ކުރިއަށް އޮތް 24 ގަޑިއިިރު ރާއްޖޭގެ ސަރަހައްދަށް ވައިގަދަވެ، އުދައެރުމުގެ ފުރުސަތު ބޮޑު ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނެފިއެވެ.
"ސަން"އަށް މައުލޫމާތު ދެމުން މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ސަރަހައްދަށް ވާރެއަށް ވުރެ ބޮޑަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާޢްޖޭގެ ދެކުނުގެ ސަރަހައްދަށް އެވްރެޖް ގޮތެއްގައި ވައި އުޅޭނީ 18 މޭލާއި 28 މޭލުގެ ބާރުމިނުގައި ކަމަށާއި މެދުރާއްޖެތެރެއާއި އުތުރުގެ ސަރަހައްދަށް އެވްރެޖްކޮށް 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ގަދާވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ބުނީ، މި ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ގަދަވާނެ ކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް ވައި މަޑުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރަނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެންނެވެ. އަދި، އިތުރުގެ އަތޮޅުތަކަށް ވައިމަޑުވާނެ ކަމަށް ބެލެވެނީ އަންނަ ހަފުތާގެ ހޯމައިން ފެށިގެން ކަމަށް އެ އިދާރާއިން ބުންޏެވެ.
ވައި ގަދަވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދުގެ 08:00 އިން 14:00 އަށް ހއ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. އަދި، ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މިއަދުގެ 08:15 އިން 14:00 އަށް ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ވެސް ވަނީ ނެރެފައެވެ.
ވައިގަދަވެ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އެ އޮފީހުން ބުނާ ގޮތުގައި މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ، ޑިސެންބަރާ ހަމައަށް ދެމިގެންދާނެއެވެ.