އިންޑިއާގެ އެކްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ދަށުން ނިމިފައިވާ މަޝްރޫއުތަކެއް އިފްތިތާހުކޮށްފިއެވެ.
މި މަޝްރޫއުތައް އިފްތިތާހުކުރީ މިހާރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިރޭ ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
އެގޮތުން، އިންޑިއާގެ އެގްޒިމް ބޭންކުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ތެރޭގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކުރި މެންޓަލް ހެލްތު ޔުނިޓާއި ކުޅުދުށްފުށި ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކުރި ޗައިލްޑް ޑިވެލޮޕްމަންޓު ސެންޓަރާއި ތިނަދޫ ސިޓީ އަބޫބަކުރު ގާއިމުކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓު ހިމެނެއެވެ.
އޭގެއިތުރުން، އިހައްދޫ ސުކޫލުގައި ގާއިމުކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓާއި ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި ގާއިމުކުރި އިންކުލޫސިވް ސަޕޯޓް ޔުނިޓުގެ އިތުރުން ތ. ތިމަރަފުށި ތ. ވޭމަންޑޫގެ އިތުރުން ގއ. ކޮނޑޭގައި ކުރިއަށް ގެންގޮސްފައިވާ މަގުބައްތި ހަރުކުރުމުގެ މަޝްރޫއު ހިމެނެއެވެ.
މި މަޝްރޫއުތަކުގެ ނިންމުން ފާހަގަކޮށްފައި ވަނީ ފޮރިން މިނިސްޓްރީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި މަޝްރޫއުތައް ރަސްމީކޮށް ހުޅުވާދެއްވީ އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.
މީގެއިތުރުން، މި ރަސްމިއްޔާތުގައި ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއީ އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީ އާއި އިންޑިއާގެ ނެޗުރަލް ޕޭމަންޓް ކޯޕަރޭޝަނާ ދެމެދުވި އެއްބަސްވުމަކާއި ސިވިލް ސާވިސް ކޮމިޝަނުގެ 1،000 މުވައްޒަފަކު ތަމްރީނުކުރުމަށް، އެ ކޮމިޝަނާއި އިންޑިއާގެ ނެޝަނަލް ސެންޓަ ފޯ ގުޑް ގަވަނެންސްއާ ދެމެދުވި އެއްބަސްވުމެކެވެ.
ތިން ދުވަހަށް ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާ ބައްދަލު ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.