ތ. ކިނބިދޫ ސުކޫލުން ދަރިވަރުންނަށް އަމާޒުކޮށްގެން ލެޓިއުސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންދަން ފަށައިފިއެވެ.
މި ކަމާ ގުޅުވައި 'ސަން'އަށް މައުލޫމާތު ދެއްވަމުން އެ ސްކޫލުގެ ޕްރިންސިޕަލް އަހުމަދު އަބްދުﷲ ވިދާޅުވީ، މި މަސައްކަތުގެ މަގުސަދަކީ ދަރިވަރުންނަށް އެ ކަމުގެ މައުލޫމާތު ހިއްސާކުރުމާއި ރަށުގެ ރައްޔިތުން އެ ކަމަށް ޝައުގުވެރިކުރުވުން ކަމަށެވެ.
ލެޓިއުސް ހެއްދުމުގެ ޕްރޮޖެކްޓު ހިންގަން އެންމެ ފުރަތަމަ ސެޓަޕް ހަދައިދިނީ ވެލްނެސް މެޓާ ނަމަކަށް ކިޔާ ޖަމިއްޔާއަކުންކަން ފާހަގަކުރައްވައި ޕްރިންސިޕަލް ވިދާޅުވީ، ފުރަތަމަ މި ހަކަރާތް ކުރިއަށް ގެންދިޔައީ ސުކޫލުގެ ސްޓާފުންގެ މެދުގައި ކަމަށެވެ.

ގްރޭޑް ދިހައެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ގެންދިޔަ ލެޓިއުސް އިންދުމުގެ ހަރަކާތުގެ ތެރެއިން: އެ ސުކޫލުގެ ޕްރިންސިޕަލް ވިދާޅުވީ މި ޕްރޮގްރާމް ފަހަރަކު ގްރޭޑަކަށް ކުރިއަށް ގެންދާނެ ކަމަށް --- ފޮޓޯ/ ކިނބިދޫ ސުކޫލު
އޭގެ ފަހުން މިދިޔަ މަހުގެ ދެއެއްގައި ގްރޭޑް ދިހައެއްގެ ދަރިވަރުންނަށް އެ ޕްރޮޖެކްޓު ފެށި ކަމަށާއި ފަހަރަކު ގްރޭޑަކަށް އަމާޒުކޮށް އެ ހަކަރާތް ގެންދިޔުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ، މި ހަކަރާތުގައި ލެޓިއުސް އިންދައި، ހައްދައި އެ ވިއްކުމާ ހަމައަށް ހުރިހާ މަސައްކަތެއް ކޮށްފައިވަނީ ގްރޭޑް ދިހައެއްގެ ދަރިވަރުން ކަމަށެވެ.
އިއްޔެ އެއީ އަސްލު ހާވެސްޓު ކުރި ދުވަސް. ހާވެސްޓު ކުރިއިރު ހަމަ މިކޮޅަށް ހަމަ ކުރިން އެޑްވާންސްކޮށް އިޝްތިހާރުކޮށްފައި ހުރީމައި ރަށު ތެރެއިން މީހުން އަންނާނެތާ. ދެން ކުދިން ތިބީ ސްޓޯލްގޮތަށް މޭޒު ބަހައްޓައިގެން، ކިރާ ތަނަކާ ފައިސާ ބަލައިގަންނަ ކުދިންގެ ގުރޫޕަކާ. އެ ގޮތަށް އެކަން ކުރީ،ކިނބިދޫ ސުކޫލުގެ ޕްރިންސިޕަލް އަހުމަދު އަބްދުﷲ
މީގެ އިތުރުން، މި ފަހަރު 158 ލެޓިއުސް ގަސް ހައްދާފައިވާއިރު، މައިގަނޑުކޮށް ގާތްގަނޑަކަށް ގަހެއްގައި 300 ގުރާމާއި 400 ގުރަމާ ދެމެދުގެ އަދަދެއް ހުންނަ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

ގްރޭޑް ދިހައެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ގެންދިޔަ ލެޓިއުސް އިންދުމުގެ ހަރަކާތުގެ ތެރެއިން: އެ ސުކޫލުގެ ޕްރިންސިޕަލް ވިދާޅުވީ މި ޕްރޮގްރާމް ފަހަރަކު ގްރޭޑަކަށް ކުރިއަށް ގެންދާނެ ކަމަށް --- ފޮޓޯ/ ކިނބިދޫ ސުކޫލު
ލެޓިއުސް ވިއްކާފައިވަނީ ކިލޯއަކަށް ގާތްގަނޑަކަށް 200 ރުފިޔާގެ މަގުންނެވެ.
އެ ގަސްތައް ހެއްދުމާއި ވިއްކުމާއި ހުރިހާ ކަމެއްގައި ވެސް ހަރަކާތްތެރިވަނީ އެ ސްކޫލުގެ ދަރިވަރުންނެވެ.
ޕްރިންސިޕަލް ވިދާޅުވީ، އޮށް އިންދާތާ 40 ދުވަހުގެ ތެރޭގައި ލެޓިއުސް ކެނޑޭ ކަމަށާއި އަންނަ އާދިއްތަ ދުވަހު އެ ޕްރޮގްރާމް ގްރޭޑް ނުވައަކަށް ފެށޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި، މި ޕްރޮގްރާމް ބެލެނިވެރިން ކުރިއަށް ގެންދިޔުމުގެ ވިސްނުން ގެންގުޅުއްވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.