ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންޝަލް އޭޖީ ނަމަކަށް ކިޔާ ކުންފުންޏެއްގެ މައްސަލައިގައި މީގެ ކުރިން އެއްވެސް ހައިސިއްޔަތަކުން، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރިން ވަޒީރުކަމުގައި ހުންނެވިއިރު ބައްދަލުކޮށްފައިނުވާނެ ކަމަށް މިހާރުގެ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.
ރޭ ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ކުރީގެ ސީޕީ ވަހީދު ވަނީ ނޫމަޑި އެގްރިމަންޓު ބާތިލުކުރުމުގެ އެންމެ އިސް މޭސްތިރިއަކީ ރައީސް ޑރ. މުއިއްޒު ކަމަށް ވިދާޅުވެފައެވެ.
އޭރު ވަޒީރުކަމުގައި ހުންނެވި މިހާރުގެ ރައީސް ޑރ. މުއިއްޒު އެ މައްސަލައާ ގުޅިގެން އޭރު ގުޅުއްވީ އޭނާއަށް ކަމަށާއި، އޭނާ މިހާރުގެ ކޮމިޝަނަރު ޝުޖާއުއާއެކު ރައީސް މުއިއްޒާ ބައްދަލުކުރެއްވި ކަމަށް ވަހީދު ވިދާޅުވިއެވެ.
ކުރީގެ ސީޕީ ވަހީދުގެ އެ ވާހަކަތައް ދޮގުކުރެއްވުމަށް ކޮމިޝަނަރު މިއަދު ވަނީ ނޫސްބަޔާނެއް ނެރުއްވައިފައެވެ.
އެގޮތުން ނޫމަޑި މައްސަލައިގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު، ޝުޖާއާ ބައްދަލުކުރެއްވި ވާހަކައަކީ ހަގީގަތާ ޚިލާފު "އެއްވެސް އަސާސެއް ނެތް" ވާހަކައެއްކަމަށް ސީޕީގެ ބަޔާނުގައިވެއެވެ.
ނޫމަޑި މައްސަލައާ ގުޅޭގޮތުން އެއްވެސް މަޝްވަރާއަކަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދާއެކު އެއްވެސް ފަރާތަކާ އެއްވެސް ހައިސިއްޔަތަކުން ބައްދަލުކޮށްފައިނުވާނެ ވާހަކަ ވެސް "ކަށަވަރު" ކަމާއެކު ވިދާޅުވާ ކަމަށް އެ ބަޔާނުގައިވެއެވެ.
ނޫމަޑި އެގްރިމަންޓުގެ މައްސަލައިގައި ރައީސް ޑރ. މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިންކަމުގެ ކުށުގެ ދައުވާ އުފުލިއެވެ.
އެ ދައުވާ އުފުލާފައި ވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ ދޮގު ބަޔާން ދެއްވާފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.
ނަމަވެސް އެ ކަން ކޯޓުގައި ސާބިތުވެފައެއް ނުވެއެވެ.