ބަންގްލަދޭޝްގެ ރައްޔިތުން އުތުރި އެރުމުން މަގާމުން އިސްތިއުފާ ދެއްވި އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އިސްތިއުފާ ދެއްވާފައި ނުވާ ކަމަށާއި ހަސީނާ އެނބުރި ގައުމަށް ވަޑައިގަންނަވާނެކަމަށް އޭނާގެ ދޮށީ ފިރިހެން ދަރިކަލުން ސަދީބް ވާޒިބް ޖޯއި ވިދާޅުވެއްޖެއެވެ.
ސަދީބް އާ ހަވާލާދީ އެމެރިކާ، އޮސްޓްރޭލިއާ އަދި އިންޑިއާގެ ބައެއް ނޫސްތައް ބުނާގޮތުން އޭނާގެ މަންމާފުޅު ޝައިޚް ހަސީނާއަކީ އަދިވެސް ބަންގްލަދޭޝްގެ ޝަރުއީ ބޮޑުވަޒީރެވެ. މަންމާފުޅު ގައުމުން ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންނެވީ މަގާމުން އިސްތިއުފާ ނުދެއްވައި ކަމަށާއި އިސްތިއުފާ ނުދެއްވުނީ ބޮޑުވަޒީރުގެ ރަސްމީ ގަނޑުވަރަށް ރައްޔިތުން އަރައިގަތުމާއެކު އެކަމަށް ވަގުތު ލިބިވަޑައިނުގަތުމުންކަމަށް ސަދީބް ވިދާޅުވެފައިވެއެވެ.
މަންމާފުޅު ލަސްތަކެއްނުވެ އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށާއި ހަސީނާއާއި އޭނާގެ އާއިލާގެ ގެދޮރާއި މުދަލާ އަދި ވިޔަފާރިވެސް އޮތީ ބަންގްލަދޭޝްގައި ކަމަށާއި ނަމަވެސް އާއިލާގެ ވިޔަފާރިއާއި މުދަލަށް ހަރުކަށި ފަރާތްތަކުން ބޮޑެތި ގެއްލުންތަކެއް ދީފައިވާކަމަށް ވިދާޅުވެ ސަދީބް ވަނީ އެކަން ބަލައި ތަހުގީގު ކުރުމަށް ގޮވާލައްވާފައެވެ.
300 އަށް ވުރެ ގިނަމީހުންގެ މަރުގެ ޒިންމާ، ހަސީނާ ނަންގަވަން ޖެހޭ
ހަސީނާ އެނބުރި ގައުމަށް ވަޑައިގަންނަވާނެކަމަށް ސަދީބް ވިދާޅުވެފައިވާއިރު އިންޑިއާގައި ޝާއިއުކޮށްފައިވާ މީޑީއާ ރިޕޯޓްތައް ބުނާގޮތުން ހަސީނާ އޭނާގެ ގައުމަށް އެނބުރި ވަޑައިގަންނަވަން ގަސްދު ކުރައްވަނީ އާންމު އިންތިޚާބު ބޭއްވުމުގެ ތަންކޮޅެއް ކުރިންނެވެ.
ހަސީނާގެ ވެރިކަމާ ދެކޮޅަށް ނުކުތް ފަރާތްތަކުން ވަނީ ހަސީނާގެ އަމުރަށް މަރާލި 300 އެއްހާ މީހުންގެ މަރުގެ ޒިންމާ ހަސީނާ ނަންގަވަން ޖެހޭނެ ކަމަށާއި މި މައްސަލަ ބަލައި ތަހުގީގު ކުުރުމަށް ގޮވާލާފައެވެ.
މިކަމަށް އިޖާބަ ދޭނެކަން ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން ހަސީނާ ގައުމަށް އެނބުރި ވަޑައިގަންނަވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބު ދާރީ ވުމަށެވެ. އެއީ ޖަވާބުދާރީ ނުވެ ހަސީނާއާއި އޭނާގެ އާއިލާގެ ވިޔަފާރިއާއި މުދަލާ އަދި ގެދޮރު ހިމާޔަތް ނުކުރެވޭނެތީއެވެ.
ބަންގްލަދޭޝްގެ އިގްތިސާދީ މާހިރެއްކަމަށްވާ ޑރ. މުހައްމަދު ޔޫނުސްގެ ވެރިކަމުގައި އެގައުމުގައި ވަގުތީ ސަރުކާރެއް އެކުލަވާލާފައިވީނަމަވެސް އަދިވެސް ގައުމު ހަމައަކަށް ނޭޅެއެވެ. ވަގުތީ ސަރުކާރު ދެމިއޮންނާނެ މުއްދަތެއް އަދި ނޭނގެއެވެ. އާންމު އިންތިޚާބު ބާއްވާނެ ތާރީޚެއްވެސް އަދި އިއުލާނު ނުކުރެއެވެ.
ހަސީނާގެ ޕާޓީ ބަލިކަށިވެ އެކެހެރިވެފައި
ވަގުތީ ސަރުކާރު އެކުލަވާލުމުގައި ހަސީނާގެ ޕާޓީކަމަށްވާ "އަވާމީ ލީގު" ގެ އެއްވެސް ދައުރެއް ނެތެވެ. އެ ޕާޓީ ވަނީ މި ދުވަސްވަރު ވަރަށް ބޮޑަށް އެކަހެރިވެފައެވެ. ވަގުތީ ސަރުކާރަކީ ސިފައިންގެ ބެލުމުގެ ދަށުން އެކުލަވާލުމަށްފަހު ސިފައިންގެ ހިމާޔަތުގެ ދަށުން ހިންގަމުން ގެންދާ ސަރުކާރެކެވެ.
ހަސީނާގެ ދަރިކަލުން ސަދީބް ވަނީ ސިޔާސީ ދާއިރާއަށް ނުކުތުމުގެ އެއްވެސް ޝައުގުވެރިކަމެއް ކުރިން ނެތް ކަމަށާއި ނަމަވެސް މިހާރު ބަންގްލަދޭޝްގެ މަސްރަހު ފެންނަން އޮތް ގޮތުން ސިޔާސީ ދާއިރާއަށް ވަންނަވަން ގަސްދު ކުރައްވާކަން ހާމަކުރައްވާފައެވެ.
ބަންގްލަދޭޝްގައި މިހާރު ޕާލަމެންޓްވެސް އުވާލާފައި އޮތުމުންނާއި އުއްތަމަ ފަނޑިޔާރުވެސް އިސްތިއުފާ ދެއްވާފައިވާތީ މަދަނީ ވަގުތީ ސަރުކާރެއް އޮތްނަމަވެސް ގައުމުގެ ހަގީގީ ބާރު އޮތީ އަސްކަރިއްޔާގެ އަތްދަށުގައެވެ. ގައުމު އޮތީ އިމަޖެންސީ ހާލަތުގައެވެ.
އުއްތަމަ ފަނޑިޔާރު އުބައިދުލް ހަސަން އިސްތިއުފާ ދެއްވީ އޭނާއަކީ ހަސީނާއަށް ވަފާތެރި ބޭފުޅެއްކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ.
ހަސީނާ މަގާމުން އިސްތިއުފާ ނުދެއްވާކަމަށް އޭނާގެ ދަރިކަލުން ސަދީބް ވިދާޅުވިނަމަވެސް ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝިހާބުއްދީން ވަނީ ހަސީނާގެ އިސްތިއުފާގެ ސިޓީ އޭނާއަށް ލިބިވަޑައިގެންނެވިކަމާއި އިސްތިއުފާ ގަބޫލުކުރެއްވިކަން އިއުލާނު ކުރައްވާފައެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ޝައިޚް ޙަސީނާ ފިއްލަވައިގެން ގޮސްފައިވަނީ އަވައްޓެރި އިންޑިއާ އަށެވެ. ހަސީނާގެ މައްޗަށް ކުރެވޭ ތުހުމަތު ތަކުގެ ތެރޭގައި ކޮރަޕްޝަނާއި މީހުން މެރުމުގެ ޖަރީމާތައް ހިންގެވުމުގެ އިތުރުން ގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަތްބޭނުމުގެ ފުރުސަތު އިންޑިއާއަށް ދީ ގައުމުގެ މިނިވަންކަމާއި އިސްތިގްލާލަށް ލޮޅުން އަރުވާލުމުގެ ޖަރީމާވެސް ހިމެނެއެވެ. ގައުމުގެ އިސްތިގްލާލާއި މިނިވަންކަމަށް ލޮޅުން އަރާފަދަ އަމަލެއް ހިންގުމަކީ ބަންގްލަދޭޝްގެ ގާނޫނުގައި ޚިޔާނާތުގެ އަމަލެކެވެ.
ހަސީނާގެ ވެރިކަން ނިމުމަކަށް ގެނައީ ބަންގްލަދޭޝްގެ އިންޓަނެޓްގެ ހޭލުންތެރި ޖީލުން
ހަސީނާގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން ނެރުމުގެ ކަންކަން އިންތިޒާމުކުރީ ބަންގްލަދޭޝްގެ ކިޔަވަކުދިންނެވެ. ކިޔަވާކުދިންގެ ޖަމިއްޔާއިންނެވެ. މިކަމުގައި އިސްކޮށް އުޅުނީ ބަންގްލަދޭޝްގެ އިންޓަނެޓްގެ ޖީލެވެ. ހަސީނާ ވެރިކަމުން ދުރުކުރީ ބަންގްލަދޭޝްގެ އިންޓަނެޓްގެ ޖީލުންކަމަށް މުހައްލިލުން ސިފަކުރައްވައެވެ.
ބަންގްލަދޭޝްގެ އިންޓަނެޓްގެ މިޖީލަކީ ދުނިޔެއަށް ވަރަށް ބޮޑަށް ލޯ ހުޅުވިފައިވާ އަދި މީގެ ކުރިން ބަންގްލަދޭޝްއިން ފެނިފައިނުވާވަރުގެ ހޭލުންތެރި ޒުވާން ތައުލީމީ ޖީލެއްކަމަށް ބައިނަލްއަގްވާމީ މަސްރަހު ދިރާސާ ކުރައްވާ ބޭރުގެ މުހައްލިލުންގެ ގިނަ ބަޔަކު ސިފަކޮށްފައިވެއެވެ.
ހަސީނާއަށް ހިމާޔަތް ދިނީ އިންޑިއާ ކަމަށްވެފައި ހަސީނާގެ ވެރިކަމުގައި އިންޑިއާއިން ބަންގްލަދޭޝްގެ ދާޚިލީ ކަންކަމުގެ ތެރެއަށްވަދެ ބާރާއި ނުފޫޒު ފޯރުވާފައިވާތީ ހަސީނާގެ ވެރިކަން ވެއްޓުމުން ބަންގްލަދޭޝްގައި އިންޑިއާއަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެ، އެކަހެރިވެފައެވެ.
އިންޑިއާގެ ޑިޕްލޮމެޓުން ވިދާޅުވާ ގޮތުގައި އެ މީހުން ބަންގްލަދޭޝްގައި އުޅެންޖެހިފައިވަނީ ވަރަށް ބިރުވެރި ހާލަތެއްގައެވެ. ރައްޔިތުންގެ ފަރާތުން ހަމަލާތަކެއް އަތުވެދާނެކަމުގެ ބިރަށް ބޭރަށް ނުކުންނަން ވެސް ބިރުގަންނަ ކަމަށް ބަންގްލަދޭޝްގައި ތިއްބަވާ އިންޑިއާގެ ބައެއް ޑިޕްލޮމެޓުންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
ހަސީނާއަށް ހިމާޔަތް ދޭނީ ކިހާދުވަހެއްވަންދެންކަން އިންޑިއާއިން ހާމަކޮށްފައެއް ނުވެއެވެ. އިންޑިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ރަންދީރު ޖަޔަސްވާލް ވިދާޅުވެފައިވާ ގޮތުގައި ހަސީނާ އިންޑިޔާގައި މަޑު ކުރައްވާނެ މުއްދަތެއް އެނގިވަޑައިގަންނަވާނީ ހަމަ ހަސީނާއަށެވެ.
މިކަމުގައި އިންޑިއާއިން ހަސީނާއަށް ފިއްތުންތައް ކުރިމައްޗެއް ނުކުރާނެއެވެ. ހަސީނާގެ ރޭވުންތައް ހުރިގޮތް އޭނާ އިންޑިއާގެ މަސްއޫލުވެރިންނާވެސް ހިއްސާކޮށްފައި ނުވާ ކަމަށް އިންޑިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވިއެވެ.
ހަސީނާގެ ވެރިކަމުގައި ބަންގްލަދޭޝްގެ ދާޚިލީ ކަންކަމަށް އިންޑިއާ އަތްބާނާފައިވާތީ ބަންގްލަދޭޝްގެ އާންމުން އިންޑިއާ ދެކެ ވަރަށް ބޮޑަށް ނުރުހިފައިވާއިރު ބަންގްލަދޭޝްގައި ޗައިނާއަށް މިހާރު ލިބިފައިވަނީ ރަނުގެ ފުރުސަތެއްކަމަށް ރިޕޯޓްތައް ބުނެއެވެ. މި ފުރުސަތު ޗައިނާއަށް ލިބިފައިވާތީ އިންޑިއާ ކަންބޮޑުވެފައިވާކަން ނަންހާމަކުރަން ނޭދޭ އިންޑިއާގެ ޑިޕްލޮމެޓަކު ވިދާޅުވެފައިވެއެވެ.