ރަހުމެއް ނެތި ޣައްޒާގެ އާންމުން މަރާއިރު އަރަބި ލީޑަރުން ތިބީ ކުޅިބަލަން: މައުމޫން

ކުރީގެ ރައީސް މައުމޫން: އެ މަނިކުފާނު ވަނީ ފަލަސްތީނު މައްސަލައިގައި އަރަބި ލީޑަރުންނަށް ފާޑު ވިދާޅުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަހުމެއްނެތި ފަލަސްތީނުގެ ޢައްޒާގައި މީހުން މަރަމުންދާއިރު އަރަބި ލީޑަރުން ތިއްބަވަނީ ކުޅިބަލަން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފިއެވެ.

މި ކަމާ ގުޅުވާ އެމަނިކުފާނުގެ ރަސްމީ އެކައުންޓުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ކޮންމެ ދުވަހަކު އެތައް ސަތޭކަ ކުށެއް ނެތް ޣައްޒާގެ އާންމުން، އިސްރާއީލުން ރަހުމެއްނެތި މަރަމުންދާ ކަމަށެވެ. އެ ކަމާ ގުޅިގެން އަރަބި ލީޑަރުން އެއްވެސް ކަމެއް ނުކުރައްވާތީ މައުމޫން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފައެވެ.

"ކޮންމެ ދުވަހަކު އެތައް ސަތޭކަ ކުށެއް ނެތް ޣައްޒާގެ އާންމުންނެއް އިސްރާއީލުން އެ ދަނީ ރަހުމެއްނެތި މަރަމުން. އަރަބި ލީޑަރުން އެ ތިބީ ކުޅިބަލަން. އެއްވެސް ކަމެއް ނުކުރޭ. ހިތާމައިގެ ކޮޅެއް ނެތް," އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ކުރެއްވި ޕޯސްޓުގައި ވަނީ މިއީ ހިތާމައިގެ ކޮޅެއް ނެތް ކަމެއް ކަމަށް ވެސް ވިދާޅުވެފައެވެ.

މިއަދު ވެސް ފަލަސްތީނުގައި ފަތިސް ނަމާދު ކުރަން ތިބި ބަޔަކަށް ހަމަލާ ދީ 100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލިއިރު އިޒްރޭލާ ދެކޮޅަށް މަސައްކަތްނުކުރާ ކަމަށް ބުނެ އަރަބި އިސްލާމީ ގައުމުތަކުގެ ލީޑަރުންނަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

ރައީސް މައުމޫން ވަނީ މީގެ ކުރިން ވެސް އިސްރާއީލުން ފަލސްތީނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކުރައްވާފައެވެ. އަދި، ރާއްޖޭގެ ރައްޔިތުން ތިބީ ފަލަސްތީނާ އެކުގައި ކަމަށް އެ މަނިކުފާނު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެ މަނިކުފާނު ގެންދަވަނީ ފަލަސްތީނު މައްސަލައިގައި އަޑުއުފުއްލަވަމުންނެވެ.

ރައީސް މައުމޫނަކީ އެ މަނިކުފާނު މިސްރުގައި ކިޔަވަން ހުންނެވި ދުވަސްވަރު އިޒްރޭލުން މިސްރަށް ދިން ހަމަލާތަކުން ދިފާއުވުމަށް އެ ގައުމުން ކުރަމުން ދިޔަ މަސައްކަތްތަކުގައި ވެސް އަމަލީ ގޮތުން ބައިވެރިވެލެއްވި ބޭފުޅެކެވެ.

އިސްރާއީލުން މިސްރަށް ދިން ހަމަލާތަކުން ދިފާއުވުމަށް ކުރި މަސައްކަތުގައި މައުމޫން (ވާތުގައި) ބައިވެރިވަޑައިގަންނަވަނީ--- ފޮޓޯ/ ސޯޝަލް މީޑިއާ

އެ މަނިކުފާނުގެ ވެރިކަމުގައި ވަނީ ގަތުލު އާއްމު ހުއްޓުވުމާއި އަދަބު ދިނުމުގެ މުއާހަދާއާ ހުރިހާ ބާވަތެއްގެ ނަސްލީ ތަފާތުކުރުން ނައްތާލުމުގެ ބައިނަލްއަގުވާމީ މުއާހަދާގެ އިތުރުން ނަސްލު ނައްތާލުން ހުއްޓުވުމާއި އެ ކުށަށް އަދަބު ދިނުމުގެ ބައިނަލްއަގުވާމީ މުއާހަދާގައި ވެސް ސޮއިކުރައްވައިފައެވެ.

މި މުއާހަދާތަކުގައި ސޮއިކުރެވުނީ 1982ގައި ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ލުބުނާންގައި ހިންގި ބޮޑު ގަތުލުއާއްމާ ގުޅިގެންނެވެ.

ރާއްޖެއިން އިޒްރޭލާ ދެކޮޅަށް އަޑުއުފުލުގައި ފަލަސްތީނުގެ ހައްގުގައި ސިޔާސީ ގޮތުން ވާހަކަދައްކަން ފެށީ ވެސް މައުމޫންގެ ވެރިކަމުގައެވެ. އެ ގޮތުން، ޑިސެމްބަރު 15، 1980 ގައި ރައީސް މައުމޫން ވަނީ އިސްރާއީލުގައި އުފެދޭ އަދި އުފައްދާ ތަކެތިކަން އެނގޭ އެއްވެސް އެއްޗެއް ރާއްޖެއަށް އެތެރެކުރުމާއި އަދި ރާއްޖޭގެ އެފަދަ ތަކެތީގެ ވިޔަފާރިކުރުމަކީ މަނާކަމެއް ކަމަށް ނިންމަވައިފައެވެ.

ޔާސިރު އަރަފާތު ރާއްޖެއަށް ވަޑައިގެން ރައީސް މައުމޫން އަރިހުގައި --- ފޮޓޯ/ ވޮނަދަނަ ރާއްޖެ

އޭގެ ފަހުން ރައީސް މައުމޫންގެ ދައުވަތަކަށް ފަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ ޗެއާމަން ޔާސިރު އަރަފާތު ރާއްޖެ ވަޑައިގަތެވެ.

އެ ދަތުރުގައި ކުރެއްވި މަޝްވަރާތަކަށް ފަހު ދެ ގައުމުން ގުޅިގެން އެެއާލައިނެއް ވެސް އެ އަހަރު ހެއްދެވިއެވެ. މި އެއާލައިން އުފެއްދުމުގެ ބޭނުމަކަށްވީ ފަލަސްތީނުގެ މިނިވަންކަމަށް ކުރާ މަސައްކަތަށް މާލީ އެހީ ހޯދުމެވެ. ރާއްޖެއާއި ޕީއެލްއޯ ހިއްސާވާ ގޮތަށް އުފެއްދި މޯލްޑިވް އެއާވޭސްގައި ހަތަރު މަތިންދާބޯޓު ގެންގުޅުނުއިރު މާލެއާއި އައްޑު އަތޮޅު ގަމާއި ސްރީލަންކާއާއި އިންޑިއާގެ ޓްރިވެންޑްރަމާއި މަޑްރާސް އަދި އެކުވެރި އަަރަބި އިމާރާތް (ޔޫއޭއީ)އަށް މި އެއާލައިން ދަތުރުކުރިއެވެ.

ނަމަވެސް، އުދުހެން ފެށިތާ ދެ އަހަރުވީތަނާ 1986 ވަނަ އަހަރު އެއާލައިން ހުއްޓާލަން ޖެހުނީ މާލީ ދަތިތަކުގެ ސަބަބުން ބަނގުރޫޓުވެގެންނެވެ.

comment ކޮމެންޓް