ރާއްޖޭގައި ގިނަ ދުވަސްވީ ހިރިގަލުގެ މަހާނަގާ އެންމެ ގިނައިން ހުރި ގަބުރުސްތާނަކީ ހއ. ތަކަންދޫ ގަބުރުސްތާންކަމަށް ތާރީޚު ދިރާސާކުރައްވާ ބޭފުޅެއްކަމަށްވާ އަހްމަދު ސާލިމް ވިދާޅުވެއްޖެއެވެ.
އެ ކަމުގެ މައުލޫމާތު "ސަން"އާ ހިއްސާކުރައްވަމުން ތަރިކައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާ ސާލިމް ވިދާޅުވީ މި ގަބުރުސްތާނުގެ މައުލޫމާތު އެއްކުރުމަކީ އޭނާ އަމިއްލަ ގޮތުން ކުރެއްވި މަސައްކަތެއްކަމަށެވެ.
އެއްކުރެއްވުނު މައުލޫމާތުން އެނގޭ ގޮތުގައި ތަކަންދޫ ގަބުުރުސްތާނުގައި އާސާރީީ ހިރިގަލުގެ 1722 މަހާނަގާ ފެންނަން ހުރިކަމަށް ސާލިމް ވިދާޅުވިއެވެ.
މިއީ 1535 މަހާނަގާ ހުރި ކޯގަންނު ގަބުރުސްތާނަށް ވުރެ 187 މަހާނަ އިތުރު އަދަދެކެވެ. ކުރިން ހުރި، މިހާރު ފެންނާން ނެތް މަހާނަގާތަކާއެކު 2000 އަށް ވުރެ ގިނަ މަހާނަ ތަކަންދޫ ގަބުރުސްތާނުގައި ވާކަމަށް ލަފާކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.
"ވީމާ، ތިލަދުންމަތީ ތަކަންދޫ ގަބުރުސްތާނަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އާސާރީ ގަބުރުސްތާން. އަދި މި ގަބުރުސްތާނަކީ ދުނިޔޭގައި އޮތް ހިރިގަލު މަހާނައިގެ އެންމެ ބޮޑު ގަބުރުސްތާނު ކަމަށް ފެނޭ،" އޭނާ ވިދާޅުވިއެވެ.

ހއ. ތަކަންދޫ ހިރިގަލުގެ ގަބުރުސްތާން -- ފޮޓޯ/ ސާލިމް
ތަކަންދޫ ގަބުރުސްތާނަކީ ގާތްގަނޑަކަށް 400 އަހަރު ވެފައިވާ ތަނެކެވެ. މިތަނުގައި މިހާރު ފެންނާން ހުރި އެންމެ ދުވަސްވީ މަހާނައަށް 327 އަހަރުވެފައިވާކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.
"މިތަނުގައި ހުރި ހިރިގަލުގެ އާސާރީ ހުކުރު މިސްކިތާއި ޢީދު މިސްކިތުގެ ތެރެއިން ޢީދު މިސްކިތަކީ މި މަހާނައަށް ވުރެ މުސްކުޅި ތަނެއް. މި ގަބުރުސްތާނުގައި ދައުލަތުގެ ޢިއްޒަތްތެރީންނާއި، ޢިލްމުވެރީންނާއި، ކުޑަބަނޑޭރީންނާއި، ތަކުރުފާނުންނާއި، ކަލޭފާނުންނާއި، ޚިދުމަތްތެރި ޚަޠީބުންނާއި ކަތީބުންނާއި، އިޖުތިމާޢީ ބޮޑެތި ޚިދުމަތްތެރީންނާއި، ޚިދުމަތްތެރި އާންމު ރައްޔިތުންގެ މަހާނަވޭ،" އޭނާ ވިދާޅުވިއެވެ.

ހއ. ތަކަންދޫ ހިރިގަލުގެ ގަބުރުސްތާން -- ފޮޓޯ/ ސާލިމް
މީގެ އިތުރުން އެ ގަބުރުސްތާނުގައި ވެވާއި، ބޮޑުވަޅާއި، އަށްކަންވަޅާއި، ހަތަރެސްކަން ވަޅާއި، ދިވެހި ފަންނުވެރިކަމުގެ ކުޅަދާނަކަން ދައްކައިދޭ ގާގަލާއި މިސްކިތްތަކުގެ އަސަރު ހުރިކަމަށް ސާލިމް މައުލޫމާތު ދެއްވިއެވެ.
ތަކަންދޫގައި މި ގަބުރުސްތާނަށް ވުރެ ވެސް ދޮށީ ދެތިން ގަބުރުސްތާނެއް އޮންނަ ކަމަށް ރަށު އިސްރަށްވެހިން ބުނެއުޅެއެވެ.
ނަމަވެސް އައްޑޫ މީދޫ ކޯގަންނު ގަބުރުސްތާނަކީ ބިމުގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު އާސާރީ ގަބުރުސްތާނެވެ. އަދި ރާއްޖޭގައި މިހާރު ފެންނާން އޮތް އެންމެ ޤަދީމީ އެއް ގަބުރުސްތާނެވެ.
ކޯގަންނު ގަބުރުސްތާނުގައި 1535 މަހާނަގާ ހުރި ކަމަށް ރިކޯޑުކުރެވިފައިވެއެވެ. ކޯގަންނު ގަބުރުސްތާނު ވަނީ "ވޯލްޑް މޮނިއުމަންޓް ފަންޑް" ގެ "ވޮޗް ލިސްޓް" ގައި 2022 ވަނަ އަހަރު ހިމެނިފައެވެ.