މާލޭގެ މުހިންމު ބައެއް ކަންމަތިތަކުގައި 'ރެޑްލައިން' ދަމަން ނިންމައިފައިވާ ކަމަށާއި، އެއަށްފަހު އެ ލައިން މަތީގައި ޕާކުކުރާ އުޅަނދުތައް ފުލުހުން ގެންދާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމް ވިދާޅުވީ، މަގުތަކުގެ ކަންމަތީގައި ޕާކު ކުރުމަކީ މަނާކަމެއް ކަމަށެވެ. ނަމަވެސް ގަވާއިދާ ޚިލާފަށް ކަންމަތީގައި ޕާކުކުރާ މަދުބަޔެއްގެ ސަބަބުން އެންމެންނަށް އުނދަގޫވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، މާލޭ މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ގެންދިޔުމަކީ ފުލުހުންނަށް ވެސް ފަސޭހަ ކަމެއް ނޫން ކަމަށާއި މުޅި މާލޭގައި 'ރޮނގު' ދަމައިގެން އުޅުމަކީ ކައުންސިލަށް ވެސް ފަސޭހަ ކަމެއް ނޫން ކަމަށެވެ.
އަޅުގަނޑު މި އެދެނީ ރައްޔިތުން މިހާރު މާލެ މަގުތައް މިއޮތް ގޮތުން ވެހިކަލްތައް އެހާ ގިނަވެފައި އޮތުމާ އެއްކޮށް، މި ޒިންމާދާރު ކަމާއެއްކޮށް އަސްލު ޕާކުވެސް ކުރާށޭ. ތިމަންނާއަށް އުނދަގޫވާކަމެއް ފާހަގަކުރެވެންޏާ އަނެކަކަށް އުނދަގޫވާ ގޮތަށް ނުކުރާށޭ.މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް
މިކަމާ ގުޅުވައި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ، ރެޑްލައިން ދެމުމަށް ފަހު ގަވާއިދާ ޚިލާފު ވާ ފަރާތްތަކަށް އަޅާނެ ފިޔަވަޅު އަންނަ ހަފުތާ ތެރޭގައި ނިންމާނެ ކަމަށެވެ. އެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރަށް އާޒިމް ވިދާޅުވީ މަގުތަކުގައި ހިނގާ މީހުންނަށް ޚާއްސަކޮށް އޮންނަ ދުވާރުމަތި ހަމައެކަނި ހިނގާ މީހުންނަށް ބޭނުން ކުރެވޭ ގޮތަށް ބޮލާޑް ޖެހުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
އެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ، މާލޭގެ ސްކޫލުތައް ކައިރީގައި، ބެލެނިވެރިންނަށް ވެހިކަލްގައި ސްކޫލާ ކައިރި ނުކުރެވޭ ގޮތަށް ނުގަވައިދުން ބައެއް ވެހިކަލްތައް ޕާކުކޮށްފައި ހުންނަ ކަމަށެވެ.
އެހެންވީމައި އެތަންތަން [ނުގަވައިދުން ޕާކުކޮށްފައި ހުންނަ ތަންތަން] ހަގީގަތުގައި ފުލުހުން އިސްކަމެއް ދީގެން ޓޯކުރިކަމުގައި ވިޔަސް އަދި އެހެން ގޮތަކުން އަޅުގަނޑުމެން ތަންފީޒު ކުރަން ބެލިކަމުގައި ވިޔަސް އެގޮތަށް ހުންނަ ތަންތަން އަޅުގަނޑުމެން މި ތަންފީޒުކުރަނީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު
އޭނާ ވިދާޅުވީ މާލެ ސަރަހައްދުގައި ޖިނާއީ ކުށްތަކުގެ މައްސަލައަށްވުރެ ޓްރެފިކް މައްސަލަތަކަށް ވަގުތު ދޭން ޖެހޭ މިންވަރު އިތުރުވާ ކަމަށާއި އެފަދަ މައްސަލަތައް ހައްލު ކުރުމުގައި ރައްޔިތުންގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.