ރަޝިއާގެ ކުރްސުކްއަށް ވަދެގަތް ޔުކްރެއިން ސިފައިން އަދިވެސް ބޭރުނުކުރެވޭ

ރަޝިއާގެ ކުރްސުކް ސަރަހައްދަށް ވަދެގަތް ޔުކްރެއިންގެ ސިފައިން

މޮސްކޯ (15 އޮގަސްޓް 2024): ޔުކްރެއިންގެ ސިފައިން ރަޝިއާގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ރަޝިއާގެ ކުރްސްކް ސަރަހައްދަށް އެއްގަމު މަގުން ވަދެގެނެ ކުރަމުންގެންދާ ހަނގުރާމަ ފުޅާވަމުންދާއިރު ޔުކްރެއިން ސިފައިން ރަޝިއާގެ އެތެރެއިން 30 ވަރަކަށް ކިލޯމީޓަރަށް ވަދެގެންފައިވާ ކަމަށް ހުޅަނގުގެ މީޑީއާ ރިޕޯޓްތައް ބުނެފިއެވެ.

އެމެރިކާއާއި ޔޫރަޕްގެ ބައެއް ގައުމުތަކުގައި ޝާއިއުކުރަމުން ގެންދާ މީޑީއާ ރިޕޯޓްތައް ބުނާގޮތުން ޔުކްރެއިން ދެހާހެއްހާ ސިފައިން 100 ވަރަކަށް ޓޭންކާއި އާމެޑް ވެހިކަލްތަކާއެކު ކުރްސްކް ސަރަހައްދަށް އެއްގަމު މަގުން ވަދެގެނެ ދެމުންގެންދާ ހަމަލާތައް ވަރަށް ކާމިޔާބެވެ.

މި ރިޕޯޓްތައް ބުނާގޮތުން ޔުކްރެއިން ސިފައިން ފަހަތަށް ޖެއްސުމުގައި ރަޝިއާ ސިފައިންވަނީ ނާކާމިޔާބުވެފައެވެ. ބައެއް ސަރަހައްދުތަކުން ޔުކްރެއިން ސިފައިން ފަހަތަށް ޖެއްސިނަމަވެސް އަނެއްކާ ޔުކްރެއިން ސިފައިން އެހެން ދިމާތަކުން ކުރިއަރަމުންދާކަމަށް ޔުކްރެއިންގެ އަސްކަރިއްޔާ އާ ހަވާލާދީ ހުޅަނގުގެ މީޑީއާ ރިޕޯޓްތައް ބުނެއެވެ.

ބީބީސީ ބުނާގޮތުން ޔުކްރެއިން ސިފައިން ރަޝިއާގެ ކުރްސުކް ސަރަހައްދަށް ވަދެގަތީ ނޭޓޯގެ ޒަމާނީ ހަތިޔާރު ބޭނުންކޮށްގެންނެވެ. އެމީހުން ފުރަތަމަ ވަދެގަތީ ރަޝިއާއާއި ޔުކްރެއިންގެ ސަރަހައްދީ ރޮނގުގައިވާ ރަށެއްކަމަށްވާ ސުޑްޚާއަށެވެ. އެތަން ހިފުމަށްފަހު ދެން މިސްރާބުޖެހީ ކުރްސްކް އަށެވެ. މިދެ ރަށުގެ ދެމެދުގައި ތިރީހަކަށް ކިލޯމީޓަރު ހުރެއެވެ.

ޔުކްރެއިން ސިފައިން ރަޝިއާގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ރަޝިއާގެ އެތެރޭގައި ރަޝިއާ ސިފައިންނާ ހަނގުރާމަ ކުރަމުންގެންދާތާ މިހާރު 10 ދުވަސްވެފައިވާއިރު ޔުކްރެއިން ސިފައިން އެސަރަހައްދުން ބޭރުކޮށްލުމުގައި ރަޝިއާއަށް ކާމިޔާބު ލިބިފައިނުވުމަކީ 2022 ވަނަ އަހަރު ފެށި ޔުކްރެއިން ހަނގުރާމައިގައި މިހާތަނަށް ރަޝިއާއަށް ކުރިމަތިވި އެންމެ ބޮޑު އަސްކަރީ ގޮންޖެހުމާއި ނުކުޅެދުންތެރިކަން ކަމަށް ހުޅަނގުގެ މުހައްލިލުން ވިދާޅުވެއެވެ.

ނަމަވެސް ރަޝިއާ ބުނާގޮތުން ޔުކްރެއިންގެ މި ހަމަލާތަކުގެ ފަހަތުގައި ވަނީ ސީދާ ނޭޓޯއެވެ. ރަޝިއާގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ރަޝިއާގެ އެތެރެއަށް ވަދެގަތް ސިފައިންގެ ތެރޭގައިވެސް ގިނައީ ޔުކްރެއިން ސިފައިންގެ ޔުނިފޯމް އަޅައިގެންތިބި ނޭޓޯގެ އެކި ގައުމުތަކުގެ ސިފައިންނާއި ނޭޓޯގެ ގައުމުތަކަށް ނިސްބަތްވާ ކުލީ ސިފައިންނެވެ.

މި އޮޕަރޭޝަން ކުރިޔަށްގެންދަނީވެސް ސީދާ ނޭޓޯގެ އިސް ކޮމާންޑަރު ޖެނެރަލް ކްރިސްޓޮފާ ކަވޯލީގެ ސީދާ ބެއްލެވުމުގެ ދަށުންކަމަށްވެއެވެ. ޔުކްރެއިން ލައްވައި ނޭޓޯއިން މިކަން ކުރުވަނީ ވަރަށް ގިނަ ޒަމާނީ ހަތިޔާރުތަކެއް ދީގެންކަމަށް ރަޝިއާގެ އަސްކަރީ މަސްއޫލުވެރިއަކު ވިދާޅުވިއެވެ.

އީރާނަށް ހަތިޔާރު ހިފައިގެން ދިޔަކަމަށް ބުނާ ރަޝިއާގެ އޭ.އެން 72 މަރުކާގެ އަސްކަރީ ކާގޯ މަތިންދާބޯޓެއް

ރަޝިއާގެ އެތެރޭގައި ޔުކްރެއިނުން ހިންގާ މި އޮޕަރޭޝަންގެ ބޭނުމަކީ ހަނގުރާމައިގައި ރަޝިއާއަށް މާއްދީ ގެއްލުންތަކެއް ލިބިގެންދާކަން ރަޝިއާގެ ރައްޔިތުންނައް ދައްކައިގެން ރަޝިއާގެ ރައްޔިތުން ލައްވައި ރައީސް ވްލަދިމިޔަރ ޕޫޓިންއަށް ފިއްތުންތައް ކުރިމަތި ކުރުވުމެވެ.

މި އޮޕަރޭޝަންގެ އަނެއް ބޭނުމަކީ ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ސަރަހައްދުތައް މިނިވަން ކުރުމުގައި ޔުކްރެއިން ތަކުރާރުކޮށް ނާކާމިޔާބުވެފައިވާތީ އެކަން ފޫބައްދައި ޔުކްރެއިންގެ ބާރު ގަދަކަން ދެއްކުމެވެ.

ނަމަވެސް މިއީ ނޭޓޯގެ ޓެކްޓިކަލް އޮޕަރޭޝަނެއް ކަމަށާއި މިއޮޕަރޭޝަން ނިމޭއިރު ޔުކްރެއިން ސިފައިންގެ ގޮތުގައި ރަޝިއާއަށް ވަދެގަތް ނޭޓޯ ސިފައިންގެ ދެހާހެެއްހާ ސިފައިން މަރުވެގެން ދާނެކަމަށް ރަޝިއާގެ މުހައްލިލުން ދެކެއެވެ.

މި ހަމަލާތަކުގެ ރައްދުގައި ރަޝިއާއިން ގެންދަނީ ނޭޓޯއަށް ލޮޓިއެއް ދޭނެގޮތްތަކެއް ރާވަމުންކަމަށް ވެއެވެ. އީރާނާއި އެމެރިކާއާ ދެކޮޅަށް މަސައްކަތްކުރާ ހިޒްބުﷲ ޖަމާއަތާއި ޔަމަންގެ ހޫޘީންފަދަ ޖަމާއަތްތަކަށް ރަޝިއާ ބާރުގަދަ ހަތިޔާރުތަކެއްދޭނެކަމަށް ބެލެވޭކަމަށްވެސް ރަޝިއާގެ މުހައްލިލުން ވިދާޅުވެއެވެ.

ރަޝިއާގެ ބިޔަ އަސްކަރީ ކާގޯ މަތިންދާބޯޓުތަކުގެ އެތައް ފްލައިޓްތަކެއް ފާއިތުވި ހަފުތާގައި އީރާނަށް ދިޔަތަނާ އެބޯޓުތައް އީރާނުގެ ބައެއް އެއާޕޯޓްތަކަށް ތިރިކުރާ މަންޒަރުތަކުގެ ވީޑީއޯތައްވަނީ ސޯޝަލް މީޑީއާގައާއި ޔޫޓިއުބްގައި ޝާއިޢުކޮށްފައެވެ. މިއީ ރަޝިއާގެ ބަރު ހަތިޔާރުތައް އީރާނަށް ފޯރުކޮށްދިނުމަށް ކުރި ދަތުރުތަކެއްކަމަށް ވެއެވެ. އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިންވަނީ ރަޝިއާ އީރާނަށް ފޯރުކޮށްދޭ ހަތިޔާރުގެ ޓެކްނޮލޮޖީ އާމެދު އިންތިހާއަށް ކަންބޮޑުވާކަން ހާމަކޮށްފައެވެ.

ރަޝިއާގެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ ނައިބު ރައީސް ޑިމިތްރީ މިޑްވެޑޭވް ވަނީ ރަޝިއާގެ އެތެެރެއަށް ވަދެގަތް ޔުކްރެއިން ގެ ބާރުތައް އެއްކޮށް ފަނާކޮށްލައި އެހަމަލާތަކުގެ ރައްދުގައި ޔުކްރެއިނަށް ގަދަފަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު ދެއްވާފައެވެ. ނޭޓޯއާ ގުޅިގެން މިކުރެވުނީ ބޮޑު ގޯސްކަމެއްކަމުގެ އިހްސާސް ޔުކްރެއިންގެ ރައީސަށް ވަރަށް އަވަހަށް ކުރެވޭވަރުގެ ގަދަ ފަދަ ހަމަލާތަކަކާ ޔުކްރެއިން ކުރިމަތިލާން ޖެހޭނެކަމަށް މިޑްވެޑޭވް ވިދާޅުވިއެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ރަޝިއާގެ ސަރަހައްދަށް ބޭރު ގައުމެއްގެ ސިފައިން ވަދެގަތް ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް