ޔޫރޯގައި ވިދާލި އޯލްމޯ އެނބުރި ބާސާއަށް

ޔޫރޯ މުބާރާތުގައި ވިދާލި އޯލްމޯ: އޭނާ ވަނީ އެނބުރި ބާސާއަށް ސޮއިކޮށްފައި -- ފޮޓޯ/ ގޯލް.ކޮމް

ޖަރުމަނު ބުންޑެސްލީގާގެ އާރު ބީ ލައިޕްޒިގަށް ކުޅެމުންދާ ސްޕެއިންގެ ބައިނަލްއަޤުވާމީ ކުޅުންތެރިޔާ ޑެނީ އޯލްމޯ ސްޕެނިޝް ލަލީގާގެ އެފްސީ ބާސެލޯނާއަށް ސޮއިކޮށްފިއެވެ.

ކުޅިވަރު ރިޕޯޓުތައް ބުނާ ގޮތުގައި ބާސާގެ ޒުވާން ޓީމުތަކުން ކުޅުން ފެށި އޮލްމޯ އެ ޓީމަށް އެނބުރި ގޮސްފައިމިވަނީ 60 މިލިއަން ޔޫރޯގެ އަގަށެވެ. އުމުރުން 26 އަހަރުގެ މި ކުޅުންތެރިޔާވަނީ ބާސާއާ އެކު ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން އޭނާގެ ރިލީސް ކްލޯޒްއަކީ 500 މިލިއަން ޔޫރޯއެވެ.

އޮލްމޯވަނީ ވަރަށް ފަހުން ޖަރުމަނުވިލާތުގައި ނިމިގެންދިޔަ ޔޫރޯ މުބާރާތުގައި ސްޕެއިން ޓީމަށް މޮޅު ކުޅުމެއް ދައްކާ ތިން ލަނޑު ވެސް ޖަހައިދީފައެވެ.

ބާސާއިން ބުނީ، އޮލްމޯއަކީ އޭނާ ކޮންމެ ތާކަށް ކުޅުނު ނަމަވެސް އޭނާގެ ހުނަރު ދައްކާ ކުޅުންތެރިއެއް ކަމަށެވެ. އަދި، އޭނާއަކީ ގޯލާ ރައްޓެހި އަދި ޕެނަލްޓީ އޭރިއާ އެތެރެއާއި ބޭރުން ވެސް ލަނޑު ޖެހުމުގެ ގާބިލުކަން ލިބިފައިވާ ފާހަގަކޮށްލެވޭ ކުޅުންތެރިއެއް ކަމަށެވެ.

މިކަން އޭނާ ނިމިގެންދިޔަ ޔުރޯގައި ވެސް ވަރަށް ރަނގަޅަށް ސާބިތު ކޮށްދީފައިވާ ކަމަށް ބާސާއިން ބުނެއެވެ. ބާސާގެ ޔޫތު ޓީމުން ކުޅުން ފެށި އޮލްމޯ ބާސާ ދޫކޮށް ގޮސްފައިވަނީ 2014 ވަނަ އަހަރު ކްރޮއޭޝިއާގެ ޑީނަމޯ ޒަގްރެބަށެވެ. އަދި، އޭނާ އެންމެ ފަހުން ކުޅެމުންދިޔަ ލައިޕްޒިގްއަށް އޭނާ ބަދަލުވެފައިވަނީ 2020 ވަނަ އަހަރެވެ. އެ ކްލަބްގައި އޭނާ ހޭދަކުރި ދުވަސްތަކުގައި އޮލްމޯވަނީ ޖާމަން ކަޕް ދެ ފަހަރަށް ކާމިޔާބުކޮށްދިނުމުގައި އެހީތެރިވެފައެވެ.

އޮލްމޯވަނީ ލައިޕްޒިގަށް ޝުކުރު އަދާކޮށް މެސެޖުކޮށްފައެވެ. އޭނާގެ ހަނދާނުން ދުވަހަކު ވެސް ލައިޕްޒިގް ފިލައިގެން ނުދާނެ ކަމުގައި ވެސް އޭނާ ބުންޏެވެ. އޮލްމޯ ހޯދުމަށް ޔޫރަޕްގެ ބޮޑެތި އެހެން ކްލަބްތަކުން ވެސް މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް، އެ ކަމަށް އެންމެ ބޮޑަށް މަސައްކަތް ކޮށްފައިވަނީ ބާސާއިން ކަމަށް ވުމުގެ އިތުރުން އޮލްމޯއާ ކުރީއްސުރެ ގުޅުން އޮތުމުން އެކަން ކުރުމުގައި ބާސާއަށް އިތުރަށް ފަސޭހަވީއެވެ.

comment ކޮމެންޓް