މި ސަރުކާރުން އަޅާ މާލީ ފިޔަވަޅުތަކުގެ ސަބަބުން މެދު ރާސްތާގައި ޚަރަދު އަހަރަކު އެވަރެޖުކޮށް 1.1 އިންސައްތައިން ދަށްވާނެ ކަމަށާއި، އެ މުއްދަތުގައި އާމްދަނީއާއި ހިލޭ އެހީ އިތުރުވާ މިންވަރު އެވަރެޖުކޮށް 10.9 އިންސައްތައަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު އާންމުކުރި ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނާއި މެދުރާސްތާގެ ދަރަނީގެ ސްޓްރެޓެޖީން ދައްކާ ގޮތުގައި، އެ ސްޓްރެޓެޖީގެ މައިގަނޑު އަމާޒުތަކަކީ:
- 2026 ވަނަ އަހަރު ނިމެންވާއިރަށް ދައުލަތުގެ ސީދާ ދަރަނި (ގެރެންޓީ ނުހިމަނައި) އުފެއްދުންތެރިކަމުގެ ނިސްބަތުން 95 އިންސައްތައަށް ވުރެ ތިރިކުރުން
- ކޮންމެ އަހަރަކު ބަޖެޓުގެ ސީދާ ދަރަނި ޖީޑީޕީގެ ނިސްބަތުން ފަސް އިންސައްތައަށްވުރެ ދަށުގައި ހިފެހެއްޓުން
- ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ޖުމްލަ ދަރަނި ދަށަށް ދާނެ މިސްރާބަށް ކަންކަން ބަދަލުކުރުން
- ރިކަރަންޓް ޚަރަދު ދައުލަތުގެ އާމްދަނީ (ހިލޭ އެހީ ނުހިމަނާ) އަށްވުރެ އިތުރުނުވާނެ މިންވަރުގައި ހިފެހެއްޓުން
އެ ސްޓްރެޓެޖީގައިވާ ގޮތުން މިހާރެކޭ އެއްގޮތަށް ޚަރަދުކުރަމުންދާނަމަ ދައުލަތަށް ލިބޭ އާމްދަނީ އާއީ ޚަރަދު ނުބައްދަލުވެ، ފަރަގު އާދަޔާ ޚިލާފަށް ބޮޑުވެއެވެ. އެގޮތުން އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީ 35.9 ބިލިއަން ރުފިޔާގައި ހުންނައިރު ޚަރަދު 57.4 ބިލިއަނަށް އަރާނެއެވެ. މެދު ރާސްތާގައި އެ ފަރަގު އެންމެ ބޮޑުވާނެ ކަމަށް ބެލެވޭ 2026ގައި ޚަރަދު 55.2 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، އާމްދަނީއާއި ހިލޭ އެހީ އަރާނެ ކަމަށް ބެލެވެނީ 38.3 ބިލިއަނަށެވެ.
އާމްދަނީ އިތުރުކުރުމަށާއި ޚަރަދު ކުޑަކުރަން ފިޔަވަޅު ނާޅައި ކުރިއަށްދާނަމަ ދަރަނިން އަރައިގަނެވޭނެ ދުވަހެއް ފެންނާކަށް ނެތް ކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައި ވެސް އުޅެން ޖެހޭނީ ބޮޑު ޑެފިސިޓެއްގައި ކަމަށް އެ ސްޓްރެޓެޖީގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ޖުމްލަ ދަރަނި އަހަރުން އަހަރަށް ބޮޑުވަމުން ގޮސް، 2026ގައި ޖީޑީޕީގެ ނިސްބަތުން 138.6 ޕަސެންޓަށް އަރައި، 2027ގައި 139.4 ޕަސެންޓަށް އަރާނެ ކަމަށް ތަފާސްހިސާބުގައިވެއެވެ.
އެއާއަޅައިބަލާއިރު މިދިޔަ އަހަރު ޖީޑީޕީގެ ނިސްބަތުން ޖުމްލަ ދަރަނި 124.1 ޕަސެންޓުގައި ހުރިއިރު މިއަހަރު އެ އަދަދު ވަނީ 134.6އަށް އަރައިފައެވެ.
އެހެންވެ، މެދުރާސްތާގައި އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި އެއާޕޯޓް ޓެކުހާއި ފީގެ ރޭޓުތައް މުރާޖައާކުރުމާއި ސިއްހަތަށް ގެއްލުން ހުރި ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމާއި ޖީއެސްޓީ އިދާރީ ގާނޫނު މުރާޖައާކޮށް ޓެކްސް ބޭސް ފުޅާކުރުމާއި ގްރީން ޓެކުހުގެ ރޭޓުތައް މުރާޖައާކުރުމާއި އިގުތިސާދަށް ތަފާތު ހަރަކާތްތައް އިތުރުކުރުން ހިމެނެއެވެ.
އެ ފިޔަވަޅުތަކާއެކު ސަރުކާރުން ލަފާކޮށްފައިވަނީ މި އަހަރުން ފެށިގެން އާމްދަނީ އާއި ހިލޭ އެހީ، ކުރިން ލަފާކޮށްފައިވާ ވުރެ އަވަހަށް އިތުރުވާނެ ކަމަށެވެ. އެގޮތުން ފިޔަވަޅުތައް ނާޅައި ކުރިއަށްދާނަމަ 2026ގައި 38.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކުރެވޭއިރު، އިސްލާހީ ފިޔަވަޅުތަކާއެކު އެ އަދަދު 44.3 ބިލިއަނަށް އަރާނެ ކަމަށް މިނިސްޓްރީން ލަފާކޮށްފައިވެއެވެ. އިތުރު އަހަރުތަކަށް ބަލާއިރު:
2027
ފިޔަވަޅުތައް ނާޅާނަމަ: 40.9 ބިލިއަން ރުފިޔާ
އިސްލާހީ ފިޔަވަޅުތަކާއެކު: 47.1 ބިލިއަން ރުފިޔާ
2028
ފިޔަވަޅުތައް ނާޅާނަމަ: 43.8 ބިލިއަން ރުފިޔާ
އިސްލާހީ ފިޔަވަޅުތަކާއެކު: 50.5 ބިލިއަން ރުފިޔާ
އެ ތަފާސްހިސާބުތަކުގައިވާ ގޮތުން، އާމްދަނީގެ ސިޔާސަތުތަކަށް ގެންނަ ބަދަލާއެކު 2028 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ އާމްދަނީ، ހިލޭ އެހީ ނުހިމަނައި ޖީޑީޕީގެ ނިސްބަތުން 33.3 އިންސައްތައަށް މަތިކުރެވޭނެއެވެ.
އެ ސިޔާސަތުތަކުގެ އިތުރުން، މި އަހަރާއި އަންނަ އަހަރު 50 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ހޯދުމަށް ރާވައިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ސްޓްރެޓެޖީގައި ޚަރަދު ކުޑަކުރުމަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި ބޭނުން ޖެހިފައިވާ ފަރާތްތަކަށް ފުރިހަމަ އެހީތެރިކަން ދެވޭނެހެން ސަބްސިޑީ ނިޒާމާއި އާސަންދަ ނިޒާމު އިސްލާހުކުރުމާއި ޕީއެސްއައިޕީ އަލުން ރާވައި ތަރުތީބުކުރުމާއި ދައުލަތުގެ ކުންފުނިތައް އިސްލާހުކުރުން ހިމެނެއެވެ.
އެ ފިޔަވަޅުތަކާއެކު ޚަރަދަށް އަންނާނެ ބަދަލުތައް ކަމަށް ލަފާކޮށްފައިވަނީ:
2025
އިސްލާހު ނުގެންނަ ނަމަ: 57.4 ބިލިއަން ރުފިޔާ
އިސްލާހީ ފިޔަވަޅުތަކާއެކު: 46.5 ބިލިއަން ރުފިޔާ
2026
އިސްލާހު ނުގެންނަ ނަމަ: 55.2 ބިލިއަން ރުފިޔާ
އިސްލާހީ ފިޔަވަޅުތަކާއެކު: 45.5 ބިލިއަން ރުފިޔާ
2027
އިސްލާހު ނުގެންނަ ނަމަ: 56.8 ބިލިއަން ރުފިޔާ
އިސްލާހީ ފިޔަވަޅުތަކާއެކު: 46.6 ބިލިއަން ރުފިޔާ
2028
އިސްލާހު ނުގެންނަ ނަމަ: 59.8 ބިލިއަން ރުފިޔާ
އިސްލާހީ ފިޔަވަޅުތަކާއެކު: 49.2 ބިލިއަން ރުފިޔާ
ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފައި ވަނީ އެ ފިޔަވަޅުތަކާއެކު ހުށަހަޅާ އިސްލާހުތަކާއެކު ދެމެހެއްޓެނިވި މިންގަނޑަކަށް ދަރަނި ކުޑަކުރެވޭނެއެވެ. އެގޮތުން މި ފިޔަވަޅުތަކާއެކު، 2026ގައި ޖީޑީޕީގެ ނިސްބަތުން ދަރަނި ހުންނާނީ 103 އިންސައްތައިގައި ކަމަށާއި 2027ގައި ހުންނާނީ 93.8ގައި ކަމަށް މިނިސްޓްރީން ލަފާކޮށްފައިވެއެވެ.
ރާއްޖޭގެ ދަރަނި ބޮޑުވެ، 2026ގައި އެއް ބިލިއަން ޑޮލަރުގެ ދަރަނި ދައްކަންޖެހޭއިރު ދަރަނި ނުދެއްކިދާނެ ކަމުގެ ކަންބޮޑުވުން ބޭރުގެ މާލީ އިދާރާތަކުން ވަނީ ފާޅުކޮށްފައެވެ. މި ސަރުކާރުން ވަނީ ދަރަނި ދެއްކޭނެކަމުގެ ޔަގީންކަންދީ، ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އަޅަން ފަށައިފައެވެ.