މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ބަލިތައް ފެތުރިދާނެ ކަމަށް ލަފާކޮށް، އެކަމަށް ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެއެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނުގައި ވަނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން، ދިމާވެދާނެ ކަމަކަށް ދުރާލައި ތައްޔާރުވުމަށް އެދިފައެވެ.
މިގޮތުން އެޗްޕީއޭ އިން ބުނީ ވިއްސާރަވެ، ފެންބޮޑުވުމާއި، ސެޕްޓިކް ޓޭންްކް އޮވާ ފްލޯވެ، ނަޖިސް ބޭރުވުމުގެ އިތުރުން ވިއްސާރައިގެ ސަބަބުން ފެން ހަރުލާފައި ހުރުމުން ބައެއް ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އެޗްޕީއޭއިން ބުނީ ކުރިއަށް ހުރި ދުވަސްތަކުގައި ބޭރަށް ހިންގުމާއި ހޮޑުލުމާއި، ބުޅަލާއި މީދަލުގެ ނަޖިހުން ފެތުރޭ އެކި ބަލިތަކުގެ އިތުރުން ފަންގަސް ޖެހުމުގެ ސަބަބުން ނޭވާލާ ނިޒާމަށްޖެހޭ ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑުކަމަށެވެ.
އަދި މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގީ، ޗިކުންގުންޏާއާއި، ޒިކާ ވައިރަސް ފަދަ ބަލިތައް ފެތުރުން އެކަށީގެންވާ ކަމަށެވެ.
އެއާއެކު އެ ފަދަ އެއްވެސް ބައްޔެއްގެ އަލާމާތެއް ފެނި ހާލަތު ގޯސްވާނަމަ ލަސްނުކޮށް ސިއްޙީ ލަފާ ހޯދުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަންދޭންވީ ކަންތައްތައް:
- ވިއްސާރައާ ގުޅިގެން ހެދިފައި ހުންނަ ފެންގަނޑުތަކަށް ނޭރުން، ޚާއްސަކޮށް ކުޑަކުދިން ފެންގަނޑަށް އަރުވައި، ކުޅެ ނުހެދުން
- އެއްވެސް ހާލަތެއްގައި ފެންގަނޑަށް އެރެން ޖެހިއްޖެ ނަމަ ވޯޓާ ޕްރޫފް ތަކެތި ބޭނުންކުރުން (ރަބަރު ބޫޓާއި ރަބަރު އަންގި އަދި ނުތެމޭނެ ފަދަ ކޯޓު)
- ހަމުގައި ފާރުގަނޑެއް ހުރިނަމަ ފެނަށް ނޭރުން، ކޮންމެހެން އެރެން ޖެހިއްޖެނަމަ ފެން ނުވަންނަފަދަ މަލަމަކުން ރަނގަޅަށް ފާރުގަނޑު ބަންދުކުރުން
- ފެން ހިންދުމާއި ސާފުކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ދީފައިވާ އިރުޝާދާ އެއްގޮތަށް އަަމަލުކުރުން
- ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން
- ފެނުން ތަޣައްޔަރުވެފައިވާ ކާބޯތަކެތި ބޭނުންނުކުރުން
- ބުއިމަށާއި ކެއްކުމަށް އަދި ތަށި ދޮވުމަށް، ކެއްކި ވާރޭ ފެން، ސަޕްލައި ފެން ނުވަތަ ފުޅީގައި ބަންދުކުރި ފެން ބޭނުންކުރުން.
- އާންމު ތަންތާގައި ފެން ހަރުލާފައި ތަކެތިން ފެން ހުސްކޮށް، ފެން ހަރުނުލާނޭހެން ބަންދުކުރުން
- ދިޔަދޮވިތައް ސާފުކުރުން
އެޗްޕީއޭއިން ބުނީ މިހާތަނަށް އައިއިރު، ވިއްސާރައިގެ އަސަރު ބައެއް ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކަށް ކޮށްފައިވީ ނަމަވެސް، ޚިދުމަތް ދިނުން ހުއްޓުމެއްނެތި ކުރިއަށްގެންދާ ކަމަށެވެ.
އަދި މި ކަންކަން މިނިސްޓްރީ އޮފް ހެލްތުން ދަނީ ވަރަށް ގާތުން ބަލައި މޮނިޓާކުރަމުން ކަމަށް އެ އެޖެންސީއިން ބުންޏެވެ.
ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން އާއްމު ސިއްހަތަށް ކޮށްފާނެ އަސަރުތައް ދެނެގަތުމަށް ޓަކައި ޕަބްލިކް ހެލްތު ޔުނިޓްތައް މެދުވެރިކޮށް މޮނިޓާ ކުރުމާއި، މިކަންކަމުން ރައްކާތެރިވުމަށް އަމަލު ކުރަންވީގޮތުގެ އިރުޝާދު އެޗްޕީއޭ އިން ދަނީ އާއްމު ކުރަމުންނެވެ.
މި ދުވަސްވަރަކީ އާންމު ގޮތެއްގައި ވެސް ގައިންގަޔަށް އަރާ ބަލިތައް ފެތުރުން ގިނަ ދުވަސްވަރެކެވެ.