ހަލުއި ކަމާއެކު މަކުނު ވިދުރި ފެތުރެމުން އަންނަ އެފްރިކާގެ ގައުމުތަކަށް އެ ބަލިން ދިފާއުވާނެ ވެކްސިން ފޯރުކޮށްދިނުމަށް 500 މިލިއަން ޑޮލަރު ހޭދަކުރެވޭނެ ކަމަށް ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުންދާ ގަވީ ދަ ވެކްސިން އެލަޔަންސް (ގަވީ) އިން ބުނެފިއެވެ.
ގަވީއާއި ޔުނިސެފުން ވެކްސިން ގަތުމަށް މަސައްކަތްކުރާއިރު، ޑަބްލިއުއެޗްއޯއިން ރުހުން ނުދީ އެކަން ނުކުރެވޭނެއެވެ. ވެކްސިންތަކުގެ އިވެލުއޭޝަން އަންނަ ސެޕްޓެމްބަރު މަހު ފައިނަލް ކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް ޑަބްލިޔުއެޗްއޯއިން ބުދަ ދުވަހު ވަނީ ބުނެފައެވެ.
"ވެކްސިންތަކަށް ދައްކަންޖެހޭ ފައިސާ ތައްޔާރަށް އެބަހުރި. ނަމަވެސް ބަލި ފެތުރެމުންދާ ގައުމުތަކުން ވެކްސިން ހޯދުމަށް ރަސްމީކޮށް އެދުމާއި، ޑަބްލިޔުއެޗްއޯއިން ހޯދަންޖެހޭ ހުއްދަ ހޯދުންފަދަ ކަންކަން ކުރަން އެބަ ހުރި،" ގަވީގެ ޗީފް އެގްޒެކްޓިވް ސާނިއާ ނިޝްތާރު ވިދާޅުވިއެވެ.
މަކުނު ވިދުރިން ދިފާއުވުމަށް އެންމެ ގިނައިން ބޭނުންކުރާ ދެ ވެކްސިން އުފައްދާ ދެ ކުންފުނި ކަމަށްވާ، ބަވަރިއަން ނޯޑިކް އަދި ކޭއެމް ބަޔޮލޮޖިކްސްއާ އާ ވެސް މަޝްވަރާތައް ފަށައިފައިވާ ކަމަށް ނިޝްތާރު ވިދާޅުވިއެވެ. ނަމަވެސް އެ ދެ ކުންފުންޏަށްވެސް އޯޑަރުތަކަށް ވެކްސިންތައް އުފައްދަން ފެށޭނީ ޑަބްލިޔުއެޗްއޯއިން ހުއްދަ ލިބުމުންނެވެ.
ބަވަރިއަން ނޯޑިކް އިން ބުނެފައިވާ ގޮތުގައި 2025 ވަނަ އަހަރުގެ ނިޔަލަށް 10 މިލިއަން ޑޯޒު ވެކްސިން އުފެއްދިދާނެއެވެ. އަދި ބަލި ބޮޑަށް ފެތުރުމުމުގެ ކުރިން އެންމެންނަށް ފުދޭ ވަރަށް ވެކްސިން އުފެއްދިދާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ކޭއެމް ބަޔޮލޮޖިކްސްއިން ވެސް ވަނީ އެކަމުގައި ވީ އެންމެ ބޮޑަކަށް ޑަބްލިޔުއެޗްއޯއަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފައެވެ.
އޭގެ އިތުރުން، ވެކްސިން ހޯދުމުގެ މަޝްވަރާތައް އެމެރިކާއާއި އެހެން ގައުމުތަކާއެކުވެސް ގަވީއިން އަންނަނީ ކުރަމުންނެވެ. އެމެރިކާއިން މިހާތަނަށް ވަނީ 50000 ޑޯޒް ހަދިޔާކޮށްފައެވެ. ބަވަރިއަން ނޯޑިކް އިން ވެސް 15،000 ޑޯޒަ ހަދިޔާކޮށްފައިވެއެވެ. ނަމަވެސް ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިން ވެކްސިން ހޯދަން ރަސްމީކޮށް އެދިފައި ނުވާ ކަމަށް ގަވީން ބުނެއެވެ. އަދި އެއީ ވެކްސިން ފޯރުކޮށްދިނުން ލަސްވެގެންދާނެ ކަމެއް ކަމަށް ނިޝްތާރު ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންގޯގެ ސިއްޚަތާބެހޭ ވަޒީރު، ސެމިއުލް ރޮޖާ ކަމްބާ މުލަމްބާ ވިދާޅުވީ އެ ގައުމަށް ތިން މިލިއަން ޑޯޒު ވެކްސިން ބޭނުންވާ ކަމަށެވެ.
ގަވީއަކީ ވަސީލަތްތައް މަދު ފަގީރު ގައުމުތަކަށް ވެކްސިން ގަނެ ފޯރުކޮށްދިނުމަށް އެހީތެރިވެދޭ ޖަމިއްޔާއެކެވެ. އާންމުކޮށް ހިމަބަހި ފަދަ ކުޑަކުދިންނަށް ޖެހޭ ބަލިތަކުން ދިފާއުވުމަށް ދޭ ވެކްސިންތައް ފޯރުކޮށްދިން ނަމަވެސް ކޯވިޑުގެ ބަލިމަޑުކަމަށްފަހު ގަވީގެ މަސައްކަތްތައް ވަނީ ފުޅާކޮށްފައެވެ.