މިމަހުގެ 15އިން ފެށިގެން ފުރާއިރު އިމުގާ ފޯމް ފުރާކަށް ނުޖެހޭނެ

އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމާން ވަހީދު--- ފޮޓޯ/ އިމިގްރޭޝަން

މި ހިނގާ އޮގަސްޓުމަހުގެ 15 އިން ފެށިގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ ހުރިހާ ފަރާތްތަކަށް "ޓްރެވެލާ ޑެކްލަރޭޝަން" ފޯމު ނުވަތަ އިމުގާ ފޯމު ފުރިހަމަ ކުރަން ނުޖެހޭ ގޮތަށް ނިންމައިފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

މިކަމާ ގުޅިގެން އިމިގްރޭޝަނުން ނެރުނު ބަޔާނުގައި ވަނީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، ރާއްޖެ އަންނަ އަދި ރާއްޖެއިން ފުރާ ހުރިހާ ފަރާތްތަކަށް، ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ ސިޔާސަތުގެ ދަށުން ނިންމި ނިންމުމެއް ކަމަށެވެ.

އެގޮތުން މި މަހުގެ 15 އިން ފެށިގެން ރާއްޖެއިން ބޭރަށް ދަތުރު ކުރާ ބިދޭސީންނަށް "ޓްރެވެލާ ޑެކްލަރޭޝަން" ފޯމު ނުވަތަ އިމުގާ ފޯމު ފުރިހަމަ ކުރަން ނުޖެހޭ ގޮތަށް، ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދު ނިންމަވާފައި ވާކަމަށެވެ.

މި ފޯމަކީ 2021 ވަނަ އަހަރު މާޗު މަހުގެ 14 ވަނަ ދުވަހުން ފެށިގެން އޮންލައިންކޮށް އެމްބަކޭޝަން/ޑިސްއެމްބަކޭޝަން ކާޑެއްގެ ގޮތުގައި ފުރިހަމަކުރަމުން އަންނަ ފޯމެކެވެ. އަދި މި ފޯމު ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ ހުރިހާ ފަރާތްތަކުން މީގެ ކުރިން ފުރިހަމަކުރަން ޖެހެއެވެ.

މިމަހުގެ 15 އިން ފެށިގެން އިމުގާ ފޯމް ފުރަން ނުޖެހޭ ގޮތައް ހަދައިފި--- ފޮޓޯ/ އިމިގްރޭޝަން

ނަމަވެސް، ކޮންޓްރޯލާ ޖެނެރަލް ޝަމްއާން ވަނީ މިދިޔަ އަހަރުގެ 20 ވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރާ އަދި ރާއްޖެއަށް އަނބުރާ އަންނަ ދިވެހިންނަށް މި ފޯމު ފުރިހަމަކުރަން ނުޖެހޭގޮތަށް ނިންމަވާފައެވެ.

އަދި މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސާކިއުލާގެ ދަށުން ރާއްޖެއިން ބޭރަށް ދަތުރު ކުރާ ހުރިހާ ބިދޭސީންނަށް ވެސް މި ފޯމު ފުރިހަމަކުރަން ނުޖެހޭގޮތަށް މިހާރު ނިންމަވާއިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އެހެންކަމުން މިހާރު ރާއްޖެއިން ބޭރަށް ދަތުރު ކުރާ އެއްވެސް ފަރާތަކުން މި ފޯމު ފުރިހަމަކުރަން ނުޖެހޭނެ ކަމަށާއި ނަމަވެސް، ރާއްޖެއަށް އަންނަ ބިދޭސީން ކުރިއެކޭ ވެސް އެއްގޮތަށް ރާއްޖެ އައުމުގެ 96 ގަޑިއިރު ކުރިން ފޯމު ފުރިހަމަކޮށް ހުށަހަޅަން ޖެހޭކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަންގެ އަމާޒަކީ ޚިދުމަތްތައް ހަރުދަނާކޮށް ދަތުރުފަތުރު ކުރާ އެންމެހާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުން ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް