ގެސްޓުހައުސް ވިޔަފާރިތައް ކުރިއަރުވަން އެމްއައިބީން ސިންޕޯޒިއަމެއް ބާއްވަނީ

މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން: ވިޔަފާރިތައް ކުރިއަރުވަން އެމްއައިބީން ގެސްޓުހައުސް ސިންޕޯޒިއަމް އޮކްޓޯބަރުގައި ބާއްވަނީ --- ސަން ފޮޓޯ/ މޫސާ ނަދީމް

ގެސްޓުހައުސާއި އެ ދާއިރާއާ ގުޅުންހުރި ވިޔަފާރިތައް ކުރިއެރުވުމަށް މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)އިން އަންނަ އޮކްޓޯބަރުގައި 'ގެސްޓު ހައުސް ސިންފޯޒިއަމް' ފޯރަމް ބޭއްވުމަށް ނިންމައިފިއެވެ.

މިކަމާ ގުޅުން ހުރި މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި އެމްއައިބީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ރިޒާ ވިދާޅުވީ، މި ފޯރަމަކީ ގެސްޓްހައުސްތަކާ ލިވަބޯޑްސްތަކާއި ސަޕްލަޔަރުން ދާއިރާއާ ގުޅުންހުރު ކަންކަމާ މަޝްވަރާކޮށް، ޓޫރިޒަމް ދާއިރާ ކުރިއަރުވަން މަގުފަހި ކުރުމަށް ބާއްވާ ފޯރަމެއް ކަމަށެވެ.

މި ފޯރަމްގައި ބައިވެރިވާ ފަރާތްތަކަށް ވަރަށް ގިނަ މައުލޫމާތު ލިބޭނެކަން ފާހަގަކުރައްވައި ރިޒާ ވިދާޅުވީ، މި ފޯރަމްގައި ބައިވެެރިވުމަށް ރަޖިސްޓްރީވުމަށް އޮންލައިންކޮށް ފޯމު ހުށަހެޅުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.

އެމްއައިބީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ރިޒާ: ވިޔަފާރިތައް ކުރިއަރުވަން އެމްއައިބީން ގެސްޓުހައުސް ސިންޕޯޒިއަމް އޮކްޓޯބަރުގައި ބާއްވަނީ --- ސަން ފޮޓޯ/ މޫސާ ނަދީމް

އަންނަ އޮކްޓޯބަރު މަހުގެ 10ގައި ކްރޮސްރޯޑްގައި ބާއްވާ މި ފޯރަމްގެ ތެރެއިން ބައިވެރިންގެ އުފެއްދުންތައް ޝޯކޭސް ކުރުމާއި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާ ކުރެވޭނެއެވެ.

ރިޒާ ވިދާޅުވީ، މި ފޯރަމްގެ އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޕާޓްނާޝިޕްތައް ބިނާކޮށް، އެ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުން ކަމަށެވެ.

މިކަމާ ގުޅުވައި އިތުރަށް ވާހަކަދައްކަވަމުން، މޯލްޑިވްސް ގެސްޓު ހައުސް އެސޯސިއޭޝަންގެ ނައިބު ރައީސް އަޙުމަދު ވަހީދު ވިދާޅުވީ، އެ ހަރަކާތުން އުފެއްދުންތައް މާކެޓު ކުރާނެ ގޮތްތައް ބައިވެރިންނަށް ދަސްވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް. ދިވެހިރާއްޖޭގެ ހުރިހާ ގެސްޓުހައުސް ހިންގާ އޯނާސް އަތޮޅުތެރޭގެ ރަށްރަށުގެ އޯނަރުންވެސް ވަޑައިގެން މީގަ ބައިވެރިވުން" އަހުމަދު ވަހީދު ވިދާޅުވިއެވެ.

މީގެއިތުރުން، ކުރިއަށް އޮތް ދުވަސްތަކުގައި ސިންޕޯޒިއަމްގެ ޕާޓްނަރުންނާ އެކު ސޮއިކުރާނެ ކަމަށާއި ހަރަކާތުގައި ބައިވެރިވުމަށް ހުންނާނީ ލިމިޓެޑް ސްލޮޓްތަކެއް ކަން ރިޒާ ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް، ތަފާތު ދާއިރާތަކުން 150 ފަރާތްތަކަށް ސްލޮޓް ހޯދުމަށް ފުރުސަތު ފަހިވާނެއެވެ.

comment ކޮމެންޓް