20 ރަށެއްގެ މިސްކިތުގައި ޤާރީ ކުލާސް ހިންގަން ހުށާހަޅައިފި

މިސްކިތުގައި ޖަމާތުގައި ނަމާދުކުރަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިސްކިތަތަކުގައި ޤާރީ ކުލާސް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގައި 20 ރަށެއްގެ މިސްކިތުން ކުލާސް ހިންގަން އެދި ހުށައަޅާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށް ވަޒީރުގެ ރަސްމީ އެކައުންޓުން އެކްސަގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މިސްކިތްތަކުގައި ހިލޭ ސާބަހަށް ޤުރުއާން ކިޔަވައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، ހުޅުވާލި ފުރުޞަތުތަކުގައި މިއަދާ ހަމައަށް 20 ރަށެއްގެ މިސްކިތުގައި ޤާރީ ކްލާސް ހިންގަން އެދި ހުށާހަޅާފައި ވާކަމަށެވެ.

https://x.com/Mohamedshaheem1/status/1822924423218753993

ދެ ނަމާދު ދޭތެރޭ ވަގުތުގައި މިސްކިތްތަކުގައި ގުރުއާން ކުލާސްތަކާއި ޤާރީ ކުލާސްތައް ބޭއްވުމަށް ހަފަތާއެއްގެ ތެރޭގައި ހުއްދަ ދޭނެކަމަށް ވަޒީރު ވަނީ މިދިޔަ ޖުލައި މަހުގެ 17ވަނަ ދުވަހު ވިދާޅުވެފައެވެ.

އޭރު ވަޒީރު އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައި ވަނީ ކުލާސްތައް ހިންގުމަށް މި ހަފުތާގެ ތެރޭގައި ހުއްދަ ދެވޭނެ ކަމަށާއި މި ކިލާސްތަކުގައި އިމާމުންނާއި ޤުރުއާން މުދައްރިސުންނަށް ހިލޭ ސާބަހަށް ޤުރުއާން ކިޔަވައިދީ ދަސްކޮށްދީ ހެދޭނެ ކަމަށެވެ. އަދި ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށައެޅުމަށް އެ ހަފްތާގައި ހުޅުވާލާނެ ކަމަށް ވެސް ވަޒީރު އޭރުވަނީ ވިދާޅުވެފައެވެ.

ގުރުއާނުގެ އިލްމު ކުރިއެރުވުމަށް މި ސަރުކާރުން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.

އެގޮތުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ އާ މަރުކަޒެއްގެ އިމާރާތް ބިނާކުރުމުގެ މަސައްކަތް ފަށަން ހަމަޖެހިފައިވާ ކަމަށް، ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވުނު ޖަލްސާގައި ވަޒީރު ވަނީ ވިދާޅުވެފައެވެ.

މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭ ކުލާސްތައް ހިންގުމަކީ ނިމިދިޔަ ސަރުކާރުން ވެސް ކުރަން ރާވައިފައި އޮތް ކަމެކެވެ. ނަމަވެސް އެ ކަން ދައުރު ނިމުނުއިރު ވެސް ރަސްމީކޮށް ހިންގިފައެއް ނުވެއެވެ.

comment ކޮމެންޓް