުންސިލްތަކުން މަސައްކަތް ކުރަމުންދާއިރު އެކަމަށް ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނެތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިކަމަށް ބަލާއިރުގައި ވެސް އަޅުގަނޑުމެނަށް ގަބޫލުކުރެވެނީ އަތޮޅު ފެންވަރުގައި އަތޮޅު ކައުންސިލްގައި އެބަ ތިއްބަވަން ޖެހޭ އެކަމަށް ޚާއްސަ އެކްސްޕީރިއަންސްޑް، އަދި ތަޖުރިބާހުރި އެޑިޓަރުންގެ ޓީމެއް އެބަ އޮންނަންޖެހޭ ކަމަށް
އަތޮޅު ކައުންސިލްތަކުގައި ގާނޫނީ ވަކީލުންގެ ޓީމަކާއި ލޭންޑް ޔޫސް ހެދުމުގައި އެހީތެރިވާނެ ޓީމަކާއި ފައިނޭންސް ކަންތަކާއި މެނޭޖްމަންޓުގެ ކަންތައްތަކުގައި އެހީތެރިވެވޭ ވަރުގެ ޓީމެއް އޮންނަން ޖެހޭ ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން، ގާނޫނީ ވަކީލުންގެ ޓީމުގައި ދެ މުވައްޒަފުން ބޭއްތިއްބޭނެކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، އެތަނުން އެއް ވަކީލަކީ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރެވޭ ފެންވަރުގެ ވަކީލަކަށް ވާންޖެހޭނެ ކަމަށެވެ.
އެ ޓީމުތައް ނަގާނީ ކައުންސިލްތަކުގެ ސިވިލް ސާވިސް މުވައްޒަފުންގެ ތެރޭގައި ހިމަނައިގެން ކަމަށާއި، އަތޮޅު ފެންވަރުގައި ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ތަމްރީނުކުރަން އެ ޓީމުތަކަށް ޕްރޮގްރާމްތައް ހިންގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.