ޖިހާދަށް ކުރި ދައުވާ ބޭރުކޮށްލި މައްސަލަ އިސްތިއުނާފުކޮށްފި

ކުރީގެ ނައިބު ރައީސް ޖިހާދު: އޭނާއާ ދެކޮޅަށް ކުރި ދައުވާ ބޭރުކޮށްލި މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ނައިބު ރައީސް އަދި މިހާރު މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަން އަބްދުﷲ ޖިހާދާ ދެކޮޅަށް ދައުލަތުން އުފުލި ހިޔާނާތުގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ދައުލަތުން ހައިކޯޓުގައި އިއްޔެ އެ މައްސަލަ އިސްތިއުނާފުކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ޖިހާދުގެ މައްޗަށް ދައުވާކުރަނީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރަން ޖެނުއަރީ، 2013، ގައި ފައިނޭންސް މިނިސްޓަރަކަށް ހުންނަވައި ޖިހާދު ސޮއިކުރެއްވި މައްސަލައިގައެވެ.

އެއީ ބެލޭނެ މައްސަލައެއް ނޫން ކަމަށް ނިންމައި ދަށު ކޯޓުން މައްސަލަ ބޭރުކޮށްލީ މިދިޔަ މަހުގެ 25 ގައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުގެ މީޑިއާ އޮފިޝަލް މިއަދު 'ސަން'އަށް ވިދާޅުވީ، ޖިހާދާ ދެކޮޅަށް އުފުލި ދައުވާ ދަށު ކޯޓުން ބޭރުކޮށްލި މައްސަލަ އިއްޔެ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ އިސްތިއުނާފު ބިނާކޮށްފައިވާ މައިގަނޑު އަސާސަކީ ކްރިމިނަލް ކޯޓުން މި ނިންމުން ނިންމުގައި ޤާނޫނީ އަސާސެއް ބަޔާންކޮށްފައި ނެތުމާއި, ނިންމުމަށް ވާޞިލުވި ސަބަބު އެކަށީގެންވާ މިންވަރަކަށް ބަޔާންކޮށްފައި ނެތުން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެހެންވެ، ދައުލަތުން ހައިކޯޓުގައި އެދިފައިވަނީ މި މައްސަލައަކީ މަޢުޟޫޢީ ގޮތުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓަށް ތަޙުވީލުކޮށްދިނުމަށެވެ.

ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރަން ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަ އެގްރިމެންޓެއް ހެދުމަށް 2011 ވަނަ އަހަރު ނޮވެމްބަރު 29 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމިއެވެ. އެ ނިންމުމުގައި ވާގޮތުން އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ޚަރަދު ކުރާކަން ނުޖެހޭނެއެވެ.

ނަމަވެސް، ޖިހާދު އަމަލުކޮށްފައިވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމުމާ ކަނޑައެޅިގެން ހިލާފަށް ކަމަށް ދައުލަތުން މީގެ ކުރިން ވަނީ ބުނެފައެވެ.

ވަޒީރުންގެ މަޖިލީހުގެ ނިންމެވުމުގައި އޮތް 50 ޕަސެންޓުގެ ބަދަލުގައި 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާ އެކު އެއްބަސްވުމުގައި ސޮއިކުރީ ޖިހާދު ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުރެގެން ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ޖިހާދުގެ އެ އަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެން އޮތް ފައިދާއިން ހަމަ އެކަނި ބިމު ކުލީގެ ގޮތުގައި ވެސް 604.7 މިލިއަން އެމެރިކާ ޑޮލަރު އުނިވެފައިވާ ކަމަށް ދައުވާގައިވެއެވެ.

ވަޒީރުންގެ މަޖިލީހުން އެ މައްސަލަ ނިންމިއިރު ބިމުކުލީގެ ގޮތުގައި 50 އަހަރުގެ ތެރޭގައި 411.7 މިލިއަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި, ޕްރައިމް ލޮކޭޝަން ޗާޖުގެ ގޮތުގައި 50 އަހަރު ތެރޭގައި 192.9 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް, ޖިހާދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެއިން އެއްވެސް ފައިސާއެއް ނުލިބޭ ގޮތަށް ކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ވަނީ ބުނެފައެވެ.

ޖިހާދުގެ މައްޗަށް ދައުވާކޮށްފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުންނެވެ. ގާނޫނުގައި ވާގޮތުން އެ ކުއްކުރާ މީހެއްގެ އަދަބަކީ ފަސް އަހަރަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދު ކުރުމެވެ.

މައްސަލައަކީ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަނުން ބެލި މައްސަލައެކެވެ. އެ ގޮތުން، 2016 ވަނަ އަހަރު އެ ކޮމިޝަނުން ނިންމީ މައްސަލައިގައި ކޮރަޕްޝަނެއް ނެތް ކަމަށެވެ. ފަހުން އެ މައްސަލަ ބަލައި ދިނުމަށް ޕީޖީ އޮފީހުން އެދުނީ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައެވެ.

ޕީޕީއެމްގެ މިދިޔަ ވެރިކަމުގެ ފުރަތަމަ ބައިގައި ޖިހާދު ހުންނެވީ ފިނޭންސް މިނިސްޓަރުކަމުގައެވެ. އެކަމަކު، ފަހުން ހުންނެވީ ނައިބު ރައީސްކަމުގައެވެ.

ނައިބު ރައީސްކަމުގައި ހުންނެވިއިރު ދިރިއުޅުއްވި ރެހެންދި -3 ފުލެޓު ހުސްނުކުރި މައްސަލައިގައި ވެސް ދައުލަތުން ޖިހާދާ ދެކޮޅަށް ދައުވާކުރިއެވެ. އެކަމަކު، މި ސަރުކާރުން ވެރިކަމަށް އައި ފަހުން މި އަހަރުގެ ޖެނުއަރީ މަހު އެ ދައުވާތައް ވެސް ވަނީ އަނބުރާ ގެންގޮސްފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުމަށް ފަހު ޖިހާދު ވަނީ ވަރަށް ބޮޑަށް ސިޔާސީ ކަންކަމާ ދުރަށް ޖެހިވަޑައިގެންފައެވެ. އެއަށް ފަހު އޭނާ ރިޔާސީ އިންތިޚާބާ ޖެހެންދެން ވެސް ހުންނެވީ ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ޚާއްސަ އެޑްވައިޒަރެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީގައެވެ.

އެނބުރި ޕީޕީއެމް/ޕީއެންސީއަށް ސޮއިކުރެއްވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ނިމުނު ފަހުން ސެޕްޓެމްބަރު 23، 2023 ގައެވެ.

comment ކޮމެންޓް